ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެގެން ދިޔައީ އެކަން ވާންވީ ގޮތަކަށް ނޫން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ގައި ގެނައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ބަދަލުވެގެން ދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށް ޕާޓީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި އެކު، ޕާޓީގެ އެތެރޭގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ވެސް ކުރެއްވި، ރައީސް ނަޝީދުގެ ވެރިކަން ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބަދަލުވެގެން ދިޔައީ އެމަނިކުފާނާއި ދެކޮޅަށް އޭރު ހަރަކާތްތެރިވަމުން ދިޔަ ސިޔާސީ ޕާޓީތަކުން ސިލްސިލާ ހަރަކާތްތަކެއް ހިންގުމުގެ ސަބަބުންނެވެ.

ވެރިކަން ބަދަލުވުމަށް ފަހު ޕާޓީން މިއަދާއި ހަމައަށް ވެސް ބުނަމުން އައީ އެއީ ބަޣާވާތެއްކަމަށާއި، އެކަމުގައި އިދިކޮޅު ޕާޓީތަކަށް އެހީވީ އޭރުގެ ނައިބު ރައީސަކަށް ހުންނެވި މިހާރުގެ ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ 07، ފެބްރުއަރީ 2012 ގަ އެވެ. އެއަށް ފަހު ދެން ވެރިކަމަށް ވަޑައިގަތީ ޑރ. ވަހީދެވެ.

އެއަށް ފަހު ޖެހިގެން އައި 2013 ގެ ރިޔާސީ އިންތިހާބުގައި، ރައީސް ނަޝީދު ވާދަ ކުރެއްވި ނަމަވެސް ދެވަނަ ބުރުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ.

ރިޔާސީ ޕްރައިމެރީ ކެމްޕެއިނުގެ ތެރެއިން، ރައީސް ސޯލިހު ވަނީ ތަކުރާރުކޮށް 2008 އަދި 2013 ގައި ޕާޓީން ކުރިމަތިލާން ޖެހުނު ހާލަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ތަކުރާރުކޮށް އެ ވާހަކަ ދައްކަވާ ސަބަބަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި އެ ހާލަތު އަލުން އަޔަ ނުދިނުމެވެ. ރައީސް ވިދާޅުވާ ގޮތުގައި، އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު މަގުމަތީ ހޭދަ ކުރަން ޖެހުނީ ހިތް ދަތި ހަތް އަހަރު ދުވަހެވެ. އަދި އެއީ ދުވަހަކު ވެސް ހަނދާނުން ފޮހެވޭނެ ދުވަސްތަކެއް ނޫންކަން ފާހަގަކުރި އެވެ.

މިރޭ ވެސް ނ. ވެލިދޫގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ޕްރައިމެރީއާއި އެކު، ރިޔާސީ އިންތިހާބު ވެސް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. މިއީ ހަގީގަތުގައި ބާއްވަން ވެސް ޖެހޭ އިންތިހާބެއް ނޫންކަމަށާއި، ނަމަވެސް އިންތިހާބަކަށް ދާން ޖެހުނީ ޕާޓީގެ އެތެރޭގެ ހާލަތު މިވަގުތު އޮތް ގޮތުންކަމަށް ރައީސް ވިދާޅުވި އެވެ.

މާޒީން އިބުރަތް ހާސިލު ކުރުމަށް ގޮވާލައި ރައީސް ވިދާޅުވީ، ޕާޓީގެ ފުރަތަމަ ވެރިކަން ބަދަލުވުމަށް ފަހު ދެން އުޅެން ޖެހުނު ހާލަތާއި މެދު ފުންކޮށް ވިސްނުމަށް އެދޭކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓިއަށްވާއިރު އެތެރޭގެ އިންތިހާބުގައި އެކަނި ވެސް ވޯޓު ލުމުގެ ހައްގު ލިބިގެން ވާ 57،000 މީހުން އެބަތިބިކަމަށް ރައީސް ވިދާޅުވި އެވެ.

2008 ގެ މާޒީ ތަކުރާރު ނުކުރުމަށް ރައްޔިތުންނަށް ގޮވާލާ އެންމެ ބޮޑު ސަބަބަކީ، އެފަދަ ދެވަނަ ހާލަތެއް މެދުވެރިވުމަށް ބޭނުން ނުވާތީ އާއި އެ ދުވަސްތައް އަދިވެސް ހަނދާނުގައި ހުރުމުންކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން އެކުލަވާލީ ވަރަށް ބުރަ މަސައްކަތުންކަމަށާއި، 2012 ގައި އެކަން ބަދަލުވެގެން ދިޔަ ގޮތުގެ ތަފްސީލަށް ދާން ބޭނުންފުޅު ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

”2008 ގައި އަޅުގަނޑުމެން ބުރަ މަސައްކަތުން އިންތިހާބު ކުރި ސަރުކާރު، 2012 ވަނަ އަހަރު ބަދަލުވެގެން ދިޔަ ގޮތް.. އެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތީން.. އެ ދުވަހު ސަރުކާރު ބަދަލުވެގެން ދިޔައީކީއެއް އެކަން ވާންވީ ގޮތަކަށް ނޫން… އެއީ އަޅުގަނޑުމެންގެ ތެރޭގައި ވިސްނައި ފިކުރުކޮށް ދެވަނަ ފަހަރަށް އިތުރު ފުރުސަތަކަށް ނުދިއުމަށް ލިބުނު ތަޖުރިބާއެއްކަމަށް ބަލައި ކުރިޔަށް ދާން ވާނީ“ ރައީސް

ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހާއި ގުޅޭގޮތުން މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެ ދުވަހު ކަންތައް ހިނގައިދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. ރައީސް އެ މައުޟޫގެ ތަފްސީލަކަށް ވަޑައިނުގެންނެވި އެވެ.

”އަޅުގަނޑުމެންގެ ތެރޭގައި ވިސްނާ ފިކުރުކޮށް ދެވަނަ ފުރުސަތެއް ލިބުނަ ނުދިނުމަށްޓަކައި، ލިބުނު ތަޖުރިބާއެއްކަމަށް ދެކިގެން އަޅުގަނޑުމެން ކުރިޔަށް ދާނީ.،.. 2013 ގައި އެ ވޯޓު ލީ އެންމެނާއި އެކު ވީ މަގުމަތި…“ ރައީސް

ރައީސް ނަޝީދުގެ ދޮޅު އަހަރު ދުވަހުގެ ވެރިކަމުގެ ދުވަސްތަކަށް އަމާޒުކޮށް ރައީސް މިރޭ ވިދާޅުވީ ޕާޓީ އާއި އާއްމު މެމްބަރުން މަގުމަތިވެގެން ދިޔައީ ވެރިކަމުގެ ދައުރު ވެސް ފުރިހަމަ ނުކުރެވެނީސް ކަމަށެވެ. އެއީ ދުވަހަކު ވެސް ޕާޓީގެ މެމްބަރުންގެ ހަނދާނުން ފޮހެވިގެން ދާނެ ދުވަސްތަކެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ ވެރިކަން ބަދަލުވުމަށް ފަހު 2012 އިން ފެށިގެން 2018 އާއި ހަމައަށް ޕާޓީ ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫ ދުވަސްތަކާއި ކަމަށެވެ. ހަތް އަހަރު މަގުމަތީ ހޭދަކުރިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތަކީ އެހާ އަވަހަށް ހަނދާން ނައްތާލަން ޖެހޭ ދުވަސްތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލައި، އެއްވެސް ސިޔާސީ ޕާޓީއެއް އެއީ އެކަނި ކުރިޔަށް ގޮސް ރިޔާސީ އިންތިހާބެއް ނެގޭނެ ޕާޓީއެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެމްޑީޕީއަކީ ތާއީދު ބޮޑު ޕާޓީއެއް ނަމަވެސް ކުރިޔަށް ދިއުމުގައި އަދި ހާއްސަކޮށް ވެރިކަމަށް އައުމުގައި ތަފާތު އެކި ފިކުރުމުގެ މީހުންނާއި އެކު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭނެކަމަށާއި އެ މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެ ގާބިލުކަމާއި ވިސްނުންތެރިކަން އެމަނިކުފާނުގެ ކިބައިގައި އެބަހުރިކަަމަށް ރައީސް ވިދާޅުވި އެވެ.

2008 ގެ ވެރިކަމުގެ ދުވަސްތައް މަތީން ރައީސް ފާހަގަ ކުރެއްވި އިރު ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދު ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ވެރިކަމަށް ހަ މަސް ދުވަސް ވެސް ނުވަނީސް ރޫޅި ގިނަ ސިޔާސީ ޕާޓީތައް އެމަނިކުފާނާއި ދެކޮޅުވި އެވެ. 2013 ގައި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވައި ދެވަނަ ބުރުން ސިޔާސީ ޕާޓީތަކުން ކޯލިޝަން ހެދީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: