ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއަށް ނަތީޖާ ނުދެއްކުނު، ކޮމެޓީއިން ނިންމީ މެމްބަރުން ވަކިކުރަން!

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިއަދު ވަނީ ނިންމާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއިން ފާސްކޮށްފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިންމީ ވޯޓުގައި ބައިވެރިވި އެމްޑީޕީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މެމްބަރުން ވަކިކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު މެމްބަރުންގެ ތެރެއިން އެކަށީގެންވާ މަސައްކަތްކޮށްފައިނުވާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޮޑިޓު ކޮމެޓީއަށް ހުށައެޅުމުން މެމްބަރުން ވަކިކުރުމަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)އެވެ. މިހުށައެޅުމަށް ތާއީދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޮމިޝަނަށް ލިބިދީފައިވާ ބާރު ބޭނުންނުކުރާ ކަމާއި ކޮމިޝަންގެ މަސަައްކަތްތައް ނުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އޮޑިޓު ހުށައެޅިއިރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 1600އަށް އަރާ ކަމަށާއި ދިގުލައިގެންގޮސް 3 އަހަރުވެފައިވާ މައްސަލަތަކުގެ އަދަދު ގާތްގަނޑަކށް 300އަށް އަރާ ކަމަށެވެ. އަދި މިއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ކޮމެޓީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ނިންމާލާފައިވާއިރު މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށްފަހު މިމައްސަލަ ކުރިއަށްގެންދިޔުމަށް ވަނީ ބައެއް މެމްބަރުން ވަނީ ހިޔާލު ފާޅުކޮށްފައެވެ. އެހެންނަމަވެސް އެކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެކަމާއިމެދު ގޮތެއް ނުނިމިއްޖެނަމަ، މިމަސައްކަތް ދެން ކުރިއަށްގެންދެވޭނީ އަންނަ އަހަރުގެ މަޖިލިސްގެ ދައުރު ފެށުމަށްފަހުއެވެ.

ކޮމެޓީގެ މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔުމެވެ. މިމައްސަލައާއި އޭސީސީގެ މަސައްކަތުގެ ސްޕީށް ޖުމްލަކޮށް ލަސްވުމާއި ގުޅިގެން  ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނިންމުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށާއި އިތުރު މުވައްޒަފުންވެސް ބޭނުންވާނެކަމަށެވެ. އާންމު އުސޫލެއްގެ ގޮތުގައި ބަލާއިރު، އެމްއެމްޕީއާރްސީ ފަދަ ޚިޔާނާތުގެގެ މައްސަލަ ބަލައި ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކާއި ބަޖެޓުން ސަރުކާރާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ސްޕީޑްގައި އެމަސައްކަތް ކުރިއަށްނުދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގަބޫލުކުރާނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ގަބޫލުކުރައްވާކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ ރައީސާ ޝިއުނާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ކޮމެޓީގެ ބައެއް މެމްބަރުން ވަނީ އެކަށީގެންވާ ވަސީލަތްތަކާއި ހިޔުމަން ރިސޯސް ނެތްކަން ކޮމިޝަނުން ފާހަގަކުރުމުން ކޮމިޝަނުން ބޭނުންވާ ގޮތަށް ސްޓްރަކްޗަރ ބަދަލުކުރުމަށް ބޭނުންވާ ކަންކަން ހުށައެޅުމަށް ކޮމިޝަނަށް ދަންނަވާފައިވާނެކަމަށް ކޮމެޓީ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިއްސާކުރައްވާފައިނުވާކަން ކޮމެޓީގެ މެމްބަރުން ފާހަގަކުރައްވައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގެ އިތުރުން ވެންޓިލޭޓަރު މައްސަލާގައިވެސް އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އޭސީސީއިން ތިން ފަހަރަށް ވެންޓިލޭޓަރު މައްސަލާގައި ދައުވާކޮށްދިނުމަސް ފޮނުވުމުންވެސް ބައެއް ކަންކަން ފުރިހަމަނުވާކަމަށް ބުނެ ޕީޖީއިން ތިން ފަހަރުމަތިންވެސް އެމައްސަލަ ވަނި އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: