ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ރާއްޖޭގެ ބިން ފޭރިގަންނަން އުޅޭކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަތަކަށް ސަފީރުގެ ރައްދު!

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކާއި ހިންގި މަޝްރޫއުތަކަކީ ޗައިނާއިން ޖެއްސި “ދަރަނީގެ ދަންތުރައެއް” ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ދެކެވުނު ވާހަތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަފީރު ވާން ލިޖިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބިންތައް ޗައިނާއިން ފޭރިގަތުމަށް މަސައްކަތް ކުރާކަމަށް ބުނެ އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ މީޑިއާއެއްކަމަށް ވާ “ދަ ވިއޯން” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެކި މަޝްރޫއުތައް ހިންގަން ލޯނުތައް ދިނުމުގެ ބޭނުމަކީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެއްސުން ކަމަށެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވީ، ޗައިނާއިން ރާއްޖޭގައި ހިންގި ހުރިހާ މަޝްރޫއުތަކެއްގެ ބިމުގެ މިލްކުވެރިކަން އޮތީ ރާއްޖެއަށް ކަމަށެވެ. ޗައިނާއިން ރާއްޖޭގެ ބިންތައް ހިސޯރުކޮށްފައިވާކަމަށް ނުވަތަ ބިންތައް ދަމައިގަންނަން މަސައްކަތް ކުރާކަމަށް ބުނެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސްލެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށް ދިނީ އޭރުގެ ސަރުކާރުގެ ހުށަހެޅުންތަކުގެ ދަށުން ކަމަށެވެ. އަދި އެކަމަށް އިޖާބަ ދީ ކުރިޔަށް ދިޔައީ އެ ގައުމަކީ އަބަދުވެސް ރާއްޖޭގެ ކުރިއެރުމަށް އެހީ ދޭން ބޭނުންވާ އަދި އިހުތިރާމް ކުރައްވާތީކަމަށް ވިދާޅުވި އެވެ. ލޯނުތައް ފޯރުކޮށް ދިނީ އަނބުރާ ދެއްކޭނެ ގާބިލުކަމަށް ރިއާޔަތްކޮށް، ދެ ގައުމަށް ވެސް ފައިދާ އާއި މަންފާ ލިބޭ ގޮތަށް ދެފުށް ފެންނަ އުސޫލުތަކެއްގެ ތެރެއިންކަން ފާހަގަކޮށް ސަފީރު ވިދާޅުވީ އަބަދުވެސް އަމަލު ކުރަނީ ގަވައިދާއި ގާނޫނުގެ ތެރެއިން ކަމަށެވެ.

ދަރަނީގެ ދަންތުރައެއްގައި ޖައްސައި، ޗައިނާއިން ރާއްޖެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އަދި އަސްލެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މިއީ ހާރިޖީ ގުޅުންތަކަށް ބުރޫއަރައި، އެހެން ގުޅުންތައް ނައްތާލުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއްކަމަށެވެ. ސަފީރު ވާން ލިޖިން ވިދާޅުވީ ދަރަނީގެ މައްސަލަތައް ތަރައްގީގެ މަޝްރޫއުތައް މެދުވެރިކޮށް ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން މާލެ ހުޅުމާލެ ބްރިޖާއި، ހައުސިން ޕްރޮޖެކްޓުތައް އަދި ފޮރިން މިނިސްޓްރީގެ އިމާރާތް ނިންމުމުގައި ރާއްޖެއިން އެހީތެރިިކަން ފޯރުކޮށްދިން ކަމަށެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެގަ ޕްރޮޖެކްޓާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އިޖްތިމާއީ ގޮތުން ފޯރުކޮށްދިން އެހީތައް ފާހަގަކުރެއްވި އެވެ. މި ހުރިހާ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ޗައިނާގެ އިންޖީނިއަރުންނާއި، ޓެކްނީޝިއަނުން ރާއްޖޭގައި ތިބިކަމާއި، މަސައްކަތްތައް ބާރު ސްޕީޑުގައި ނިންމާލެވުކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ފްރީ ޓެރޭޑް އެގްރިމެންޓަށް ސަފީރު ވިދާޅުވީ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައީ 2015 ގެ ފެބްރުއަރީ މަހު ކަމަށެވެ. މިއީ ހަމަހަމަކަމާއި އެކު ދެފަރާރަށް ވެސް ފައިދާ ކުރާ ގޮތަށް އެއްބަސްވެގެން ކުރިޔަށް ގެންދިޔަ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށް ވާން ލިޖިން ވިދާޅުވީ ދެ އަހަރުގެ މަޝްވަރާތަކަށް ފަހު 2017 ގައި އެއްބަސްވުންތަކުގައި ސޮއިކޮށް އޭގެ ޖެހިގެން އައި އަހަރު އެއަށް އަމަލު ކުރަން ފެށި ނަމަވެސް އޭގެ ފަހުން އެފްޓީއޭގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް އެތެރޭގެ އިޖުރާއަތްތައް ފުރިހަމަ ކުރެވިފައި ނުވާކަމަށެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެފްޓީއޭ ތަންފީޒުކުރުމުގެ ސަބަބުން އިންވެސްޓްމަންޓާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ޗައިނާއާއި ރާއްޖެއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ. އެފްޓީއޭއަށް އަމަލުކުރަން ނުފެށުން އެއީ ދެ މީހުންގެ އުއްމީދުތަކާ ހިލާފު ކަމެއް….” ސަފީރު

އެފްޓީއޭއަކީ އެތައް ގޮތަކުން ރާއްޖެއަށް ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ކުރިއަރުވަން އިތުރު ފުރުސަތަކަށް ވެގެން ދިޔައީސްކަމަށް ސަފީރު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ވަރަށް ބޮޑަށް ޗައިނާއާއި ގުޅުން ބޭއްވި އެވެ. އަދި އޭރު އެގައުމުން ހިންގި އަދި ހިންގަން އިއުލާނު ކުރި ބައެއް މަޝްރޫއުތަކަށް އިދިކޮޅުގައި ތިއްބަވައިގެން އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރި އެވެ. އަދި އޭރު ވެސް އެކަން ސިފަ ކުރީ ދަރަނީގެ ދަންތުރައެއްގެ ގޮތުގަ އެވެ. އެއަށް ފަހު ވެރިކަމަށް ވަޑައިގެން މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދެމުން އަންނަނީ އިންޑިއާ އެކު ގުޅުން ބޭއްވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: