ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރަވެ، ބިންގަނޑު ކަނޑައިގެން ދިއުމުން އިންޑިއާ އިން 26 މީހުން މަރުވެއްޖެ 

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ބަޔަކު މަރުވެފައި ވަނީ އިންޑިއާގެ މަނިޕޫރުގެ ރެލްވޭއެއްގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދެއްގައި ހުރި އުސް ފަރުބަދައަކުން ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން ވެއްޔާއި ކިސަޑުތަކުގެ ދަށުވެގެންނެވެ.

ބުދަ ދުވަހުގެ ރޭ ހިނގި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. ރޭލްވޭގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގެ މުވައްޒަފުންގެ ތެރެއިން 37 މީހަކު އަދިވެސް ވަނީ ގެއްލިފައެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުއްލި ހާލަތުގައި އެހީތެރިވާ ފަރާތްތަކުން އަންނަނީ މެދުނުކެނޑި ކުރަމުންނެވެ. ނަމަވެސް ބޯވިއްސާރައިގެ ސަބަބުން އެމީހުންގެ މަސައްކަތައް ވެސް ވަނީ ހުރަސް އެޅިފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާގައި މަރުވިކަން މިހާތަނަށް ކަށަވަރުވެފައިވާ 26 މީހުންގެ ތެރެއިން 21 މީހުންނަކީ ސިފައިންނެވެ. އެއީ ރޭލްވޭ އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދަކީ ގަބީލާތަކުގެ މެދުގައި ހަމަނުޖެހުން ބޮޑު ސަރަހައްދަކަށް ވުމުން ރޭލްވޭގެ މަސައްކަތް ކުރާ މީހުންގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގައި ސިފައިން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މިއޮޕަރޭޝަންގައި 250 ސިފައިން ބައިވެރިވަމުން އަންނަ ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިންޑިއާގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް ބެލެވޭތީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއަހަރު މިހާތަނަށް ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވެސް އިންޑިއާ އިން 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް ޖޫން މަހާއި ޖުލައި މަހު ވަރަށް ބޮޑަށް ވިއްސާރަ ކުރެއެވެ. މިދުވަސްވަރު ބަންގްލަދޭޝް އަށް ވެސް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: