ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ސުޕަ މެޖޯރިޓީން ލިބުނު ތަޅުދަނޑިއާއިއެކު ވެރިންގެ ކުށް ތަޅުއަޅުވާ ބޮޑު ފޮއްޓައް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އިން ދިދަ ދިންކަމަށް ފުލުހުން ބުނީ ފޮޓޯއަކުންކަމުގައިވީއިރު، ވީޑިއޯއަކުން އެއް ޖިންސުން ގުޅުން ހިއްގިކަން ސާބިތު ނުވާންވީ ކީއްވެ ހެއްޔެވެ؟

ޔޯގާ ހަރަކާތް ހުއްޓުވުމަށް ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތަކަކީ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ފޯރުކޮށްދީފައިވާ ތަކެތިކަމަށް އެއްވެސް ތަހުގީގެއް ނުވަތަ، ސާބިތު ކުރުމަށް ސުވާލެއްކުރުމެއް ނެތި ފުލުހުން ބަޔާނެއް ނެރުނީ އާންމުވި ފޮޓޯއަކުން ޕީޕީއެމަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ދިދަތަކެއް ކައިރިން ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ.

މިފަދައިން ކަން އޮތްއިރު އެއް ޖިންސުން ގުޅުން ހިންގާމަންޒަރު ފެންނަ ވީޑިއޯ އަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، ވަކީލް ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ޖަމާއަތް ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއިމެދު ޔޯގާ މައްސަލަ އާއި ގުޅިގެން ގޮތް ނިންމާ ބަޔާން ނެރުނު ފަދައިން ނުނެރެވެންވީ ކީއްވެގެންހެއްޔެވެ؟

ސުވާލަކީ މި ދެންނެވި ތުހުމަތު ކުރެވޭ ބޭފުޅުންނާއި ބެހޭ ގޮތުން ބަޔާން ނެރެން ނުެރުނީ ނުފޫޒު ހިނގާ އާއިލާއަކަށް ނިސްބަތްވާތީ ތޯއެވެ. އެއް ސިޔާސީ ފިކުރެއް ގެންގުޅުއްވާތީ ތޯއެވެ. ނުވަތަ ވެރިމީހާއަށް ބިރުން ކަމާއި ބެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ނުކެރުނީތޯއެވެ. މިއީ ރައްޔިތުން މިއަދު ޖަވާބު ބޭނުންވާ ސުވާލުތަކެއްކަން ގައިމެވެ. ނަމަވެސް ވެރިން ތިއްބެވީ ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅުވި ފަދައިން ކުޅި ބަލަންށެވެ.

ކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގައުމުން މިހާރު ފެނިގެންދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވި ހެޔޮވެރިކަމެއްނޫނެވެ. ރައްޔިތުންނަށް އިންސާފު ގާއިމްކުރުމަށްޓަކައި ގެނެސްދެއްވަން ވައުދުވެވަޑައިގެން މިނިވަން ފަނޑިޔާރު ގެޔެއްނޫނެވެ.

ވަކިވެފައި އޮންނަ ޖެހޭ ތިން ބާރު މަސްހުނިވެ ގަޑުބަޑުވެގެން، ރައްޔިތުން މަގު މައްޗަށް ނިކުމެ ގައުމުގެ ހާލަތާއިމެދު ކަންބޮޑުވެ، ހައްގުތަކުގެ ވާހަކަ ދައްކާ އަޑުއުފުލަމުންދާއިރުވެސް ސޯލިހާއި ސަރުކާރުގައި ތިބި ފަރާތްތަކުން ހާސްވަނީ ދީނުގެ ދިފާއުގައި ނިކުތް ފަރާތްތަކެއްގެ މައްޗަށް، ބަޔަކަށް މަންޒަރު ދެއްކުމަށްޓަކައި ފިޔަވަޅު ނޭޅިދާނެތީއެވެ. އިދިކޮޅުގެ އަޑު ކަނޑުވާނުލެވިދާނެތީއެވެ.

ގައުމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދެއްވުމަށްޓަކައި ގާނޫނުތައް އިސްލާހު ކޮށްދިނުމުގެ ބަދަލުގައި ރައީސް ސާލިހުގެ ސަރުކާރުން އަވަދިނެތި އުޅެނީ އިދިކޮޅުގެ ކޮންމެ އަމަލަކީ ޖިޏާއީ ކުށެއް ނުވަތަ މަނާކަމެއް ގޮތުގައި ކަނޑަނޭޅިގެންނެވެ. އިދިކޮޅުގެ އިސް ލީޑަރުން ވިދާޅުވާފަދައިން ގައުމީ ސަލާމާތް ދަމަހައްޓާ ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދީ ގައުމު ހިންގުމަށްޓަކައި ނުވަތަ ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ވެވަޑައިގެން ވައުދުތައް ފުއްދަވަން ގަރާރެއް ނެރެދެއްވިއްޔާ ވާނީ ކީއްތޯއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އިސްލާމީ ޝަރީޢަތާއި ހިލާފަށް ގައުމުގައި ފާޅުކަން ބޮޑު ގޮތުގައި ބޮޑެތި ކުށްތަކާއި މުއްކަރާތްތައް އާންމުވެ ފަތުރަމުންދާއިރުވެސް ސަރުކާރަށް މިކަންކަމަށް އެޅުނު ފިޔަވަޅެއްނެތެވެ. މިފަދަ މައްސަލަތަކުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތަކީ ކުށްވެރި ކޮށްފި ކަމަށް ބުނެ ބަޔާން ނެރުމާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ނޫސްބަޔާން ނެރުމެވެ.

ސޯޝަލް މީޑިއާގައި ވަކީލް ނާޒިމް ސައްތާރުކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވާން ފެށުމުން ފުލުހުންވަނީ ތަހުގީގު ފަށާފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައެެވެ. ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ޔޯގާ ހަރަކާތް ހުއްޓުވުމަށް ޝާމިލްވިކަމަށް ބުނާ ދީނީ އިލްވެރިންގެ ހިފެހެއްޓީ ދީނީ އިލްމްވެރިކަމުގެ ފާހެވެ. ހައްޔަރު ކުރެވިގެން ދިޔައީ ޅަ ދަރިންނަށްވެސް ނަފްސާނީ އަސަރުކުރާނެފަދައިންނެވެ.

އެހެނެއްކަމަކު ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ އަދުން ހުސެއިން މިއަދުވެސް އިންނެވީ ގާނޫނު ހަދާ މަޖިލީހުގައި ޑރ ޝަހީމް ވިދާޅުވާފަދައިން ޓައި އަޅުއްވައިގެން “އަގަފުޅާކޮށް” ވާހަކަދައްކަވަންށެވެ. މީހުންގެ އަބުރަށް ހަޑިވާ ވާހަކަތައް ދައްކަވާ ދޮގު ތުހުމަތުތައް ކުރެއްވުމަށެވެ.

ރައީސް ނަޝީދުގެ ކޮށްކޯފުޅު ވަކީލް ނާޒިމް ސައްތާރު އަދިވެސް އިންނެވީ ރާއްޖޭގެ ކޯޓުތަކުގައި އިސްލާމް ދީނާއި އެއްގޮތަށް ހެދިފައިވާ ގާނޫނަށް ވަކާލާތުކުރެއްވުމަށް ދިން ވަކީލުކަމުގެ ފާސް އަތްޕުޅައް ލައިގެން ހިނިފުޅުވަޑުވާށެވެ. ދީނަށާއި ރަސޫލާއަށްވެސް ކުރަނީ ފުރައްސާރައެވެ. މިއީ ދިވެހި ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުގެ އަރުޝީފުން ފެންނަން ހުރި ހަގީގަތެވެ. ނަމަވެސް ދީނުގެ ދިފާއުގައި އަޑުއުފުލަން ނިކުތްކަމަށް ތުހުމަތުކުރެވޭ އިލްމްވެރިޔާ ނިޝާނާއި ފަޒްލޫން އިންނެވީ ޖަލު ގޮޅީގައި ދުވަސް ގުނާށެވެ. ދަރިފުޅު އަދިވެސް ހުރީ ބައްޕަ ހައްޔަރު ކުރެވިގެންދިޔަ ގޮތާއިމެދު ނަފްސާނީ ބަލިމަނޑުކަމެއްގެ ތެރޭގައެވެ.

ދެންވެސް ސަރުކާރާއި ފުލުހުންގެ މުއައްސަސާގެ އިތުރުން ކަމާއި ބެހޭ އިދާރާތްތަކުން އަވަދިނެތި އުޅެނީ އާންމުވި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ތިބި މީހުންނަކީ ކޮބައިކަން ދެނެގަނެ އެ ބަޔަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ވީޑިއޯތަށް އާންމު ކުރީ ކޮން ބަޔެއްތޯ ބެލުމަށެވެ. ވީޑިއޯތަށް އާންމުކުރުން ރަނގަޅުކުރަނީއެއްނޫނެވެ. ނަމަވެސް ވީޑިއޯވެސް ހުންނާނީ ކަމެއް ހިގީމަކަން އެއީ ގަބޫލު ކުރަން ޖެހޭ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަށް މިފަދަ ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ހުށައެޅި މައްސަލަ ބޭރުކޮށްލީ އެޖެންޑާވެސް ނުކޮށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.

ސަރުކާރުގެ ރަބަރ ސްޓޭމްޕަކަށް މަޖިލީސް ވެފައި އޮތްއިރު، ދެން ނެރެވޭނީ ކޮން ނަތީޖާއެއް ހެއްޔެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނީ ސަރުކާރުގައި އެމްޑީޕީ އޮތީތީ މަޖިލީސް އެމްޑީޕީގެ ހަރުގެއަކަށް ހެދުމަށްޓަކައެއްނޫނެވެ. މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ނުފޫޒުން ވެރިން ކުރާ ކުށްތައް، ބޮޑު ފޮއްޓައްލާ ފޮރުވުމަށްޓަކައި ބޭނުންވާ އިސްލާހު ގާނޫނަށް ގެނައުމަށްޓަކައެއް ނޫނެނެވެ. މިހުރިހައި މަންޒަރެއް ފެންނަމުންދާއިރު އިވެމުންދާއިރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންނެވީ ހަނެވެ.

ހުދާއި ކަޅުން ގާނޫނު އަސާސީގައި މުޅި ރާއްޖެ އިސްލާހު ކުރެވޭނެހާވެސް ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން އަމަލު ކުރަންވީ މާއްދާތަކާއި އުސޫލުތައް އެބައޮތެވެ. ނަމަވެސް އެބުނާ ގައުމުގެ އާރާއި ބާރު ހުރި ވެރިންގެ ނުފޫޒުން އެއްކިބާވެ ގާނޫނުއަސާސީ ތަންފީޒް ކުރެވޭނެތޯ މިއީ ރައްޔިތުން އުފައްދާ ސުވާލެވެ. ވަގަކު ވައްކަން ކުރީމެކޭއެއް ނުބުނާނެއެެވެ. ތުހުމަތު ދޮގު ކުރެއްވީމައި މައްސަލަ އޮއްބާލާތަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ސަރުކާރުގެ އަމިއްލަވަންތަކަން ނެތީތީއެވެ.

ސަރުކާރުން ތަންފީޒްކުރަމުން އަންނަނީ ވެރިކަމަށް އައުމަށްޓަަކައި ބޯކިބާ ފޮތި ބެހި ފަރާތްތަކުގެ އަމުރުތަކެވެ. ދެކޮޅު ހަދައިފިނަމަ ކޮށްފާނެ ބަގާވާތައް ބިރުން ވެރިކަމުގެ ދިފާއުގައި ގައުމުގެ މިނިވަންކަމާއި، ކައިބަފައިން ގެނެސްދެއްވި ރިވެތި އުސޫލުވެސް ގައުމުން ފޮހެލާ، މާތް ވެގެންވާ އިސްލާމް ދީންވެސް ފަސްއަޅައި ފޮރުވާލަން މަސައްކަތް ކުރާތައް މިއަދު ފެނިގެންމިދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލު ދިވެހި ރާއްޖޭގައި ގާއިމް ކޮށްދެއްވުމަށް ވަޑައިގެން ވެރިންގެ ކިބައިންނެވެ.

ތިން ބާރު މުށަށް ލައި، އިއްޒަތުގައި ރަސްމީ ފާލަމުން މާލެ ވަޑައިގެން ކާރުކޮޅުގައި ގެޔަށް ވަޑައިގަންނަވާ ވެރިންނަށް އާންމު ރައްޔިތު މީހާގެ ހާލު އެގޭނެ ހެއްޔެވެ. ރައްޔިތު މީހާ މަގު މައްޗަށް ނިކުމެ ސަލާމް ޖަހަނީއެވެ. ގައުމުގެ ވެރިން ރައްޔިތުންގެ މާލިއްޔާތަށް އަތާއި ފައިވެސް ބާނާގެން މޮޅުވިހާ ތަކެތިން ފަރިއްކުޅުއްވައިގެން ދުނިޔެ ވަށައި އުދުހެނީއެވެ. ރައްޔިތު މީހާވީ ވެރިންނަށްޓަކައި ގުދު ބިއްދާށެވެ. ގާނޫނުން މުށު ތެރެއަށް ބައް ކޮށްފައިވާ ބާރުތަކުގެ ސަބަބުން ރައްޔިތު މީހާވީ ނަފްސުގެ ހުރުމަތް ގެއްލުވާލާ އަމުރަށް ތަބާވާންށެވެ.

ވެރިން ކުރާ ކުށްތަށް ބޮޑު ފޮއްޓަށްލާ ތަޅު އެޅުވުމަށް ބޭނުންވާހާ އިސްލާހެއް ގާނޫނު އަސާސީއަށް ގެންނަމުން އެދަނީ އެބޭފުޅުން ފަހުރުވެރިކަމާއިއެކު އަޑަށް ބާރުލައްވާ އެބުނާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބާރުންނެވެ. ރައްޔިތުންގެ ހައްގުތަށް ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު މާދަމާއެވެ. އެހެންކަމުން މިއަދު ރައްޔިތުންވީ ހައްގާއި އިންސާފު ނުލިބި އިސްޖަހާލައިގެން ވެރިންނަށް ތަބާވެގެން ތިބެންށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: