ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވަންޓުން ސިޔާސީ ވަކި ބަޔަކަށް ގުލާނު ކުރުން މަޖުބޫރެއް ނޫން: ރައީސް

ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލްސަވަންޓުންނަކީ އެ މީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ގެނައި 08 ވަނަ އިސްލާހާ އެކު ސިވިލް ސާވަންޓުން ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާފައިވާކަމަށް ބުނެ ނިމިދިޔަ ހަފްތާގެ ތެރޭގައި ބަހުސް ކުރެވުނެވެ. މަސައްކަތުގެ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް ރަސްމީ މަސައްކަތެއް ކުރަމުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ ފިޔަވަޅު އަޅާ ގޮތަށް ގަވައިދުގައި ހިމަނާފައިވެ އެވެ.

ހަމަ އެއާއެކު، މުވައްޒަފެއް އޭނާގެ ޒިންމާ އަދާކުރާއިރު ވަކި ކޮޅަކަށް ބުރަވެ ހުންނަކަން ދޭހަވާ ފަދަ ގޮތަކަށް، ނުވަތަ ޒިންމާތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުންވެސް އޭނާ ވަޒީފާއިން ވަކި ކުރެވޭނެއެވެ. އޭގެ ތެރޭގައި އެހެން މީހުންނަށް ހިދުމަތް ދޭއިރު ސިޔާސީ ފިކުރާ ގުޅުވައިގެން ތަފާތުކުރުން ގެންގުޅުން ހިމެނެއެވެ. ނަމަވެސް ރަސްމީ މަސައްކަތު ނޫން ގަޑިތަކުގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގައި މުވައްޒަފަށް ގަވައިދުގެ ދަށުން ހުރަހެއް ނޯންނާނެއެވެ.

މީޑިއާތަކުން އެ އިސްލާހުގެ ހަބަރުތައް ގެނައުމުން ސިވިލް ސާވިސް ކޮމިޝަނުން ބުނީ، މީގެ ކުރިން ގަވާއިދުގައި ކުރިން އޮންނަނީ ސިޔާސީ ހަރާކާތް ކޮންމެ ފަދަ ގޮތަކަށް މާނަކޮށްގެން ވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅޭ ގޮތަށް ކަމަށެވެ. އެކަމަކު އަލަށް ގެނައި އިސްލާހުގައި އެކަން ހުއްޓޭނެކަމަށް ބުންޏެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ގައުމާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ، ރާއްޖޭގައި އެއްވެސް ސިވިލް ސާވިސް މުވައްޒަފަކަށް ސިޔާސީ ފިކުރެއްގެ ތެރެއަށް ވަނުމަށް މަޖުބޫރު ނުކުރާނެ ކަމަށެވެ. އަދި އެއީ ސަރުކާރުން އެދޭ ގޮތެއް ވެސް ނޫންކަމަށާއި، ސިޔާސީ ވަކި ހަރަކާތެއްގައި ބައިވެރިވުމުގެ ސަބަބުން އެ މުވައްޒަފު މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށް ނުވަތަ އޭނާ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިވިލް ސާވަންޓުންނަކީ އެ މީހަކު ގަބޫލު ކުރާ ސިޔާސީ ފިކުރެއްގައި ދެމި ހުރެވޭނެ މިނިވަނެއް ކަމަށެވެ. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށް ދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުން ދޭ އެއްވެސް ހިދުމަތެއްގައި ސިޔާސީ އެއްވެސް ކުަލެއް ހުރެގެން ނުވާނެ ކަމަށެވެ. އަދި އޭގެއިން ކޮންމެ މުވައްޒަފެއްގެ ވެސް އެންމެ މުހިންމު އެއް ޒިންމާއަކަށް ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި ވައުދުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ތަންފީޒު ކުރުންކަމަށް ވިދާޅުވި އެވެ.

“ސިވިލްސާވަންޓުން ދެއްވާ ހިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ… ކުރައްވަން ޖެހޭނެހާ ވެސް ކަމަކީ ސަރުކާރުގެ ސިޔާސަތާއި ވައުދުތައް އޭގެ ގޮތުގައި ތަންފީޒު ކުރެއްވުން… އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ގައުމީ ހިދުމަތުގެ ފައުޖު..” ރައީސް

ކުށުގެ ދަރަޖަތައް ބަޔާންކުރާއިރު އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ހިމަނާފައި އޮތީ މަސައްކަތު ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމެވެ. އެ ކުށުގެ އަދަބަކީ އަނގަ ބަހުން ނުވަތަ ލިޔުމުން އިންޒާރު ދިނުމެވެ. އަދި ސިޔާސީ ބަހުސް ކުރުން ނުވަތަ ދެ ބަސްވުންތަކަށް ދިއުން އެއީ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ އަމަލަކަށް އެ ކުށް ނުކުރުމަށް ނަސޭހަތް ދޭނީ ލިޔުމަކުންނެވެ.

މައުލޫމާތު ސާފު ކުރުމުން ސީއެސްސީން ބުނީ، މީގެ އިސްލާހުގައި ވާކަންކަން އިތުރަށް ފުޅާގޮތެއްގައި މާނަކޮށް، ތަފްސީލު ކުރީކަމަށެވެ. “ސަންގު” އާއި ވާހަކަ ދައްކަވަމުން ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާ ވިދާޅުވީ، މީގެ ކުރިން ގެޒެޓުގައިވާ އިސްލާހުން ވަޒީފާއިން ވަކި ކުރެވޭނެކަމަށް ބަޔާން ކުރާ ހާލަތްތައް އެހާ ސާފެއް ނޫން ކަމަށެވެ. އެހެން ކަމުން މިއީ ކުރީގެ ގަވައިދަށް ވުރެ ރަނގަޅު އިސްލާހެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މި މައުޟޫގައި ރައީސް އިތުރަށް ވިދާޅުވީ ހިޔާލުފާޅު ފާޅު ކުރުމާއި ދުލާއި ގަލަމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވާކަން މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށެވެ. ވަކި ރައްޔިތަކު، ނުވަތަ ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިސްކުރަން ކުރަން ހަމައެކަނި އޮތީ ލާބަ އާއި ގައުމީ މަސްލަހަތުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ހާސް ފަހަރު ގޮތް ދޫކޮށް ރައްޔިތުން އެދޭ ގޮތަށް ދީލާލުމަށް ވުރެ ވަކި މޮޅުކަމެއް ޖުމްހޫރީ ވެރިކަމެއްގައި ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މުޅި ގައުމުގެ މަސްލަހަތާ އެންމެންގެ ލާބައާއި ގައުމިއްޔަތުގެ ރުކުންތަކުގައި ބަދަލު ނުވާނެ އަދި ގުޑުވާ ނުލެވޭނެ ކަންކަން ހުންނާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: