ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ ފުރަަތަމަ ވެރިކަން ވެސް ދޮޅު އަހަރުން ބަދަލުވި، އެ ކަޅު ދުވަސްތައް މަތީން ހަނދާން ނައްތާލައިގެން ނުވާނެ: ރައީސް

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހަބުގައި ވާދަ ކުރާނެ، ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވޯޓު ދޭއިރު 2008 ގައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމެއް އުފެދި، ދައުރު ހަމަ ވެސް ނުވަނީސް ދޮޅު އަހަރުގެ ތެރޭގައި ވެރިކަން ބަދަލުވެގެން ދިއުމުގެ ސަަބަބުން ޕާޓީ ކުރިމަތިލާން ޖެހުނު ދަތި، އަދި ކަޅު ދުވަސްތައް މަތީން ހަނދާން ނައްތާނުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމެރީއަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކެމްޕެއިން ހަރަކާތްތައް ފަށައި، ދެ ރައީސުން ވެސް ރަށްތަކަށް ދަތުރުތައް ފަށާފައިވާއިރު ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ މިރޭ އޮތީ، ރ. މީދޫގަ އެވެ.

ކުރިޔަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރާ ސަރުކާރެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަން ވީ ކާމިޔާބީ ގެނެސްދެވޭނެ ވެރިއެއް ހޯދުމަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުން ދާއިރު އެކަމުގައި ބައިވެރިވެވި ރައްޔިތުންގެ އަޑު އިވެމުންދާތީ އޭގެއިން ފެނި ހާމަވާ އެންމެ ބޮޑު މަންޒަރަކީ އިންތިހާބުގެ ކާމިޔާބީކަމަށް ރައީސް ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ ޕްރައިމެރީއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، އާއްމު މެމްބަރުންގެ ވިސްނުން ހުންނަން ވީ ކުރިން ކުރެވިފައި ހުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. ހާއްސަކޮށް ރަނގަޅު ނަތީޖާއެއް ނެރެވެން އޮތީ ކޮން ގޮތަކުން ކިހިނަކުން ކުރާ މަސައްކަތެއްގެ ތެރެއިންކަން ވިސްނުމަށް ގެންނަން ޖެހޭއިރު އެ ހަނދާންތައް ފަށަން ޖެހެނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމާއި ހަމައިންކަމަށް ރައީސް ވިދާޅުވި އެވެ.

2008 ގައި އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަން ނުވަތަ، ރައީސް ނަޝީދުގެ ދޮޅު އަހަރު ދުވަހުގެ ވެރިކަމުގެ ދުވަސްތަކަށް އަމާޒުކޮށް ރައީސް މިރޭ ވިދާޅުވީ ޕާޓީ އާއި އާއްމު މެމްބަރުން މަގުމަތިވެގެން ދިޔައީ ވެރިކަމުގެ ދައުރު ވެސް ފުރިހަމަ ނުކުރެވެނީސް ކަމަށެވެ. އެއީ ދުވަހަކު ވެސް ޕާޓީގެ މެމްބަރުންގެ ހަނދާނުން ފޮހެވިގެން ދާނެ ދުވަސްތަކެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ ވެރިކަން ބަދަލުވުމަށް ފަހު 2012 އިން ފެށިގެން 2018 އާއި ހަމައަށް ޕާޓީ ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫ ދުވަސްތަކާއި ކަމަށެވެ.

ހަތް އަހަރު މަގުމަތީ ހޭދަކުރިއިރު ރާއްޖޭގެ ހާލަތު އޮތް ގޮތަކީ އެހާ އަވަހަށް ހަނދާން ނައްތާލަން ޖެހޭ ދުވަސްތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”އަދި އެ ދުވަސް ހަނދާނުން ފޮހެލާކަށް ވެސް ނުވާނެ… އަނިޔާވެރިކަން، ބިރުވެރިކަން.. އަޅުގަނޑުމެން އެޔާއި ދެތެރޭގައި ފުންކޮށް ވިސްނަން ޖެހޭނެ.. އަޅުގަނޑުމެން ބޭނުން ވަނީ އެ އަނިޔާވެރިކަމާއި އެ ބިރުވެރިކަމުގެ ތެރެއަށް ދާން ތޯ… ނޫނިއްޔާ މިހާރު މިއޮތް ސުލްހަވެރިކަމާއި ހަމަނުޖެހުމުގެ ތެރެއިން ދާތީ… މިއީ މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތް ސުވާލަކީ“ ރައީސް ސޯލިހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުނދަގޫ ދުވަސްތަކެއް ކުރިމަތިލާން ޖެހުނުކަމަށާއި އެއީ އަނިޔާވެރި އަދި ބިރުވެރި ދުވަސްތަކެއްކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ރައީސް ގޮވާލެއްވީ ރިޔާސީ އިންތިހާބާއި ކުރިމަތިލާއިރު އެ ދުވަސްތަކާއި މެދު ފުންކޮށް ވިސްނުމަށެވެ. ރައްޔިތުން ބޭނުން ވަނީ އެފަދަ ދުވަސްތަކެއް އިޔާދަވާން ތޯ ނުވަތަ މިހާރު މި ދެކޭ އުފާވެރި ދުވަސްތަކެއް އިތުރު ފަސް އަހަރަށް ދެމިގެން ދިއުންތޯ ވިސްނުމަށް ރައީސް ގޮވާލެއްވި އެވެ.

2008 ގެ ވެރިކަމުގެ ދުވަސްތައް މަތީން ރައީސް ފާހަގަ ކުރެއްވި އިރު ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް، ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ވެރިކަމަށް ހަ މަސް ދުވަސް ވެސް ނުވަނީސް ރޫޅި ގިނަ ސިޔާސީ ޕާޓީތައް އެމަނިކުފާނާއި ދެކޮޅުވި އެވެ. އަދި ސިލްސިލާކޮށް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ 2012، ފެބްރުއަރީ 07 ގަ އެވެ. އެއަށް ފަހު އެމްޑީޕީން ގިނަ އަހަރުތަކެއް މަގުމަތީ ހޭދަ ކުރަން ޖެހުނެވެ.

2013 ގައި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރެއްވި ނަމަވެސް، އެ އިންތިހާބުން ރައީސް ނަޝީދު ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ޕާޓީއަށް ގިނަ ގޮންޖެހުންތައް ދިމާވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: