ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ނައިބްރައީސްގެ އިސްތިއުފާ ސިޓީ: މިއީ ނުފޫޒު ނުފޯރުވުނު ހަމައެކަނި ދައުރު!

ކޮމިޝަންގް ނައިބްރައީސް ކަމުގައި ހުންނެވި އަނޫލާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މިދައުރަކީ ނުފޫޒު ނުފޯރުވުނު ހަމައެކަނި ދައުރުކަމަށް ކޮމިޝަންގެ ނައިބްރައީސް ފާތިމަތު އަނޫލާ ވިދާޅުވެއްޖެއެވެ.

އޭސީސީގެ މެމްބަރުކަމުން އިސްތިއުފާދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި އަނޫލާ ވިދާޅުވީ ފާއިތުވި 13 އަހަރުގެ ތެރޭގައި ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް ބޯނުލަނބައި ވަކި ބައެއްގެ ނުފޫޒު ނުފޯރުވި މަސްއޫލިއްޔަތު އަދާކުރި ދައުރެއް މިދައުރު ނޫނީ ނެތް ކަމަށެވެ.

އަނޫލާގެ ސިޓީގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަޒުމަކަށްވީ ކޮންމެ ހާލަތެއް މެދުވެރިވިޔަސް “ތެދު”ގެ މަތީގައި ސާބިތުވެ ހުރުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މީހާއަށްވުރެ، ކޮރަޕްޝަން އުފުލިފައިވާ މީހާގެ ހައިބަތު އިސްވެ، އެނގި ފާޅުވާން އޮތް ހަގީގަތެއް އެހެން ގޮތަކަށް ދައްކައި މެދުވެރިކުރުވި ސަބަބުތަކުގެ ބޭއިންސާފުގެ ކުރިމަތީގައި ނަފްސުގެ އަގު މާބޮޑުކަމަށް އަނޫލާ ވިދާޅުވެފައިވެއެވެ.

ހަމައެއާކު މެމްބަރުން ވަކިކުރުމަށް ކުރި މަސައްކަތަކީ މިފަހުގެ ތާރީހުގައި ހިނގަންފެށި ކަމެއްނޫންކަންވެސް ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަން ފާއިތުވި ދެއަހަރު ތެރޭ ކޮށްފައިވާ މަސައްކަތުން ހާމަވާކަމަށްވެސް އަނޫލާ ވިދާޅުވިއެވެ. އަދި ފެށުނީއްސުރެ ކޮމިޝަން ފެއިލްކޮށްލަން ނިޒާމްގެ އެތެރެއިންނާއި ބޭރުން މަސައްކަތް ކުރި ކަމާއި ދުރާލާ އަމާޒުކޮށްގެން އެކި ފެންވަރުގައި މިމަސައްކަތްކުރިކަން ހާމަވާކަމަށް އަނޫލާ ވަނީ ރައީސަށް ދަންނަވާފައެވެ.

އަނޫލާގެ ސިޓީގައި މިމަސައްކަތް ތެދުވެރިކަމާއި ޖެހިލުންވުމެއްނެތި ކުރެއްވުނުކަން ގަބޫލުކުރައްވާކަމަށް ވަނީ ލިޔުއްވާފައެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި މިދައުރުގެ މެމްބަރުންނަށް ނިސްބަތްނުކުރެވޭނެކަން ތަބީއީ ގާނޫނުތަކާއި އުސޫލުތައްހާ ސާފުކޮށް އެނގެން އޮތް ކަމެއްގެ މައްޗަށް ބިނާކޮށް މެމްބަރުން މަގާމުން ދުރުކުރުވުމަށް ސްޓޭޖްކުރެވިގެންދިޔަ ކަންކަން އަނޫލާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގެ ތެދުވެރިކަން މިންކުރުމަށް ބޭނުންކުރެވޭނެ އެއް މިންގަނޑަކީ އެމަސައްކަތް ކުރާ މީހުންނާއިމެދު ނަފްރަތުވެ، މަސައްކަތް ނާކާމިޔާބުކޮށްލުމަށް މަސައްކަތް ކުރާ މީހުން ގިނަވުންކަމުގައި އަނޫލާ ލިޔުއްވާފައިވެއެވެ. މިފަދަ މީހުންގެ ތެރޭގައި ނުފޫޒުގަދަ މީހުން ގިނަނަމަ، އެއީ ކޮރަޕްޝަނާއި ދެކޮޅަށް ރަނގަޅު މަސައްކަތްތަކެއް ކުރެވެނީކަމަށް އަނޫލާ ވަނީ ލިޔުއްވާފައެވެ. އޭގެ ބަދަލުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް އެފަދަ މީހުން ވާގިވެރިވާނަމަ އެއީ ސަމާލުވާންޖެހޭ ކަމެއްކަމަށް އަނޫލާ ވަނީ ރައީސަށް ފޮނުވި ސިޓީގައި ފާހަގަކުރައްވާފައެވެ.

ކޮމިޝަންގެ ރައީސް ޝިއުނާ، ނައިބްރައީސް އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ތިން މެމްބަރުން އިސްތިއުފާ ދެއްވިއިރު ކޮމިޝަންގައި ތިއްބެވީވެސް ތިން މެމްބަރުންނެވެ. އޭގެ ކުރިން ކޮމިޝަންގައި ތިބެއްވި ދެ މެމްބަރުން ވަނީ މީގެ ކުރިން އިސްތިއުފާ ދެއްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޕަރފޮމަންސް އޮޑިޓެއް ހެދުމަށް ނިންމައި އެކަމުގެ މަސައްކަތް ފެށީ ހުސްވި މަސްތެރޭގައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ހުސްވި ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ އޭސީސީގެ މެމްބަރުން ވަކިކުރުމަށް ނިންމިއެވެ. އޭސީސީގެ މެމްބަރުންގެ ޕާފޮމަންސް އޮޑިޓެއް އެކުލަވާލައި ވަކި ވަކި މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަށީގެންވާ މަސައްކަތް ނުކުރާ މެމްބަރުން ވަކިކުރުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ނިންމިއެވެ. ޕަރފޮމަންސް އޮޑިޓް އެކުލަވާލާފައިވަނީ 1 ޖެނުއަރީ 2015 އިން ފެށިގެން 31 ޖުލައި 2020 އާއި ހަމައަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ.

ޕަރފޮމަންސް އޮޑިޓް އެކުލަވާލުމަށްފަހު މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ނިންމިއެވެ. ކޮމެޓީއިން މިގޮތަށް ނިންމާފައިވާއިރު، މެމްބަރުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްވެސް ކޮމެޓީއިން ނިންމެވިއެވެ. މެމްބަރުން އާދިއްތަ ދުވަހު ކޮމެޓީއަށް ޖަވާބުދާރީވުމަށްފަހު ހޯމަ ދުވަހު މިވަނީ އިސްތިއުފާ ދެއްވާފައެވެ.

މެމްބަރުން ދިފާއުގައި އާންމުކުރެއްވި ބަޔާނުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮޑިޓުގައި ހިމެނޭ 05 އަހަރުގެ މުއްދަތުގެ ތެރެއިން 04 އަހަރާއި 08 މަސް ދުވަހަކީ އެއީ ކުރީގެ މެމްބަރުންގެ މުއްދަތުކަން ހިމެނެއެވެ. އަދި މަގާމަށް އައްޔަނު ކުރި ފަހުން 02 އަހަރާއި 03 މަސް ދުވަސްވީއިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި އޮތް އޮޑިޓު ރިޕޯޓުގައި ހިމެނެނީ މެމްބަރުންގެ އެންމެ 10 މަސް ދުވަސް ކަމަށްވެސް ދިފާއުގައި އާންމުކުރި ބަޔާނުގައިވެއެވެ. ހަމައެއާއެކު ރިޕޯޓުގައި ހިމެނޭ މި ދައުރުގެ މެމްބަރުންގެ މަސަައްކަތަކީ ކޮވިޑުގެ ދުވަސް ވަރު ކަމަށެވެ. 04 މަސް ދުވަސް އެއީ ކޮވިޑުގެ ސަބަބުން މާލޭގެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އޮފީސްތަކުގެ މަސައްކަތްތައް ހުއްޓިގެން ދިޔަކަންވެސް ބަޔާނުގައި ވަނި ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލަން ފެށުމާއެކު ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރަކުވެސް އިސްތިއުފާ ދެއްވިއެވެ. އަދި މިއަދު ބާކީ ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވުމާއެކު ކޮމިޝަން މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 13%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: