ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިވީ 7 އިންސައްތައިން، ސަރުކާރުން ލަދުގަންނާނެ: މުއިއްޒު

އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ގެއްލުނީ އެންމެ 7 އިންސައްތައިގެ ތަފާތުން ކަމަށާއި މިނަތީޖާއަކީ ސަރުކާރުން ލަދުގަންނާނެ ނަތީޖާއެއްކަމަށް މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ލިބުނު ނާކާމިޔާބީއާއި ގުޅިގެން މިވަގުތު މާލެ ސަރަހައްދުގައި ތިއްބެވި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ވޯޓުލާ މަރުކަޒުގައި އޮބްޒާވަރެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި މުއިއްޒު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްއާއި ދެމެދު އޮތީ 230 އެއްހާ ވޯޓުގެ ތަފާތު ކަމަށެވެ. އެއީ އެންމެ 7 އިންސައްތައިގެ ތަފާތު ކަމަށާއި މިއީ ސަރުކާރު ލަދުގަންނަވަރުގެ ނަތީޖާއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނަމުންދިޔައިރު އެމްޑީޕީގެ އޮބްޒާވަރުންނާއި މެމްބަރުންގެ ފަރާތުން އުފާވެރިކަމެއް ނުފެނުނު ކަމަށެވެ. މިއީ އެބޭފުޅުން އުންމީދުކުރި ނަތީޖާއާއި ގާތްކުރާ ނަތީޖާއެއްވެސް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އިންތިހާބާއި ދިމާކޮށް ކޮމަންޑޫ ދާއިރާއަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރިކަމަށެވެ. އެއީ ދާއިރާގެ ރަށްތަކުގެ ރައްޔިތުންގެ ތެރެއިން ބޮލަކަށް ތިން ލައްކަ ރުފިޔާގެ މަގުންކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެމްޑީޕީއަށް މިއިންތިހާބު ކާމިޔާބުކުރެވުނީ މުޅި ދައުލަތް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އިންތިހާބުން ފެނިގެންދިޔައީ މުޅި ދައުލަތް ގުޅިގެން ކުރި މަސައްކަތާއި ރައީސް އަބްދުﷲ ޔާމީން ގިނިކަންޏާ ކުރެއްވި މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މިއިންތިހާބުން ގައުމުގައި ރައީސް ޔާމީނަށް އޮތް ތާއީދު ހާމަވެގެން ހިނގައްޖެކަމަށާއި މިނަތީޖާއިން ހިތްވަރު ލިބިގަނެ ރައީސް ޔާމީނާއެކު ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގެތަކަށް ސަރުކާރުން ކުންފުނިތަކުން ޒިޔާރަތްކޮށް ވަޒީފާ ބޭނުންވަނީ ކޮން ބައެއްތޯ ބަލައި ވަޒީފާތައް އުފައްދާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެވަޒީފާތަކާއި މިހަރު ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް ވާނެ ގޮތް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ވެސް ޕެލެރައިޒްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ފަސް މެމްބަރުންވެސް ނެތުމުން އެއްވެސް މައްސަލައެއް ބެލޭނެ ނިޒާމެއް ނެތްކަން ފާހަގަކުރެއްވިއެވެ. މިއިންތިހާބު ކާމިޔާބު ކުރީ އިންޑިޔާގެވެސް ނުފޫޒާއެކު ކަމަށާއި އިންޑިޔާގެ އެމްބަސީއިން ބަޔާނެއް އާންމުުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓު ދިނުމަށް އެބަޔާނުގައިވާކަން ފާހަގަކުރެއްވިއެވެ.

މިއަދު އޮތް ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ރާޝިދު ކާމިޔާބުކުރެއްވީ 809 ވޯޓާއެކުއެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް 551 ވޯޓު ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލްހަންނާން އިދްރީސަށް ލިބިވަޑައިގަތީ 151 ވޯޓެވެ.

އެމްޑީޕީން ގޮނޑި ކާމިޔާބުކޮށް، ދާއިރާގެ ރަށްތަކުގައި އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވަނީ ފަށާފަ އެވެ. އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރިއިރު ސަރުކާރުން ވަނީ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާއި ދާއިރާގެ ރަށްތަކުގައި ފުޓްސަލް ދަނޑުތަކުގެ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި މަޝްރޫއުތަކެއް ފާހަގަކޮށްލެވެއެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި އިދިކޮޅު މެމްބަރުން ފާހަގަކުރަމުންދިޔައިރު އެމްޑީޕީއިންނާއި ސަރުކާރުން ވަނީ އެއީ ކުރިންވެސް ހިންގުމަށް ނިންމާފައިވާ މަޝްރޫއެއްތަކެއް ކަމަށާއި އިންތިހާބާއި އެމަޝްރޫއުތަކާއި ދިމާވީ އިއްތިފާގަކުންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: