ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސެމްބަރު މަސް ތެރޭ ޕާކިން ސްލޮޓްތައް އޮންލައިންކޮށް ބުކް ކުރެވޭގޮތަށް ހަދަނީ

އޮންލައިންކޮށް ޕާކިން ސްލޮޓް ބުކް ކުރެވޭނެ ގޮތް ހަދާނެކަމަށް މޭޔަރު އިއުލާންކުރެއްވި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ޕާކިން ސްލޮޓްތައް އޮންލައިންކޮށް ބުކް ކުރެވޭނެ ނިޒާމެއް ގާއިމްކުރާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް ހަމަސް ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މަގުމަތީގެ ތަފާތު އެކި މައްސަލަތަކާއި ޕާކިންގެ މައްސަލަތައް ކަަމަށެވެ.

މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރުމަށް ޖާގަ ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ގެނައުމަށް ތަފާތު އެކި މަސައްކަތްތައް ކުރެވެމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ކާނިވާ ސަރަހައްދުގައިވެސް ސައިކަލާއި ކާރުތަކަށް ޚާއްސަކޮށް އިތުރު ޕާކިން ސްލޮޓްތަކެއް އުފައްދާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން 500 ސައިކަލުގެ ޖާގަ އަދި 100އަށްވުރެ ގިނަ ކާރު ޕާކުކުރެވޭނެ ޖާގަ ކާނިވާ ސަރަހައްދުގައި ގާއިމްކޮށްދެވޭނެކަމަށް މޭޔަރު ވިދާޅުވިއެވެ. ކާރުތަކަަށް ޚާއްސަކުރާ ޖާގައިގެ ތެރެއިން ދެބައިކުޅަ އެއްބައި ޚާއްސަ ކުރާނީ ޓެކްސީތަކަށްކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމާއި ޕާކިން ސްލޮޓްތައް ގަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެއާއެކު ޕޯޓަލް މެދުވެރިކޮށް ރިއަލް ޓައިމްގައި ޕާކިން ސްލޮޓްތަކުގެ ތަފްސީލްތައް ފެނިގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް އެކަން ކުރަން ފެށުމުން އެވަގުތު ހުސްކޮށް ހުރީ ކޮން ހިސާބެއްގައި ހުރި ޕާކިން ސްލޮޓްތަކެއްކަން އެނގިގެންދާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ފްލައިޓެއްގެ ސީޓު ބުކް ކުރާ އުސޫކުން ޕާކިން ސްލޮޓްތައް ބުކް ކުރަން ހުޅުވާލާނެ ކަމަށާއި ޕާކިން ސްލޮޓްތަކަށް ފައިސާ ދައްކައިގެން ކުއްޔަށް ނެގޭ ނުވަތަ ގަނެވޭ ގޮތަށް ބަދަލުތައް ގެންނާނެކަމަށް މޭޔަރު ވިދާޅުވިއެވެ. މިކަން މިގޮތަށް ކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި މިކަމަށް ހުޅުވާލާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ މިދައުރުގެ ކުރީކޮޅު ހުޅުވާލި ފުރުސަތަށް އިޖާބަދިން މީހުންގެތެރޭގައި އަންނަ މަހުގެ ކުރީކޮޅު ގުރުއަތުލުން ނަގާނެކަމަށް މޭޔަރު ވިދާޅުވިއެވެ. މި ގުރުއަތުލުމަކީ ޕާކިން ސްލޮޓްތަކަށް އެދި ކުރިމަތިލީ މީހުންގެ މެދުގައި ނަގާ ގުރުއަތެއްކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ގުރުއަތުން ހޮވޭ އާންމުންނަށް ފަހުން އިތުރުކުރި ޖާގަތަކުގެ ކުރިން ހުރި ޖާގަތަކުން ޕާކްކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. އެއަށްފަހު ހުޅުވާލެވޭ ޖާގަތަކަށް ބުކްކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށާއި މަލްޓި ޔޫޒް ޕާކިން ސިސްޓަމް ގާއިމްކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޭޔަރު ވިދާޅުވިއެވެ.

“ކުރީގެ ސިޓީ ކައުންސިލްއިން ކުރިއަށްގެންދިޔަ މަގު ހެދުމުގެ މަޝްރޫއުވެސް އެބަ ކުރިއަށްގެންދަން. އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެމަޝްރޫއު ހަރުދަނާކޮށް ކުރިއަށްއެބަ ގެންދަން!” މޭޔަރު ޑރ މުއިއްޒު

މިރަސްމިއްޔާތުގައި ސިޓީ ކައުންސިލްއިން އެކުލަވާލާފައިވާ ލޭންޑް ޔޫޒް ޕްލޭނަށްވެސް މޭޔަރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިޕްލޭން އެކުލަވާލާފައިވަނީ އާންމުންނާއި ވަރަށް ގުޅިގެން ކަމަށާއި 1180އަށްވުރެ ގިނަ ކޮމެންޓާއި ހިޔާލު މިޕްލޭނާއި ގުޅިގެން ސިޓީ ކައުންސިލަށް ލިބިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. މިޕްލޭން ވަރަށް އަވަހަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރއަށް ފޮނުވާނެކަމަށާއި މިޕްލޭން މިނިސްޓްރީއިން އެޑޮޕްޓްކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ޕްލޭނިން މިނިސްޓްރީއަށް މިޕްލޭން ހުށައެޅުމުގެ ކުރިން ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް އާންމުންގެ ހިޔާލަށް ހުށައަޅާނެ ކަމަށެވެ. މިޕްލޭނަކީ ގާނޫނީ އޮނިގަނޑުގެ ދަށުން އެކުލަވާލާފައިވާ ލޭންޑް ޔޫޒް ޕްލޭން ކަމަށާއި މިޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކިން ސިސްޓަމް އެޅުމަށާއި ކަނބަލުންނަށް ޚާއްސަކޮށް އުފެއްދުންތެރިކަމުގެ ބާވަތްތައް ވިއްކާނެ ސަރަހައްދުތަކެއް ކަނޑައަޅާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: