ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ތުހުމަތު ކުރާ އަލިމަނިކުގެ ޖަލު ހުކުމަށް މައާފު ދިނީ ކާކުގެ ބާރުންތޯ ބަލަން ޖެހޭ: ސިރާޖު

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކު ޝަރީއަތުގެ އަޑުއެހުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މައްސަލައިގައި ހައްުޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ހއ. މޮޅަދޫ އަބްދުﷲ އަލިމަނިކު އއ. ހިމަންދޫ މައްސަލައިގެ ޖަލު ހުކުމުގައި ހުއްޓައި މައާފު ދިނީ ކާކުގެ ބާރުގެ ދަށުންތޯ ބަލަން ޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް އޭނާގެ ހުކުމުގެ ދުވަސްތަކެއް ބާކީ އޮއްވައި، މައާފު ދީ މިނިވަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެކަމަށް އިޝާރާތްކޮށް އަލި މަނިކު ޝަރީއަތުގެ އަޑުއެހުމުގައި ބުނީ، އިއްވި 10 އަހަރުގެ ހުކުމަށް ރައީސް ސޯލިހު އޭނާއަށް މައާފު ދެއްވީ ނުރަކަލެއް ނެތުމުން ކަމަށެވެ. އޭނާ ވަނީ ހަމަލާއެއްގެ އެއްވެސް ޝައްކެއް ކުރެވޭނަމަ ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ތުހުމަތެއް އޮތްނަމަ މައާފު ނުދިނީސް ކަމަށެވެ.

އޭގެ ފަހުން ހަމަލާގެ މައްސަލައިގައި 2021، މޭއި 17 ގައި ހައްޔަރު ކުރި އަލިމަނިކަށް ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމާއި މާލޭގައި ވަކި ޖަމާއަތް ހަދައިގެން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތު ކުރެެވެ އެވެ. އަދި އަބްދުﷲ އަލި މަނިކު ހައްޔަރުކޮށްފައި ވަނީ ދީނީ ނުވަތަ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމައްޓަކައި މާލެ ސަރަހައްދުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.

ސަންގުޓީވީގެ މޭއި ހައެއް ކަވަރޭޖުގައި ސިރާޖު ވިދާޅުވީ އަބްދުﷲ އަލިމަނިކު ދޫވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާއަކީ ރާއްޖޭގައި ހިންގާ ކަރުކަށި ފިކުރުގެ ޖަމާއަތެއްގެ އަމީރެއްކަމަށާއި، އެކަމުގެ ބައެއް ރިޕޯޓުތައް އޭނާ ޖަލުގައި އޮތް އިރު ވެސް ލިބެމުންދާކަމަށް ބުނި ކަމަށެވެ. އޭނާ ދޫވި ގޮތަކަށް ދޫވިއިރު އެއީ ޓެރަރިސްޓު ޖަމާއަތެއްގެ އަމީރެއްކަން ފުލުހުންނަށް އެނގޭކަން ފާހަގަކޮށް ސިރާޖު ވިދާޅުވީ، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ތަހުގީގެއް ހިންގިތޯ ކުރި ސުވާލުތަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ނުލިބުނު ކަމަށެވެ.

“އެކަން ބަލަން ޖެހޭނެ.. ކޮންކޮން ފަރާތްތަކެއް ޝާމިލުވެގެން ތޯ މިކަން ހިނގީ.. ނަމަވެސް އެކަމަށް ޖަވާބެއް ނުލިބޭ.. ފުލުހުންނާއި އަޅުގަނޑުމެން ވަރަށް ސާފުކޮށް ތި ސުވާލު ކުރިން.” ސިރާޖު

ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ދިގު މުއްދަތެއް ވަންދެން ބަންދުގައި ނުބެހެއްޓެނީ ގާނޫނު ފުރިހަމަ ނުވެގެންކަމަށް ބުނެ ހޯމް މިނިސްޓްރީން ދައްކާ ވާހަކަތަކުގެ ރައްދުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނު ފަރުމާކޮށް، އެ ގާނޫނަށް ގެންނަން ބޭނުންވި ހުރިހާ ބަދަލުތަކެއް މަޖިލީހުން ގެނެސްދިން ކަމަށެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ކޮންމެ ދައުރެއް ވެސް ފެށުމުން އެތައް ބިލުތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވާކަމަށް ބުނެ މީޑީއާތަކާއި ހިއްސާކުރާކަމަށާއި ނަމަވެސް މެމްބަރުންނާއި ހަމައަށް އަންނަނީ ތިން ބިލު ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ފަހަތުގައި ވާ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނަކީ ތަފާތު އެކި ގޮވާޒާތުގެ އެކްސްޕޯސިވް ޑިވައިސްތައް ހެދުމުގެ ގާބިލުކަން ހުރި އަދި އެ މީހުންގެ ވިސްނުން ފަތުރަން އުޅޭ ބައެއްކަން ތަހުގީގީ އިދާރްތަކުން މައުލޫމާތު ދެ އެވެ. އަދި މި މީހުންނަކީ ތަފާތު އެކި ފަހަރު މަތީން ހައްޔަރުކޮށްފައިވާ މީހުން ނަމަވެސް ބަންދުން ދޫވަނީ ގާނޫނުން އެކަމަށް ތަން ނުދޭތީކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ޖަލުގައި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބިކަން އެނގޭއިރު ވެސް އެކަމަށް ފިޔަވަޅު ނޭޅެނީ ރިހިބިލިޓޭޝަނަށް ރަނގަޅު ގާނޫނެއް ނެތުމުންކަމަށް އިމްރާން ވިދާޅުވެފައިވާތީ، އެކަމަށް ވެސް އަފީފް ނުރުހުން އަމާޒު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، މިހާރު ގާނޫނު އޮތްގޮތުން ވެސް މަސައްކަތް ކުރެވެން އެބައޮތް ކަމަށެވެ. އަދި އިސްލާހު ކުރެވެނޭ ގޮތެއް އޮތް ނަމަ، އެކަން ހުށަހެޅުމުން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

“ކަމެއް ނުކުރަން ވެގެން ދައްކާހާ ވާހަކަ އެއީ.. އެހެން ބައެއްގެ ބޮލުގައި އެ އިލްޒާމު އެޅިމަ ފަސޭހަތާ… ހަގީގަތަކީ ދެން އެބޭފުޅުން އެ މަސައްކަތް ކުރަން ބޭނުން ނުވީމާ ނުކުރަނީ…” ސިރާޖު

މީގެއިތުރުން އަފީފް ވަނީ ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރި 10 މީހުންގެ ތެރޭގައި ހިމެނޭ، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހަށް ދައުވާ ނުކުރަން ނިންމި ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. ފާތިހަކީ އައިއީޑީ ހަރު ކުރި ސައިކަލު އެ ސަރަހައްދުގައި ޕާކުކުރި މީހާގެ ގޮތުގައި ތުހުމަތު ކުރުމަށް ފަހު ދެން ދައުވަ ނުކުރަން ނިންމީ ކޮންމެވެސް ކަމެއް އޭގެ ފަހަތުގައި ވާތީކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި އަލި މަނިކު ހައްޔަރު ކުރީ އިތުރު ހަމަލައެއް ދޭން މަސައްކަތް ކުރާކަމުގެ ތުހުމަތާއި އެކު އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުންތަކަށް މާބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައި ނުވާއިރު ބަންދާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކުގައި ދައުލަތުން ކުރާ ތުހުމަތުތަކަށް އޭނާ ދިފާއެއްގެ ގޮތުގައި ނަގަނީ ޖަލު ހުކުމަށް ދިން މައާފެެވެ. އަލި މަނިކު ބުނާ ގޮތުގައި އޭނާއަކީ ހަމަލާއެއް ދީފާނެކަމުގެ ތުހުމަތުތަކެއް ކުރެވޭ އަދި ހަރުކަށި ފިކުރުގެ ބޮޑެއްކަމަށް ދައުވާތަކުގައި ބުނަން ޖެހޭ ސަބަބެއް މައާފު ދިނުމުގެ ލިޔުންތަކުގައި ނެތް ކަމަށެވެ.

އަލި މަނިކަށް މައާފު ދީފައި ވަނީ އޭނާ ޖަލުގައި ހޭދަ ކުރި ދުވަސްތަކަށް ފަހު ވިސްނުން ބަދަލުވެ ރަނގަޅުވެފައިވާކަމަށް ނިންމުމަށް ފަހު އެވެ. އަދި ނިންމުމަށް ވާސިލުވާން ބެލި ކަންތަކަކީ ކޮބައިތޯ އިދާރާތްތަކާއި ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ލިބިފައި ނުވެ އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ މީގެ ކުރިން ވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: