ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިރާޖުގެ ތާއީދު، ރައީސް ސޯލިހަށް: ”މުހިންމީ ޕާޓީއަށް ވެރިކަން ހޯދައިދެވޭނެ ކެނޑިޑޭޓަކާއި އެކު ކުރިޔަށް ދިއުން“

ރައްޔިތުން މަޖިލިސްގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ ޕްރައިމެރީގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނިންމަވައިފި އެވެ.

ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ކުރިން އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި، އަދި އެ ނޫން ވެސް އެކި ހިޔާލުތަފާތުވުންތަކުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް ވާހަކަ ދެއްކެވި ސިރާޖު އޭނާގެ ތާއީދު އޮތީ ރައީސް ސޯލިހަށްކަމަށް އިއުލާނު ކުރެއްވީ މިއަދު އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރުމަށް ނިންމި ސަބަބެއްކަމަށް ސިރާޖު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދެވޭނީ އެމަނިކުފާނަށްކަމަށް ފެންނާތީ ކަމަށެވެ. އަދި ޕާޓީއަށް އިތުރު ދައުރެއް ހޯދައިދެވޭނެ ކެނޑިޑޭޓަކާއި އެކު ކުރިޔަށް ގޮސް، ކެމްޕެއިނަށް ނިކުތުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށް ސިރާޖު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭނާގެ އެ ނިންމުން ނިންމީ ދާއިރާގެ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލަށް ފަހު ކަމަށެވެ.

ސަރުކާރުގެ މަސައްކަތްތަކާއި މެދު ހިތްހަމަ ނުޖެހި، އަދި އެތެރޭގެ އިންތިހާބަށް ނުފޫޒުތަކެއް ފޯރުވިކަމަށާއި މަޖިލީހުގެ ބިލުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ވެސް ކުރައްވާފައިވާ ސިރާޖު ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރި ފަހުން އެ މަސައްކަތްތަކާއި ދުރުގައި ހުންނެވިކަން ފާހަގަ ކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ދައުރު ނިންމާލައި ޗުއްޓިއަށް ދިޔަ އިރު ވެސް މަޖިލީހުގައި ސިރާޖު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައި ވެއެވެ.

ރިޔާސީ ޕްރައިމެރީއާއި އެކު ރައީސް ނަޝީދާއި އެކު ގިނަ ދުވަސްތަކެއް ވަން ދެން ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުން އެމަނިކުފާނު ދޫކުރައްވައި ރައީސް ސޯލިހަށް ތާއީދު ކުރި އެވެ. އަދި އެމްޑީޕީއަށް ޗެއާޕާސަނެއް ހޮވުމަށް ބޭއްވި އިންތިހާބުގައި ވެސް ގިނަ ބަޔަކު ވަނީ، އެ މީހުންގެ ތާއީދު އޮތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށްކަމަށް ހާމަކޮށްފަ އެވެ.

ސިރާޖުގެ އިތުރުން، ދެން ރައީސް ނަޝީދާއި އަރިސް ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް މިހާރު ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭފައި އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި، މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ފާހަގަ ކުރެވެ އެވެ. އަދި އެ ނޫން ވެސް ބައެއް ބޭފުޅުންގެ ތާއީދު ރައީސް ސޯލިހަށް ކުރުމަށް ނިންމެވި ސަބަބެއްކަމަށް ވަޒީރުންނާއި މެމްބަރުން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް އިތުރު ދައުރެއް ހޯދައިދިނުމަށާއި ރައީސް ސޯލިހުގެ ސަރުކާރު ކުރިޔަށް ގެންދިއުމުގެ ސިޔާސަތުތައް ރަނގަޅުވުމެވެ.

ރައީސް ސޯލިހަށް ތާއީދު ކުރެއްވި ބައެއް ބޭފުޅުން ވެސް، ތާއީދު އަނބުރާ ގެންގޮސް ރައީސް ނަޝީދާއި އެކު ކެމްޕެއިންތަކުގައި ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ފާހަގަކުރެވެ އެވެ.

މި މަހުގެ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި ވާދަވެރި އިންތިހާބެވެ. ޕްރައިމެރީގައި ނިކުންނެ ނަތީޖާއަކަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ސަމާލުކަން ހުއްޓިފައިވާއިރު ރާއްޖޭގެ މެއިން ސްޓްރީމް ހުރިހާ މީޑިއާތަކެއްގެ ކަވަރޭޖު ވެސް މިވަގުތު ހުއްޓިފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: