ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމަރަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީއަށް!

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަައިގައި އޭނާގެ މައްޗަށް ތަހުގީގުކޮށްދޭން އެދި އޭސީސީން މައްސަލަ ޕީޖީއަށް ހުށަހަޅައިފި އެވެ.

ޕީޖީއަށް މައްސަލަ ފޮނުވައި އޭސީސީން ބުނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކުރި އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލުކުރަމުން ދާ އުސޫލުގެ ބޭރުން ކަމަށެވެ. އަދި އެ މަރުހަލާ ކުރިޔަށް ގެންދިޔައީ އުމަރުގެ އިރުޝާދުގެ ދަށުންކަމަށް ވަނީ ބުނެފަ އެވެ.

މި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 މީހުންނަކީ ވެސް އުމަރުއާ ގާތްގުޅުން އޮންނަ ބައެއްކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ. އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެއީ އޭޏާ ކްލޯޒް އެސޯސިއޭޓުންކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން، ސްޓެލްވާޓަކީ އުމަރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏަކަށްވާއިރު، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަގެ ގޮތުގައި ބައިވެރިވީކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީގެ ބަޔާނުގައި ވާ ގޮތުން ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓު ކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވެއެވެ. އަދި ހަމައެހެންމެ، ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް، މަސައްކަތާ ހަވާލު ވާނެ ފަރާތެއް ކަނޑައަޅަން ވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު އަމަލު ކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އޭސީސީން ބުނީ މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ހަވާލު ކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ސޮއިކޮށް ފިނޭންސްއަށް ފޮނުވިކަން އޭސީސީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެހެންކަމުން، މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ހިލާފަށް ބިޑު ކޮމެޓީއަށް ހުށަ ނާޅާ މި މަސައްކަތް ސްޓެލްވާޓާ ހަވާލު ކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައި ވަނީ އުމަރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަމަށް ވާތީ އޭސީސީން އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅަން ނިންމީ އެވެ.

އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000.00 (ފަސް ލައްކަ ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދި އެ ފައިސާ އެ ކުންފުންޏަށް ދީފައި ވަނީ، ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަމަށް އޭސީސީން ބުނެ އެވެ.

އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އުމަރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް އެނގޭކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: