ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި އެކު މަސައްކަތް ކުރަން ފަސޭހަވާނެ، އެކުގައި މަސަައްކަތް ކުރަހިތްވޭ: ފައްޔާޒް

އިންތިހާބު ކާމިޔާބުކޮށް އުފާ ފާޅުކުރުމަށް ބޭއްވި ހަފްލާގެ ތެެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެކަމުގެ އުންމީދު ކުރާކަމަށް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވި އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވާދަވެރިކަމާއި، ފޯރިއާއި އެކު ކުރިޔަށް ދިޔަ ކެމްޕެއިނަކަށް ފަހު އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއާޕާސަންގެ މަގާމު ފައްޔާޒް ދިފާއު ކުރައްވާފައި ވަނީ ބޮޑު ތަފާތަކުންނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކުރައްވައި ފައްޔާޒަށް 28،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތް އިރު މިއީ އިންތިހާބުގެ 58 އިންސައްތަ އެވެ.

ފައްޔާޒާއި އެކު “ހިންގާލަން” ޓީމުން އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، ޒުވާނުންގެ ރޫހުގެ ނައިބަކަށް ވާދަ ކުރި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މައިމޫން މުހައްމަދު ވަނީ ޒުވާނުންގެ ހިތްވަރުގެ ނައިބުކަން ކާމިޔާބުކޮށްފަ އެވެ.

ކަމިޔާބީގެ އުފާ ފާޅުކުރުމަށް ބޭއްވި ކުޑަ އެއްވުމެއްގައި މީޑިއާތަކާއި ބައްދަލުކޮށް ފައްޔާޒް ވިދާޅުވީ، މިއީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ އިތުބާރާއި ޔަގީންކަމުގެ ހެއްކެއް ކަމަށެވެ. ފައްޔާޒް ވިދާޅުވީ އޭނާގެ އަމާޒު ދެން ހުންނަނީ ސަރުކާރާއި އެކު 2023 ކާމިޔާބު ކުރުމަށް ކަމަށެވެ.

ރައީސް ނަޝީދު ޕާޓީން ބޭރު ކުރަން އުޅޭކަމުގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވިފައިވާތީ އެކަމަށް ފައްޔާޒް ވިދާޅުވީ އޭނާ ގަބޫލު ކުރަނީ އެކުގައި މަސައްކަތް ކުރެވޭނެ ކަމުގަ އެވެ. އަދި ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅެއްކަން ފާހަކޮށް ފަައްޔާޒް ވިދާޅުވީ ޕާޓީގެ ކުރިމަގަށް ގިނަ މަސައްކަތަކެއް ކުރައްވާނެ ކަމަށެވެ.

މި ކާމިޔާބީ ގިނަ ބަޔަކު ސިފަ ކުރަނީ، ރައީސުލުޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެކު ފައްޔާޒް ނިކުމެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް ރައީސް ނަޝީދު ބަލި ކުރެއްވީކަމުގައެވެ. މިވާހަކަ މިގޮތަށް ދެކެވެން މެދުވެރިވީ ސަބަބެއްކަމުގައި ބެލެވެނީ، އިންތި ޗެއާޕާސަންކަމުގެ މަގާމުގައި ވާދަ ކުއްވުމަށް ނިކުމެ ހުންނެވީ ރައީސް ނަޝީދުގެ އިރުޝާދަށްކަމުގައި ބުނެ ވާހަކަތައް ދެކެވުމެވެ. އަދި ފައްޔާޒް އިސްމާއީލް ނިކުމެ ހުންނެވީ ރައީސް ސަލިހުގެ ތާއީދާއިއެކުކަމަށް ވާހަކަތައްދެކެވުމެވެ.

މިގޮތަށް ވާހަކަތައް ދެކެވިގެން ދިޔައިރު ފެނިގެން ދިޔައީ ރައީސް ނަޝީދުވެސް ފާޅުކަން ބޮޑު ގޮތެއްގައި ސޯޝަލް މީޑިއާގައި ތެރޭގައި ފައްޔާޒާއި ދެކޮޅަށް ވާހަކަދައްކަވާ އިންތިގެ ޓީމުން ފައްޔާޒަށް ކުރަމުން ގެންދިޔަ ތުހުމަތުތަކުގައި އެއްބާރުލުން ދޭ މަންޒަރެވެ. އަދި ސަރުކާރުގެ އިސް ފަރާތެއް ފައްޔާޒްއަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުން ވަރަށް ބޭއަދަބީ ސިފައެއްގައި އެކަމާއިމެދު ނުރުހުންވުން ފާޅުކުރަމުން ދިޔަ މަންޒަރުވެސް ފެނިގެންދިޔައެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދާއި ދެމެދު އެއްވެސް ޒާތީކަމެއް ނެތްކަމަށާއި އޭނާ އެކުރައްވަނީ ސިޔާސީ މަސައްކަތެއް ކަމުގައެވެ. އޭނާ ދެން ވިދާޅުވީ ރައީސް ނަޝީދާއިއެކު މަސައްކަތް ކުރުމަށް ވަރަށް ފަސޭހަކަމަށާއި ރައީސް ނަޝީދާއިއެކުގައި މަސައްކަތް ކުރާ ހިތްވާކަމަށެވެ. ރައިސް ނަޝީދަކީ ވެސް ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަށް ޒާތީވުމެއް ނެތި ކުރައްވާ ބޭފުޅެއްކަމުގައި ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ ވަރަށް ރަނގަޅު މަސައްކަތްތަކެއް އެކުގައި ކުރެވިދާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ހަމަ މިފަދައިން ވާދަވެރި ކެމްޕެއިންތަކެއް ކުރައްވާ ބަހުގެ ހަމަލާތަކެއް ދެއްވި ނަމަވެސް އިންތި އާއި އެކުވެސް މަސައްކަތް ކުރެވޭނަކަމުގައި ވިދާޅުވިއެވެ. ފައްޔާޒް ވިދަޅުވީ ވާދަވެރި އަނެއް ކެމްޕެއިން ޓީމާއިއެކުވެސް މަސައްކަތް ކުރެއްވުމަށް އޭނާގެ “އަތް ވަނީ ހުޅުވިފައި” ކަމަށެވެ.

މީގެ އިތުރަށް ކެމްޕެއިންގެ ހަރަކާތްތަކުގައި މިފަދަ ވާދަވެރި ވާހަކަތަކެއް ދައްކާ ގިނަ ކޯޅުންތަކެއް ކޯޅުމުގެ ސަބަބުން ގިނަ އާންމު ރައްޔިތުން އައީ ޕާޓީ ދެން އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެތޯ ސުވާލު އުފައްދަމުންނެވެ. މިކަމާއިމެދު ނޫސްވެރިއަކު ސުވާލުކުރެއްވުމުން ފައްޔާޒް ޖަވާބުގައި ވިދާޅުވީ އެކަމާއިމެދު އެއްވެސް ޝަކެއް ނެތްކަމަށެވެ. އަދި ދެންވެސް ޕާޓިގެ އެކަތިގަނޑެއްކަމުގައި އޮންނާނެކަމަށެވެ. މީގެ ކުރީގައިވެސް މިފަދަ ވާދަވެރި ކެމްޕެއިންތަށް ހިގާ ދިޔަކަމަށާއި މިކަން މިހާ ފުޅާކޮން ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ނުދިޔައީ މިހާރާއި ހިލާފަށް އޭރުގައި ސޯޝަލް މީޑިއާ އެހާ ވަރުގަދަ ނޫންވީމަކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: