ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އައީ ޖަގަހަަތައް ހިންގައިގެން، އިތުރަށް ހިންގާނެ އެއްޗެއް ނެތް: އަހުމަދު ރަޝީދު

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީ ވެރިކަމަށް އައި ޖަގަހަތައް ހިންގާލައިގެންކަމަށާއި، އިތުރަށް ހިންގާނެ އެއްޗެއް ނެތްކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އަންމަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލުގެ ކެމްޕެއިންތައް ކުރިޔަށް ގެންދަނީ “އެމްޑީޕީ ހިންގާލަން” ސްލޯގަން އާއި އެކު އެވެ. ޕާޓީ ވެރިކަމަށް އައުމަށް ފަހު އާއްމު މެމްބަރުންނާއި ލީޑާޝިޕާއި ދެމެދު އޮންނަން ޖެހޭ އެއްވެސް ގުޅުމެއް ނެތްކަމުގެ ވާހަކަތަކާއި އެކު ފައްޔާޒް ވަނީ ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ލިބޭ ފައިސާއަށް ވާނުވާއެއް ނޭނގޭކަމަށް ވިދާޅުވެފަ އެވެ.

އިންތިހާބުގައި ފައްޔާޒާއި ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ތައީދާއި އެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ އިންތިގެ ހަރަކާތްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ “ތިލަފަތުގެ ރަމްޒު” ގެ ނަމުގަ އެވެ. މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުން އަދި ސަރުކާރު ވެސް ދެބަޔަކަށް ބެހި ކުރިޔަށް ދާ މި ކެމްޕެއިނުގައި އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވެ ސަރުކާރަށް ވެސް ބަހުގެ ހަމަލާތަކާއި އެކު “ސްލޯ” ގެ ޓެގު އަޅުވަމުންދާކަން ފާހަގަ ކުރެވެ އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި އަހުމަދު ވިދާޅުވީ އިންތިއަކީ ޕާޓީގެ ގިނަ ދުވަސްތަކެއްވީ އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވި މެމްބަރެއް ކަމަށެވެ. އަދި އެމްޑީޕީގައި ހުރި އެންމެ ނަޒާހަތްތެރި ފަސްބައި ސާފު މެމްބަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ބުނެވޭނީ އިންތިގެ ނަން ކަމުގައި އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބުގައި އެ ބަޔަކު ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދުކޮށް ކެމްޕެއިނު ކުރުމުގެ ފުރުސަތުތައް އޮންނާނެކަން ފާހަގަ ކުރައްވައި އަހުމަދު ވިދާޅުވީ ވަކި ގޮތަކަށް ވާހަކަ ދެއްކުމުން އެއީ ސަރުކާރާއި ޖައްސާލުންގެ ގޮތުގައި ލޭބަލް ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ މެމްބަރަކަށް ވެސް ކަން އޮތްގޮތަށް ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވާކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ވާދަވެރި ފަރާތްތަކުން އިންތިއަކީ ޕާޓީގެ ހިންގުންތެރިިކަމަށް ރަނގަޅު ބޭފުޅެއް ނޫންކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ޕާޓީ ހިންގާލަން ނުވަތަ ބައެއް ކަންކަން އިސްލާހު ކުރާނެކަމުގެ ވާހަކަތައް ދައްކަވާއިރު ހަގީގަތުގައި ވެސް އެ ނިޔަތް އެބައޮތްތޯ އޭނާ ސުވާލު އުފެއްދި އެވެ.

އިންތިއަކީ މަޖިލީހުގައި ތިން ދައުރު އަދާ ކުރި މެމްބަރަކަށް ވާއިރު ކޮންމެ ފަހަރަކު ވެސް ބޮޑު އަޣުލަބިއްޔަތަކާއި އެކު ގޮނޑި ކާމިޔާބު ކުރަނީ ސަބަބުތަކެއް އޮވެގެންކަަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ތާއީދާއި ލޯބި ލިބެނީ އިންތިގެ ރަނގަޅު ސިފަތަކެއް ހުރުމުންކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ ތުހުމަތުތައް އެމްޑީޕީގެ މެމްބަރުންގެ ބޮލުގައި ވެސް އެޅިފައިވާއިރު، އިންތިހާބުގެ ކުރިން ވެސް އަދި އިންތިހާބަށް އިއުލާނު ކުރި ފަހުން ވެސް އިދިކޮޅުން ވެސް މަޖިލީހުގެ ތަޅުމުގައި ނުވަތަ އެހެން ބައްދަލުވުމެއްގައި ވެސް އިންތިއާއި ހިޔާނާތުގެ ފައިސާއާއި ގުޅުވައި ފާޑުކިޔާފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދު ވިދާޅުވީ އިދިކޮޅުން ވެސް ގަބޫލު ކުރާ ގޮތުގައި އިންތިއަކީ ފަސްބައި ސާފު މެމްބަރެކެވެ

މީގެއިތުރުން އަހުމަދު ވިދާޅުވީ އިންތިއަކީ އަބަދުވެސް ނަޒާހަތްތެރިކަމާއި ކެތްތެރިކަމާއި އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އެމްޑީޕީ ނުހިނގާކަމަށް ބުނެ ދެކެވޭ ވާހަކައިގެ ރައްދުގައި އަހުމަދު ވިދާޅުވީ، މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވެ އެމްޑީޕީން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކާމިޔާބު 16 އަހަރު ހޭދަ ކުރީ ހިންގާލައިގެން ކަމަށެވެ.  އިންތިހާބު ކާމިޔާބު ކުރުމަށް އިންތިހާބުގައި ރައްޔިތުންނަށް އިންތިހާބުގެ ވައުދުތައް ސިޔާސީ ޕާޓީ ތަކުން ވިއްކާ ކަމަށާއި އެއަށް ފަހު އިންތިހާބު ކާމިޔާބު ކޮށް ވީ ވައުދުތައް ފުއްދުމަށް ޖެހޭ ކަމުގައި އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ބައެއް ބޭފުޅުން ޖަގަހަތައް ނުހިނގާ ވާހަކަ ދެއްކެވި ކަމަށާއި ވެރިކަމަށް އައިސް މިތިބީ ޖަގަހަ ހިންގައިގެން ކަމަށެވެ. އަހުމަދު ވިދާޅުވީ ދެން ހިންގަންވީ ސަރުކާރު ކަމަށެވެ.

“އަޅުގަނޑުމެން ޖަގަހަ ހިންގައިގެން މިތިބީ ވެރިކަމަށް އައިސް. ދެން އަޅުގަނޑުމެން ހިންގަންވީ ސަރުކާރު” އަހުމަދު ރަޝީދު

ސަރުކާރުގެ އެކި ވުޒާރާ ތައް ރަނގަޅަށް ހިންގުމުން އެ އޮތީ ޕާޓީ ވެސް ހިނގާފަ ކަމަށާއި އެއޮތީ ރައްޔިތުންވެސް ހިތްހަމަ ޖެހިފައި ކަމުގައި އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަންޖެހޭ ކަމަށާއި އެވައުދު ތައް ނުފުއްދުނީމަ މައްސަލަތައް އަންނަ ކަމަށެވެ.

އަހުމަދު ވިދާޅުވީ އެއްބުރުން  ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކޮށްފައި ކަމަށާއި އެކަމަކީ ޑިމޮކްރަސީގެ ތާރީހުގައިވެސް 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އަދި ނުވާ ކަމެއް ކަމަށެވެ.

އަހުމަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ސަބަބު އެންމެނަށް ވެސް އެނގޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނީ މާލޭގެ ރައްޔިތުންނަށް ވީ ވައުދު ތައް ނުފުއްދި ލަސް ވުމުން ކަމަށާއި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އިން ގިނަ ގޮނޑި ނަގައި ކާމިޔާބު ކޮށްފައިވާ ކަމަށާއި ވުމާއެކު ޕާޓީ ނުހިނގާފަ ކޮބައިތޯ އަހުމަދު ސުވާލުކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ ޕާޓީ އަކީ އިންތިހާބުތައް ކާމިޔާބު ކުރަން އަންނަ ބައެއް ކަމަށާއި އިންތިހާބު ކާމިޔާބު ކުރަނީ ރައްޔިތުންނަށް މެނިފެސްޓޯ ގެ ނަމުގައި ވައުދުތަކެއް ވެގެން ކަމުގައެވެ.

މެނިފެސްޓޯ ހިންގައި އެވައުދުތައް ބަރާބަރަށް ފުއްދުމުން އެއޮތީ ރައްޔިތުން އުފާވެފައި ކަމުގައި އަހުމަދު ވިދާޅުވިއެވެ.

” މެނިފެސްޓޯ ހިންގައި އެވައުދުތައް ބަރާބަރަށް ފުއްދުމުން އެއޮތީ ރައްޔިތުން އުފާވެ ފާގަތިކަން ލިބިފައި” އަހުމަދު ރަޝީދު

އަހުމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަކި މީހަކަށް ތާއިދު ކުރުމަށް ވިދާޅުވުމަށް އަހުމަދަށް ނުގުޅުއްވާ ކަމަށާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ނުގުޅުއްވާ ކަމަށައި އިންތި އަށް ތާއީދު ކުރަނީ ހިތުން ރުހުމުން ކަމަށެެވެ.

އަހުމަދު ވިދާޅުވީ އަސްލުގައި ވެގެން އުޅޭ ގޮތަކީ އިންތިހާބުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންނަށް ތާއިދުކުރައްވާ ފަރާތް ތަކުގެ ބަސްމަގު ހުރިގޮތުން އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އޮތް ހެން ހީވަނީ ކަމުގައެވެ.

ޗެއަރޕާސަންގެ އިންތިހާބަށް ފަހު ސަރުކާރު ރަނގަޅަށް ހިންގީމައި އެ އޮތީ ރައްޔިތުންނަށް އުފާ ފާގަތި ކަން ގެނެވިފައިކަމަށް އަހުމަދު ވިދާޅުވީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: