ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ގޮނޑި ޕީޕީއެމަށް ދިނުމަކީ، ރައީސް ޔާމީން ވެރިކަމަށް ގެންނަން އަޅާ ފުރަތަމަ ފިޔަވަޅު: ޖަމީލް

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، އުފާ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ޑރ. ޖަމީލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމަށް ކާމިޔާބުކޮށް ދިނުން އެއީ 2023 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްއިން މި ގޮނޑި ކާމިޔާބު ކުރުމަށް ކުރަމުން ދަނީ ހައްގު މަސައްކަތެއް ކަމަށެވެ. އަދި އިދިކޮޅުން މިހާ ހިސާބަށް މަސައްކަތްތައް ކުރަމުން އައީ ވަރަށް ހިއްދަތި އިހުސާސް ތަކަކާ އެކުގައި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. 

ޕީޕީއެމް ކުރަމުން ދަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށް ޑރ. ޖަމީލް ވިދާޅުވީ މިއީ ގައުމު ފަހަތަށް ޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އިދިކޮޅުން ޖަހާ ހިސާބު ގޯސް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ ބައެއް މީހުން ގަބޫލު ކުރި ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް އެމަނިކުފާނު މިނިވަންވާނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ސާބިތުކަމާއި އެކު ދެމިހުރުމުގެ ނަތީޖާއެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވެ، ދެން އެމަނިކުފާނު ކުރިމަތިލާނީ 2023 ގެ ރިޔާސީ އިންތިހަބާއިކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. އެ އިންތިހާބު ރައީސް ޔާމީނަށް ކަމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، އެކަމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންކަން ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.

މަލްޓި ޕާޓީ ސިސްޓަމެއް އުފެދުނު ފަހުން ރާއްޖޭގައި އެތައް ވެރިކަމެއް އުފެދިގެން ދިޔަކަމަށާއި، 30 އަހަރުގެ ވެރިކަމާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުން ވެސް ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމަށް ބުނެ އެ ޕާޓީގެ ސިޔާސަތުތަކަށް ޑރ. ޖަމީލް ފާޑުވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި ބްރިޖުތައް އެޅުމާއި، ހޮސްޕިޓަލްތައް ތަރައްގީކޮށް ސިއްހީ ދާއިރާ ކުރިއެރުވުމާއި، އަދި އެއާޕޯޓުތައް އެޅުމުގެ އިތުރުން ބަންދަރުތައް ތަރައްގީކޮށް، ރައްތައް ހިއްކޭނެ އިތުރު ވެރިއެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރައީސް ޔާމީންގެ ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއްކޮށް ގެނައި މަހާޖައްރާފާއިން މިއަދު ލިބޭ އެތައް ފައިދާތަކެއް ވާކަމަށެވެ.

އެމްޑީޕީއަށް ކޮމަންޑޫ ގޮނޑި ކާމިޔާބު ކުރެއްވިއްޖެ ނަމަ ފަހުން އޭގެ ހިތާމަ ކުރަން ޖެހިދާނެކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ސަރުކާރުން އެއްވެސް އަޅައެއްނުލާކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ވެސް ވިއްކާލާނީ އައިލޭންޑް އޭވިއޭޝަންގެ ދަށުން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަންކަމަށް ވިދާޅުވެފަ އެވެ. އެއީ އެމްޑީޕީން މާ ކުރިންސުރެ ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީން ކުރިޔަށް އޮތް ތަނުގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ޕޯސްޓް ވިއްކާލާތަން އަދި ރާއްޖޭގެ ވައިގެ ބަނދަރު ވެސް ބޭރުގެ ބައެއް ވިއްކާލާނަތަން ފެންނާނެކަމަށެވެ. އޭގެ އިތުރުން އެމްޑީޕީން އަބަދުވެސް ބޭނުން ވަނީ ރާއްޖޭގައި ބޭރުގެ ބަޔަކު ވަޒަންވެރި ކުރުވުންކަމަށް ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އެހެން ދީންތަކަށް ރާއްޖޭގައި ޖާގަ ދިނުމުގެ ގޮތުން އެމްޑީޕީން ހިންގާ އަމަލެކެވެ.

އެމްޑީޕީން ބޭނުން ވަނީ ރާއްޖެއިން އިސްލާމްދީން ނައްތާލައި، ސްކޫލު ކުދިންގެ މުގައްރަރުން ގުރުއާން އަދި އިސްލާމް މާއްދާ އުނިކޮށް، ރާއްޖޭގައި ދީނީ ތަގުރީރުތައް ކުރުން މަނާކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ޑރ. ޖަމީލް ވަނީ ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށާއިރު، “އިންޑިއާ އައުޓް” ގޮވުން މަނާކޮށް އެފަދަ ހަރަކާތްތައް ހިންގާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: