ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާއަށް މޭރީ މަރާލިކަމުގެ ކުށުގެ ދައުވާ!

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައ އާއި ދިވެހި ނަރުސް ހަލީމަލު ލަމްހާގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ވިއްސާރަ ދުވަހެއްގައި ވާރެއާއި ތެމިގެން ހުރެ މާވިން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހުނީކަމަށް ބުނެ އެވެ. ދަންޖެހިގެން ހޮސްޕިޓަލަށް ގެންނަ މީހުންގެ ކޭސްތައް ފުލުހަށް ރިޕޯޓު ކުރާއިރު، ފުލުހުން މައްސަލައިގައި ސުވާލުކޮށް ހެދުމުން މަރުގައި ޝަކުވާ ކަންތަކެއް ފާހަގަ ކުރެވުނީ އެވެ. އަދި އޭގެ ފަހުން މީޑިއާތަކުގައި ވެސް އެ ވާހަކަ ދެކެވިގެން ދިޔަ އެވެ.

މޭރީ މަރުވީ ދަންޖެހިގެންކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގަބޫލު ނުކުރާތީ އާއި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުން ކަމެވެ. އިތުރު ތަފްސީލުތަކެއް ހާމަނުކޮށް ފުލުހުން ވެސް ބުނީ، މޭރީ މަރުވީ ދަންޖެހިގެންކަމަށް ޕޯސްމޯޓަމް ރިޕޯޓުން ނުދައްކާ ކަމަށެވެ. އަދި އޭނާ މަރުވީ “ބްލަންޓް އިންޖަރީ” ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.

މާވިންއަށް ކުރެވުނު ތުހުމަތުތަކާއި އެކު، ދިވެހި ނަރުހަކާއި އޭނާއާއި ގުޅުން އޮންނަކަން އެނގި އެކަން ރާއްޖޭގެ މީޑިއާތަކުން ވެސް ރިޕޯޓު ކުރި އެވެ. އޭގެ ފަހުން ފުލުހުން ހަލީމަތު ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު 16 ގައެވެ.

ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އޮކްޓޯބަރ 19 ގައި މޭރީ މަރާލާފައި ވަނީ އެކަމަށް ދުރާލާ ރާވައިގެން ކަމަށެވެ.

މައްސަލައިގައި މާވިންގެ މައްޗަށް އުފުލާފައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދާއުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މާވިންގެ މައްޗަށް މި ދައުވާ އުފުލީ، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި މޭރީގެ ބޮލަށާއި، ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލި އެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 06 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ލަމްހާގެ މައްޗަށް އުފުލި މި ދައުވާގައި ޕީޖީން ބުނީ، މޭރީ މަރާލުމުގައި މާވިންއަށް އެހީތެރިވެދީ، މަރާލަން ރާވައި، އެކަން ހިންގުމަށް އޭނާ އެހީތެރިވެދީފައިވާ ކަމަށެވެ.

ދެވަނަ ދައުވާ އަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލާ ފާސް ކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން އައިޖީއެމްއެޗުގެ ހުއްދަ ނުހޯދައި، ހޮސްޕިޓަލުން ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވެ އެވެ. މި ކުށް އެނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 02 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތިން ވަނަ ދައުވާއަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 613 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. އެއީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ހޮސްޕިޓަލުގެ ބޭރަށް ގެންދިއުން މަނާ ބޭސްތަކެއް ފެނިފައިވާތީ އެވެ. މި ކުށުގެ އަދަބަކީ 02 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: