ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިރިމީހާ ޖަމާކުރީ ޑްރަގްސް ވިޔަފާރީގެ ފައިސާ، އަނބިމީހާއަށް މަނީލޯންޑްރިންގެ ދައުވާ!

ފިރިމީހާ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރި ރާމިޒާ އަލީގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ފައިސާ، އެކައުންޓަށް ޖަމާކުރުމުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ އޭގެއިން މަންފާ ހޯދިކަމަށް ބުނެ އޭނާގެ އަނބިމީހާގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިން ކުށުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވައިފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ، ލަކީލާސްޓް ރާމިޒާ އަލީގެ މައްޗަށެވެ. އަދި މިއީ މިފަދަ ކުށެއްގައި މީހެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ރާމިޒާގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން އޭނާގެ ފިރިމީހާ، ގދ. ތިނަދޫ، ރަންގަލް ހަސަން ލޫތުއަށް މައްސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތަށް ޖެނުއަރީ 12، 2021 ގައި ހައްޔަރުކޮށް މަނީލޯންޑްރިން އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އޭނާ މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ގެސްޓު ހައުސްއެއް ބަލާ ފާސްކޮށް، ލޫތު ހައްޔަރު ކުރީ ގިނަ އަދަދެއްގެ ފައިސާ އާއި އެކު އެވެ. އަދި ގެސްޓް ހައުސްއިން ލޫތާއި އެކު ހައްޔަރު ކުރި މީހުންނާއި ގުޅުން ހުންނަ ތަނެއް ބަލާ ފާސްކުރިއިރު އެއް މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އެތަނުން ތަހުގީގަށް ހޯދި އެވެ.

މައްސަލައިގައި ހިމެނޭ ލޫތު މާލޭގައި ދިރިއުޅުނު ނަމަވެސް ރާމިޒާ އަކީ ތިނަދޫގައި ގުރުއާން ކިޔަވައިދޭ މީހެކެވެ. އޭނާ މާލެ އައީ ލޫތު ހައްޔަރު ކުރުމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތު ކުރެވޭ ލޫތު، އޭނާއަށް ލިބުނު ފައިސާ ރާމިޒާގެ އެކައުންޓަށް ޖަމާކުރުމުން އޭނާ އެ ފައިސާ ބޭނުންކުރިކަމަށް ނުވަތަ މަންފާ ނެގިކަމަށް ބުނާ މައްސަލައި ހައްޔަރުކޮށް އަޑުއެހުންތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ދައުލަތުން ރާމިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވަމުން ބުނީ، އޭނާ އެ ފައިސާ ބޭނުން ކުރީ ފައިސާއާއި މެދު ޝައްކު އޮއްވައި ކަމަށެވެ. 2020 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާމިޒާގެ އެކައުންޓަށް ލޫތު ޖަމާކުރިކަމަށް ބުނާ 95،000 ރުފިޔާ އާއި އެކު އޭގެ ފަހުން ވެސް ގިނަ އަދަދެއްގައި ފައިސާތަކެއްގެ ވާހަކަ ދައުވާފައި ފާހަގަ ކުރެ އެވެ. އަދި އެ މައްސަލައިގައި ދައުލަތުން ބުނީ ރާމިޒާ ލޫތު ބަންދުގައި ހުރި ދުވަސްތަކުގައި ވެސް އެ ފައިސާ ބޭނުން ކުރި ކަމަށެވެ.

އެއީ މަނީލޯންޑްރިންގެ ކުށެއްގެ ގޮތުގައި ފަހާގަކޮށް ދައުލަތުން ބުނީ، ރާމިޒާ ބޭނުންކުރި ފައިސާ އެއީ މަސްތުވާތަކެތީގެ ވިޔަފާރިން ލޫތު ހޯދި ފައިސާކަން ޝައްކު ކުރެވޭ ހާލަތެއް އޮތް ކަމަށެވެ. އެކައުންޓަށް ޖަމާކުރިކަމަށް ބުނާ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ އިތުރަށް އޭނާގެ ދަބަހެއްގެ ތެރެއިން 65،000 ރުފިޔާ ފެނުނުކަމަށް ވެސް ދައުލަތުން ބުނެ އެވެ.

ރާމިޒާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތައް ދޮގުކޮށް ޝަރީއަތުގައި އެނާ ބުނެފައި ވަނީ، އެއީ އެފަދަ ކުށަކުން ހޯދި ފައިސާކަން ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެއް ވެސް ނޫންކަން ފާހަގަކޮށް އެފަަދަ ޝައްކެއް ވާނެ ހާލަތެއް ނެތްކަމަށް ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ، ދައުވާއަށް އިތުރު އިބާރާތެއް އިތުރު ކުރުމަށެވެ. އެއީ ތާރީހުތަކެކެވެ. ދައުލަތުން ހުށަހެޅީ ރާމިޒާ “14 ޖެނުއަރީ 2021 އާއި، 26 ޖެނުއަރީ 2021 ގައި ފައިސާ ބޭނުން ކުރި” ކަމަށް އިތުރުކޮށްދޭންށެވެ. އެކަމަށް އިންކާރުކޮށް ރާމިޒާގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މިއީ ކުށެއް އިސްލާހު ކުރުމެއް ނޫންކަމަށާއި ދައުލަތުގެ އެ އަމަލު ބެލެވޭނީ އިތުރު ތަފްސީލެއް ދައުވާގައި ހިމެނުން ގޮތަށެވެ. އެކަމަކު އެއީ ޝަރީއަތުގެ މި މަރުހަލާގައި ގެނެވޭނެ ބަދަލެއް ނޫންކަން ފާހަގަކޮށް ޝާހު ވިދާޅުވީ މިއީ ގާނޫނީ ނިޒާމާއި ބީރައްޓެހި އުސޫލެއް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވެސް ނިންމެވީ، ދައުވާގެ ސީޣާއަށް އިތުރު ބަދަލެއް ނުވަތަ ތަފްސީލެއް ގެންނަން ފުރުސަތު ނުދިނުމަށެވެ.

ހެކި ހުށަހެޅުމަށް ކުރިޔަށް ގެންދިޔަ މި އަޑުއެހުމުގައި ދެ ފަރާތުން ވެސް ގިނަ ހެކިތަކެއް ހުށަހެޅި އެވެ. ދައުލަތުން ރާމިޒާ އާއި ދެކޮޅަށް 28 ޝަފަހީ ހެއްކަކާއި، ކިތާބީ ހެކި ހުށަހެޅި އެވެ. މިއީ މަދަނީ މިންގަޑުން ކުރިޔަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ނިންމަވައި، ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އަދި ޖެނުއަރީ 25 ވާ އަންގާރަ ދުވަހުގެ 14:000 ގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުން އަޑުއެހުމެއް ތާވަލު ކުރައްވާނެކަން އިއުލާނު ކުރެއްވި އެވެ.

މީގެ ކުރިން މައްސަލައިގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ވަކީލު ޝާހު ވަނީ މިއީ ފުރިހަމަ ނުވަ، އޮޅުންބޮޅުންއަރާ ދައުވާއެއްކަމަށް ވިދާޅުވެފަ އެވެ. ދައުލަތުން ރާމިޒާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު އޭނާ ކުށް ކުރި ގޮތާއި ކުށް ކުރި ވަގުތު ބުނެދެވިފައި ނުވާއިރު އޭނާ ކުށެއް ކުރަން އުޅުނުކަމުގެ ނިޔަތެއް އޮތް ތޯ ނޫންތޯ ދައުލަތަށް ބުނެދެވިފައި ނުވާކަމަށް ޝާހު ވިދާޅުވި އެވެ.

ރާމިޒާގެ އެކައުންޓަށް ލޫތު ފައިސާތަކެއް ޖަމާކުރިކަން ދައުލަތަށް އެނގޭއިރު، އަދި އެއީ މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާކަމަށް ބުނާއިރު އެކަމުގައި ދައުލަތުން ރާމިޒާއަށް އެއްވެސް އިރުޝާދެއް ނުދޭކަން ޝާޙު ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެއީ ކުށުގެ ފައިސާކަން އެނގި ހުރެ ބޭނުންކުރުންގެ ގޮތުގައި ނުބެލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ރާމިޒާއަކީ ގުރުއާން ކިޔަވަދިނުމުގެ އިތުރުން، ރާއްޖެއިން ބޭރުން ގަސް ގެނެސް އޭގެއިން ވިޔަފާރި ކުރާ މީހެކެވެ. އެހެން ކަމުން އޭނާގެ އެކައުންޓުގައި ފައިސާ ހުންނާނެކަން ޝާހު ފާހަގަ ކުރެއްވި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެކަަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވެއެވެ.

އަމާޒަކީ މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ ބޮޑެތި ވިޔަފާރިވެރިންނަށް އަދަބު ދިނުންކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ހޯދާނީ ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާ ނޫން ކަމަށާއި އެމީހުންގެ ވިޔަފާރިތަކާއި، ގެންގުޅޭ ވެހިކަލްތަކާއި، އަދި އެނޫން ހުރިހާ މުދަލެއް، މަނީ ލޯންޑްރިން ގާނޫނު ބޭނުންކޮށްގެން ދައުލަތަށް ނަގާނެ ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 28%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: