ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެގް ޓީމަށް އަނެއްކާވެސް މިލިއަނުން މަންފާ!؟

ޕީސީއާރު ޓެސްޓު ހަދަން އެތައް ސަތޭކަ ބަޔަކު ރޭގަނޑު ދަންވަން ދެން ސޯޝަލް ސެންޓަރު ކައިރީ ތިބެން ޖެހުނު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި އެކު، ދިރިއުޅޭތާ ދެ އަހަރުވީއިރު ވެސް ބަލިން އަރައިގަންނަން ދަސްނުވަނީ ދިވެހި ރައްޔިތުންނަށްތޯ ނުވަތަ އެޗްޕީއޭއަށްތޯ ސުވާލު އުފެދެ އެވެ. ސަަބަބެއް އޮވެގެންނެވެ. އެކަމަށް ހަމަ އެންމެ ރެއަކުން ވެސް އެނގިގެން ގޮސްފި އެވެ.

މާލޭގައި ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 100 އިން މައްޗަށް އެރުމާއު އެކު، ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ޓީމުން ނިންމީ ދެން ރަށްތަކަށް ދަތުރު ކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖައަކާއި އެކު ކަމަށެވެ. އާއްމުން ވަގުތުން ކިއު ހަދާލީ އެވެ. ބޮޑެތި ހަރަދުތައްކޮށް މުޅި އާއިލާއަށް ނަގާފައި ހުރި ޓިކެޓުތައް ކެންސަލް ކުރާނެ ގޮތެއް ނެތީ އެވެ.

ސްކޫލުތައް ހުޅުވެން މާ ގިނަ ދުވަހެއް ނެތްއިރު، މާލޭގައި ތިބި އެތައް ކުދިންނަކާއި އެ ކުދިންގެ އާއިލާތައް ފުރަން ތައްޔާރުވެފައި ވަނިކޮށް ގެނައި މި ބަދަލުގެ ސަބަބުން ރޭ ދަންވަރާއި ހަމައަށް އެތް ސަތޭކަ ބަޔަކު ކިއުއަށް އަރައި ބޮޑެތި ކިއޫތައް ދަންމާލި އެވެ.

ޕޮޒިޓިވް ރޭޓު ކުއްލިއަކަށް މައްޗަށް ދިޔައިރު އެކަން ކޮންޓްރޯލް ކުރަން އެޗްޕީއޭއާއި ޓެގްޓީމަށް ފުރުސަތު އޮތެވެ. ޕަސަންޓުތަކަށް އަންނަ ބަދަލުތައް އެންމެ ކައިރިން މޮނީޓާރ ކުރާނެ އަދި މޮނީޓާރ ކުރަން ޖެހޭ ބަޔަކީ ޓެގްޓީމަށްވާއިރު އެބޭފުޅުން އެންމެ ފަހުން ޕްރެސްކޮންފަރެންސެއް ބޭއްވި ދުވަހެއް ވެސް ހަނދާނެއް ނެތެވެ. މާސްކު އެޅުމަށް، ނުވަތަ ގިނަ ގިނައިން އަތް ދޮވުމަށް އިރުޝާދު ދިނުން ފިޔަވައި މި ވޭތުވެ ދިޔަ ހަ ހަމެއް ހާ ދުވަހުގެ ތެރޭގައި އެ އިދާރާއަށް ކުރެވުނު ކަމެއް ނެތެވެ.

ފަރުދީ ޒިންމާ ކޮނޑުގައި އަޅުވައިގެން ތިބި ކޮންމެ ދިވެއްސަކަށް ވެސް އެޗްޕީއޭއިން ވިސްނައި ދިނީ “ކޮވިޑާއި އެކު އުޅުން ނޫން ގޮތެއް ނެތް” ކަމަށެވެ. ފަހުން އައިސް މާސްކު އަޅާތޯ ބެލުމެއް، ކެފޭ/ރެސްޓޯރެންޓުތަކުގައި ސާފުތާހިރުކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރިތޯ ބަލާފައި ނުވެ އެވެ. އެހެން ނަމަވެސް ކުއްލިއަކަށް ހުރިހާ ތަކުލީފެއް ނަގަން މި ޖެހުނީ ދިވެހި ރައްޔިތުންނެވެ. ކުޑަކުދިންނާއި، އެ ކުދިންގެ އާއިލާތަކެވެ. ފަހު ވަގުތު އެތައް އާއިއެއް ވައްޓާލި އުނދަގުލަކީ، ޔަގީނުން ވެސް އެޗްޕީއޭއާއި ޓެގް ޓީމުން ބަލަބަލައި ތިއްބައި އައި ހާލަތަކެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މާލޭގައި ހުއްޓުމެއް ނެތި މިދަނީ ބޮޑެތި އެއްވުންތަކެވެ. ނައިޓު މާކެޓު ނުވަތަ މަޝްހޫރު ނަމުންނަމަ 03 އުނގުޅޭ ބާޒާރު ބޭއްވި އެވެ. ސާފުތާހިރުކަމެއް، ގައިދުރުކަމެއް، މާސްކު އެޅުމެއް އަދި އެއްވެސް ރޭވުންތެރިކަމެއް ނެތި އެވެ. ރާއްޖޭގައި އޮތް އިދިކޮޅު ސިޔާސީ ދެ ޕާޓިން ހުއްޓުމެއް ނެތި މާލޭގައި އެއްވުންތަކާއި، މުޒާހަރާތައް ކުރަނީ އެވެ. އާ އަހަރު ފާހަގަ ކުރުމަށް ބޭރުގެ ލަވަކިއުންތެރިއެއް ގެނެސް ސެންޓްރަލް ޕާކުގައި ބޭއްވި ބޮޑު މިއުޒިކު ޝޯއަށް 11،000 އަށް ވުރެ ގިނަ މީހުން ވަދެފައިވާކަމަށް ޔޫތް މިނިސްޓްރީން ހާމަކުރީ ފަހުރުވެރިކަމާއި އެކު އެވެ. ވެރިންތައް ރާއްޖޭގެ ރަށްތަކަށް އެއްވެސް ހުރަހެއް ނެތި، ކެމްޕެއިނަޝާއި އެހެން ބޭނުންތަކަށް ދަތުރު ކުރުމަށް ފަހު އޭގެ ދެތިން ދުވަސް ފަހުން އެ ރަށް މޮނީޓްރިންއަށް ލާން ޖެހުނު ވާހަކައެއް ދައްކާނެ މީހެއް ނެތެވެ.

މިއަދު ވެސް ޕްރެސްއެއް ބޭއްވުމަށް ފަހު ޓެގް ޓީމާއި އެޗްޕީއޭއިން “ބަވައިގަންނާނީ” ދިވެހި ރައްޔިތުންނަށެވެ. ހުރިހާ އެއްޗެއް އެކައްޗަކަށް އަމުނާލުމުން ދެން އެކަމުގެ ޒިންމާ ނަގަން ތިބި ހަމައެކަނި ބަޔަކީ ރައްޔިތުންނެވެ.

ދެ އަހަރުގެ ތެރޭގައި ހުއްޓުމެއް ނެތި ދައްކަމުން ދިޔަ ވާހަކަތަކުން ވައިގައި ނުހިފި ނުވަތަ ސަމާލުކަން ނުލިބުނު ވާހަަކައަކީ މިއަދު ޓެގްޓީމުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ މުއްސަނދިކަމެވެ. ކުއްލިއަކަށް އެބޭފުޅުން ބޮޑެތި ކުންފުނިތަކުގެ ވެރިންނަށާއި، ހިއްސާދާރުންނަށް ވެ، މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ހޯދާ މީހުންގެ ތެރޭގައި ޑރ. އަލީ ލަތީފް މެން ފަދަ ބޭފުޅުން ހިމެނޭ އެވެ.

ޑރ. އަލީ ލަތީފަކީ ކާކު، އަދި އަލީ ލަތީފާއި ޕީސީއާރު ކިޓުތަކާއި ގުޅެނީ ކިހިނެއް؟

ޑރ. އަލީ ލަތީފަކީ ޓެގް ޓީމުގެ ހެޑެވެ. އޭނާގެ މަސްލަހަތު އޮންނަ އެތައް ކްލިނިކްތަކެއް މިވީ ދެ އަހަރުގެ ތެރޭގައި ޕީސީއާރު ކިޓުތަކުން ބޮޑެތި މަންފާތަކެއް ހޯދައިފި އެވެ. ތުހުމަތުތައް އަމާޒުވާން ފެށުމުން ހިއްސާ ބަދަލު ކުރީ އެވެ. މާލޭގައި އެންމެ ބޮޑަށް ކޮވިޑު ފެތުރު ދުވަސްވަރު ޕީސީއާރު ޓެސްޓުތައް ހެދީ 1،500 ރުފިޔާއަށެވެ. މިހާރު އެ އަގުތައް ހުރީ 450 ރުފިޔާއަށެވެ. މީގެ އެއް މިސާލަކީ ޑރ. އަލީ ލަތީފްގެ މަސްލަހަތު އޮންނަ ޕާލް ކްލިނިކުގައި ވެސް އިއްޔެ ކިއު ހަދާލުމެވެ.

ޓެގު ޓީމުގައި ގިނައީ ކޮންމެވެސް ކްލިނިކެއް ހިންގާ ބޭފުޅެކެވެ. އެ ބޭފުޅުން މިލިއަން ހޯދި އާމްދަނީ އެނގޭނީ އޮޑިއް ހެދުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުން ވެސް މި ވާހަކަތައް ދައްކަވަނީ ތަޅުމުގައި އެކަންޏެވެ. އެއް ފަހަރު މި ވާހަކަ ދެއްކެވުމަށް ފަހު ދެން އެ ނިމުނީ އެވެ. އަނެއްކާވެސް ޓެގުޓީމަށް “ވަގަށް” ގޮވާލައި، މައްސަލަ ބަލަން ޖެހޭކަމަށް ބުނެ ނިންމާލަނީ އެވެ. މަސްލަހަތު ފުށު އަރާނީ މިހާވަރަކަށްކަން ސަރުކާރަށް ރަނގަޅަށް އެނގޭއިރު ތަންމިނަށް އެ ފުރުސަތު ދީގެން ތިބެންޖެހޭ ސަބަބެއް ނެތެވެ.

އަހަރު ފަހުކޮޅާއި ދިމާކޮށް ޕީސީއާރު ޓެސްޓު ކިޓަކުން، ފިހާރައެއްގެ އިޔާ އެންޑް ސޭލް އަޅުވާހެން މެޑިފްލެކްސް އިން ހުރީ ސޭލްއެއް އެޅުވާފަ އެވެ. މި ދައްކަނީ ރެސްޓޯރެންޓެއް ނުވަތަ ފިހާރައެއްގެ ހުސް ކުރާ ސޭލް އަޅުވާ ވާހަކައެއް ނޫނެވެ. ބައެއްގެ ގައިގައި ނުރައްކާތެރި ބައެއްޔެއް ހުރިތޯ ބެލުމަށް ސާމްޕަލްއެއް ނެގުމުގައި ސޭލް އެޅުވި ވާހަކަ އެވެ.

މިލިއަނުން ހޯދި ފައިސާ އާއި އެކު ވިޔަފާރި ފުޅާކޮށް މެޑިފްލެކްސްއިން ވަނީ އައްޑޫގައި ވެސް ކްލިނިކެއް ހުޅުވާފަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ސީފެއިޑް (ޔޫއެސްއޭ) ޖީންއެކްސްޕާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮވިޑް-19 އަށް 2 ގަޑިއިރުން ނަތީޖާ ލިބޭ އާރްޓީ-ޕީސީއާރު ޓެސްޓު ހަދަން ފެށީ ވެސް މެޑިފްލެކްސްއިންނެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަ ހިޔާނާތް ހިނގިިކަމެވެ. ދެ އަހަރުވެ އެތައް ބަޔަކު ހުއްޓުމެއް ނެތި އަދިވެސް މަސައްކަތް ކުރަމުންދާއިރު އެކަމަށް ފަރުވާލެއް ނެތި ބައެއް ކްލިނިކްތަކުގެ ވެރިންނަށް ތިބި ޑޮކްޓަރުން މިލިއަނުން މަންފާ ނެގިކަމެވެ. ޓެގު ޓީމުގައި ތިބީ މިކަމުގެ މަސްލަހަތު ވެސް އޮތް މީހުން ކަމެވެ.

ދެން އޮތީ އަހަރުގެ ކުރީކޮޅު ކޮވިޑުގެ ހާލަތު ގޯސްވާނެކަމަށް ޓެގްޓީމުން ލަފާދިނުމެވެ. ކުރިޔަށް އޮތް ތިން ހަފްތާގައި ރާއްޖޭގެ ހާލަތު ގޯސްވާނެކަން ރައީސުލްޖުމްހޫރިއްޔާ އަރިހު ޓީމުން ދެންނެވިއިރު، އެކަން މި ބޭފުޅުން ރައްޔިތުންނާއި ހިއްސާއެއް ނުކުރި އެވެ. އެހެން ބުނަން ޖެހުނީ ކޮން ސަބަބުތަކަށް ބަލައިތޯ އާއި، ހެދި އެއްވެސް އެސެސްމެންޓެއް އެނގޭނެ ގޮތެއް ނެތެވެ.

ކޮންމެ ފަހަރަކު ހާލަތު ބޮއްސުންލައިގެން ދިއުމުން ނޫސްވެރިންނާއި ބައްދަލުކޮށް، އެއީ ލިބުނު އިބުރަތެއްގެ ގޮތުގައި ބުނެ އާ ފެށުމަކުން ފަށައިގަންނަނީ “ބްލައިން ފޮލޯވިން ބްލައިންޑު” އުސޫލުންނެވެ. މާދަމާވެސް ހާލަތު ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ، އެހެން މީހެކެވެ.

ހިތާމައަކީ މިވާހަކަ ދައްކާނެ ސަރުކާރުގެ އިސްވެރިއެއް ނެތުމުންނެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 71%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: