ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ފައިސާއިން ގެންނަ ތަރައްގީގެ ފައިދާވެސް ވާންޖެހޭނީ ރައްޔިތުންނަށް

ހުޅުމާލެ ފޭސް ދޭކަށް އަރާ ބުރިޖުގައި ޓްރެފިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީއަކީ ކޮބައިތޯއެވެ. ކުރުކޮށް ބުނާ ނަމަ، ތަރައްގީއަކީ، ކުރަމުންދާ ކަމަކަށް، ނުވަތަ ލިބިފައިވާ އެއްޗަކަށް، އަންނަ ނުވަތަ ގެނެވިގެންދާ ބަދަލެއްގެ ސަބަބުން، ފައިދާތަކެއް ލިބުވައިދޭ ކޮންމެ ކަމެކޭވެސް ބުނެވިދާނެއެވެ.

ޒަމާން ބަދަލުވެގެން އައިސްފިއެވެ. ފައިމަގުގައި ހިންގާ އުޅުން މީހުން، ބައިސްކަލުތައްވެސް ދޫކޮށްލުމަށްފަހު، ސައިކަލާއި ކާރުވެސް ގެންގުޅޭ މަންޒަރު ފެނެއެވެ. ވައިގެ ޒަރިއްޔާއިން ދުއްވަމުންދިޔަ ކަނޑުބޯޓުތައް، އިންޖީނުލައި ބުރަ ކަމެއް ނެތި، ބާރު ދުވެއްޔެގައި ކަނޑު ހުރަސް ކޮށްލާ މަންޒަރުވެސް ފެނިގެންގޮސްފިއެވެ. ހަމަ އެހެންމެ، ތެލުގެ ބާވަތްތައް ބޭނުން ކުރަމުންދިޔަ އުޅަނދުތައް، ކަރަންޓާއި، އިރުގެ ދޯދި ބޭނުން ކުރާ ތަކެއްޗަށްވެސް ވެގެންއައިސްފިކަމަކީ އެއްވެސް ބަޔަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ.

ދުނިޔެއަށް އަންނަ ތަރައްގީއާއި އެކު، ދިވެހިރާއްޖެ އަންނަނީ، ހަލުވި ކަމާއި އެކު ތަރައްގީ ވަމުންނެވެ. އެންމެ ފަހުން މާކެޓަށް ނެރޭ ފޯނު، ހަމަ އެދުވަހު ގެންގުޅޭ މަންޒަރުވެސް ފެނެއެވެ. ދިވެހިންނަކީ، އަލަށް އީޖާދު ކުރާ ތަކެއްޗަށްވެސް އެހާ ލޯބި ކުރާ ބައެއް ކަމަކީ ހަމަ ތެދު ހަގީގަތެވެ. އަދި އެތަކެތީގެ މައުލޫމާތުވެސް ގިނަ ފަރާތްތަކަށް އިންގޭނެއެވެ. އެހެން ނަމަވެސް ދެރަވާން ޖެހޭ ސަބަބަކީ، ގައުމުގެ ހިންގުމާއި ހަވާލުވެފައިވާ މީހުންގެ ކިބައިން ރައްޔިތުންނަށް އޮޅުވާލުމުގެ ސިފަތަކެއް ފެނިގެންދާތީއެވެ.

މި ރިޕޯޓުގެ ބޭނުމަކީ، ބައެއްގެ ‘ގައިގައި ހުރި އުނި ސިފަތަކެއް ފެންމަތި ކުރުމެއް ނޫނެވެ. އަދި ވަކި ބަޔަކަށް ނިސްބަތްކޮށް، އެ ބަޔަކީ ތަންދޮރު އޮޅުން ނުފިލާ ތިބި ބައެއް ނުވަތަ، ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ސިފަ ކުރުމެއްވެސް ނޫނެވެ. އެހެން ނަމަވެސް ސިޔާސީ އިސްވެރިންގެ ތެރޭގައި އޮންނަ ހިޔާލު ތަފާތުވުމުގެ ތެރޭގައި ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަކީ ހުއްޓުމަކަށް ގެނައުން މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އަދި ދަތި ދަނޑިވަޅެއްގައި، ފައިސާތަކެއް ހޭދަ ކުރާނަމަ، ކުރާ ހަރަދާއި އެއްފަދަ ފައިދާތަކެއް ލިބިގެންދިއުމަކީ އެންމެ އެދެވިގެންވާ އުސޫލުކަމަށްވެސް ދެކެމެވެ. ސަބަބަކީ ދިވެހި މާލިއްޔާތުގައިވާ ފައިސާއަކީ ކޮންމެ ރައްޔިތެއްގެވެސް ފުރިހަމަ ހައްގަކަށްވާތީއެވެ.

ގަނެލާ، ނުވަތަ ލިބިގެންދާ ފޯނަކީ، އަމިއްލައަށް އީޖާދު ކުރާ އެއްޗެއް ނޫނެވެ. އެތަކެތި ގަތުމަށް ފަހު، އެންމެ އެދެވިގެންވާ ގޮތަށް ބޭނުން ހިފުމަށް، އިތުރު ތަރައްގީތަކެއް ގެނެއެވެ. އެގޮތުން ޕްރޮގްރާމްތަކެއް އެޅުން، ފޯނާއި އެކު، ބޭނުން ކުރުމަށް ހޯދާ ހެޑުސެޓު ފަދަ ސާމާނު ގަނެ އެތަކެތީގެ ބޭނުން ޒަމާނީ ފެންވަރުގައި ކުރަމުންދާ ތަންވެސް ފެއެނެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު ފަށާފައިވާ ބިޔަ މަޝްރޫއުތަކުގައި ހުރި އުނިތަކެއް ފުލުވުމަކީވެސް ތަރައްގީތަކެއް ގެނައުމެވެ.

ރާއްޖެ ކުރިއަރައިގެން އައި އިރު ގިނަ މަޝްރޫއުތަކެއް ފެށިގެން، ނިންމާފައިވާތަންވެސް ފެނެއެވެ. އެހެން ނަމަވެސް ބަދަލުވެގެން އަންނަ ވެރިކަމާއި އެކު، ކުރީ ސަރުކާރެއްގެ ފަރާތުން ހިންގާފައިވާ މަޝްރޫއުއެއްނަމަ، އެކަމަށް އަހައްމިއްޔަތުތަކެއް ނުދޭ މަންޒަރުވެސް ފެނެއެވެ. ކޮންމެ މީހެއް ކުރި ނަމަވެސް މި އަމަލަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ސަބަބަކީ، ބުރިޖެއް، ފްލެޓުތަކެއް ނުވަތަ ބަނދަރުތަކަކީވެސް ރައްޔިތުންނަށްޓަކައި އެޅިފައިވާ ތަކެއްޗަށްވުމުންނެވެ. އަދި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭ ނަމަ، ބޭކާރުވެގެންދަނީވެސް ރައްޔިތުނަށް ހައްގު ފައިސާތަަކެއް ކަމަށް ވުމުންނެވެ.

ސަރުކާރަކީ، ބަދަލުވާނެ އެއްޗެއް ކަމަަކީ، ޝައްކެއްވެސް ނެތް ކަމެކެވެ. އެހެން ނަމަވެސް ގައުމެއްގެ ރައްޔިތުންނަކީ ތާއަބަދުވެސް އެ ގައުމެއްގެ ރައްޔިތުންނެވެ. އެހެން ކަމަން އެއް ސަރުކާރުން އަނެއް ސަރުކާރުގެ މައްޗަށް ގަދަވެގަތުމަށް ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ މަސައްކަތެއް ބޭކާރު ކޮށްލުމަކީ، ކޮށްގެންވާނެކަމެއް ނޫނެވެ. އެފަދައިން ކަންކުރާނަމަ، ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ބެލުމަކީވެސް ދަތިކަމެކެވެ.

ބުރިޖެއް އެޅީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ނަމަވެސް، އެ ބުރިޖަކީ، އެންމެ ފުރިހަމަ ބުރިޖު ނޫންކަން އެންމެނަށްވެސް އިންގޭނެއެވެ. އަވިގަދަވެގެން ބުރިޖު މައްޗަށް ކިތަންމެ ބަޔަކު ހޭނެތިގެން ވެއްޓުނު މަންޒަރުވެސް ފެނިއްޖެއެވެ. އަދި އެކަމުގެ ސަބަބުން އެކި ވަރުގެ އެކްސިޑެންޓުތައްވެސް ހިންގި މަންޒަރު ފެނިއްޖެއެވެ. ބުރިޖު މަތީ ހުއްޓައި ވާރޭ ވެހިއްޖެ ނަމަ، ހިޔާވެލާނެ ޒަރެއްގެ ޖާގައެއްވެސް ނުހުރެއެވެ. އަދި ބައެއް ފަހަރު ގެންދާ މުދަލަށްވެސް ގެއްލުން ލިބިގެންދާ މަންޒަރުވެސް ފެނެއެވެ.

އުފާކޮށްލުމަށްޓަކައި މި ބުނާ ބުރިޖުގެ ބޭނުން ކުރި ނަމަވެސް، އެ ބުރިޖުގެ މައިގަނޑު ގޮތަކަށް ބޭނުން ކުރެވިގެންދަނީ، ޒަރޫރީ ބޭނުންތަކަށެވެ.

ބުރިޖު ނޫނަސް އެބަ ހުއްޓެވެ. ހިޔާ ފްލެޓުތަކަކީވެސް އެކަމުގެ އެއް މިސާލެވެ. އެންމެނަކީ، ކާރާއި ސައިކަލުވެސް ގެންގުޅޭ ފަރާތްތަކެއް ނޫނެވެ. އެހެން ނަމަވެސް ގިނަ ރައްޔިތުންނަކީ، ކެއިން ބުއިމަށް ކެނޑިނޭޅި ބުރަ މަސައްކަތް ކުރަމުންދާ ރައްޔިތުންނެވެ. ވާރޭ ވެހުންނަމަވެސް އަދި ގަދަ އަވީގައިވެސް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހިންގާފައިވިޔަސް. ދާނެ މީހުންނެވެ.

ހިޔާ ފްލެޓު ސަރަހައްދުގައި ތިބޭ، އުޅަނދުތައް ނުގެންގުޅޭ ފަރާތްތައް އަދިވެސް ހިންގާފައި އަނެއް ފިޔަވެއްސަށް މިސްރާބު ޖަހާ މަންޒަރު ފެނެއެވެ. އެކި އުމުރު ފުރައިގެ މީހުން ފެނިގެންދާއިރު، ގަދަ އަވީގައި މުސްކުޅި އުމުރު ފުރައިގެ މީހުން ހިޔަލެއްގެ ދަށުވެލާނެތަންކޮޅެއް ނެތި ދާތަން ފެނުމަކީ އެއްވެސް ވަރަކަށް ބަލަން ބޭނުން މަންޒަރެއް ނުނެވެ. ހުދު އަޅުގަނޑަކީވެސް އެފަދަ ފަރާތެއް އަނބުރައިގަނެގެން ވެއްޓުނު ތަނެއްގައި އެހީވުމަށް ގާތް ވި ފަރާތެކެވެ.

ދުވަސްވީ މީހުން އެކަންޔެއް ނޫނެވެ. ކުޑަ ކުދިން ގޮވައިގެންދާ މައިން ބަފައިންވެސް އަދި އެ ދަރިންވެސް މިފަދަ ހާލެއްގައި ޖެހިފައިވާއިރު، އެފަދަ ކަންކަމަކީ، އަހައްމިޔަތުކަންދީ، ހައްލެގެ ދަށުން ތަރައްގީތައް ގެންނަން ޖެހިފައިވާ މަޝްރޫއުތަކެކެވެ. މިފަދަ ކަންކަމުގެ ވާހަކަތައް ދައްކާނަމަ، ވާނީ ދައްކާހާއެެވެ. އެހާވެސް ކަންކަން ގިނައެވެ. މާލެ ނުވަތަ ހުޅުމާލެ އެކަންޔެއް ނޫނެވެ. އެހެނިހެން ރަށްތަކުގައިވެސް މިފަދަ ގިނަ ކަންކަން ފެނިގެންދާނެކަން ހަމަ ޔަގީނެވެ.

ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ވަސީލަތްތައްވެސް ތަރައްގީ ކުރެވިފައިވާ ވާހަކަ އަޑުއިވެއެވެ. އެހެން ނަމަވެސް، އެ ހިދުމަތްތައް ހޯދުމަށް ދަރަނިވެރިވެގެން ނަމަވެސް، ބޭރު ގައުމުތަކަށް ފުރުމަށް މަޖުބޫރުވާ ފަރާތްތަކުގެ ވާހަކައަކީ އިންތިހާއަށް ގިނައިން އިވިގެންދާ އަޑެކެވެ. ހިދުމަތްތައް ނުލިބެޔެކޭ ނުބުނަމެވެ. އެހެން ނަމަވެސް ޒަމާނީ ފެންވަރަށް ތަރައްގީވެފައިވާނަމަ، އަދި މާލެ އަންނަން ޖެހުން ނަމަވެސް އެހީސާބުން އެ ދަތުރުގެ ނިމުން ފެނިގެންދާނެއެވެ. އަދި ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން، ފަރުވާއާއި ހިސާބަށް ދެވޭ މަންޒަރު ފެންނާނެ ކަމަކީވެސް ހަމަ ޔަގީން ކަމެކެވެ.

ބޭސް ސިޓީ ކޮންމެ ހޮސްޕިޓަލަކުން ދިން ނަމަވެސް، ކިޑްނީ ޕޭޝަންޓުން ފަދަ މީހުން، އެ ބޭސްތައް ހޯދުމަށް ބޭރުގައުމުތަކުން ގެންނަން ޖެހޭ ފަހަރުތައްވެސް މަދެއް ނޫނެވެ. ރާއްޖެއިން ލިބުނަސް ފަހަރަކު ބޭސް ފިހާރައަކަށް ވަންނަމުންދާ މަންޒަރުވެސް ފެންނަލެއް މަދެއް ނުވެއެވެ. އެދެވިގެންވާ ތަރައްގީއަކީ މިއެއް ނޫނެވެ. މިޒަމާނުގައި ފައި ނެތް ފަރާތަކަށް ދަނޑިގަނޑެއް ދިނުމަށް ކްލިނިކެއް ހުޅުވުމަކުން ނުނިމޭނެއެވެ.

ބޭނުންވަނީ ހުސްސަށް ހުންނަށް ކްލިނިކަކަށް ވަނުމެއް ނޫނެވެ. ނުވަތަ މެމޯތަކެއް ހެދުމެއްވެސް ނޫނެވެ. އެ ހާލަތުގައި ބޭނުންވާނީ ޕްރޮސްތެޓިކްސްގެ ހިދުމަތް ފުރިހަމައަށް ލިބުމެވެ. ފަހަރަކު ހޮސްޕިޓަލެއް އެޅިނަމަވެސް ބޭނުންތައް ފުރިހަމަ ނުވާނަމަ، އެ ހިދުމަތުގެ ބޭނުންވެސް ފުރިހަމައެއް ނޫނެވެ.

ތަރައްގީ ކުރުން ވާންޖެހޭނީ، އޭރަކު ހުރި ވެރިއަކު އެންމެ އެދޭ މަޝްރޫއުއެއް ފެށުން ކަމަށް ވެގެން ނުވާނެއެވެ. ތަރައްގީ ގެނެވުންކަމަށް ވެގެންދާނީ، ގައުމެއްގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ލުއިތަކެއް ގެނެސްދެވުމުންނެވެ. އެ ރައްޔިތުންގެ ހިންހަމަޖެހުމުގެ އަޑުތައް އިވިގެންދިއުމުންނެވެ. އެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުމުންނެވެ. އެކަމުގެ ސަބަބުން ދިވެހި އިގްތިސޯދު އުފުލި، މާލިއްޔާތައް އުޖާލާކަމެއް ގެނެވިގެންދިއުމުންނެވެ. ފައިސާތަކެއް ހަރަދުކޮށް ދަރަނިވެރިވެގެންނެއް ނޫނެވެ.

ބުނެލަން އޮތް ވާހަކައަކީ، އަދި ހަތަރު ފާރާއި ފުރާޅެއް ވާނަމަވެސް، އެކަށީގެންވާ ހިދުމަތެއް ލިބެން ނެތް ނަމަ، ތަރައްގީއެއް ކަމަކަށް ބެލެވެން ނެތް ކަމަށެވެ. އަދި ތައާރަފް ކުރާ ނުވަތަ ބިނާ ކުރާ އެއްޗެއްގެވެސް ފުރިހަމަ ބޭނުމެއް ނުކުރެވޭނަމަ، ދުވަސްތަކަކަށް ފަހު އެކަމެއް ވެގެންދާނީ ރައްޔިތުންނަށް ޖެހޭ އިތުރު ތަކުލީފަކަމަށްވެސް ފާހަގަކޮށްލަމެވެ.

ގައުމެއް ތަރައްގީ ކުރުމުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ، އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތަކަކަކީ ކޮބައިކަން ހޯދާ، އެ ހޯދުންތަކުގެ މައްޗަށް ކަންކަން  ފަރުމާކުރެވި ތަރައްގީތަކެއް ގެނައުމެވެ. އަދި ދުރު ރާސްތާއަކަށް ވިސްނައިގެންވެސް މަސައްކަތްތަކެއް ކުރެވުމެވެ. ހޭދަވާ ފައިސާތަކަކީ، ބޭކާރުވެގެންދާ ފައިސާތަކެއް ނަމަ، އައްސަރި ބަހާ ސާބަހުގެ ބަދަލުގައި އިވެގެންދާނީ ފާޑުކިޔުމާއި މަލާމާތުގެ ބަސްތަކެވެ.

ކުރީގެ ސަރުކާރެއްގެ މަޝްރޫއުއެއްތޯ ބެލުމަކީ ރައްޔިތުން ކުރާ ކަމެއްވެސް ނޫނެވެ. ވަކި ސަރުކާރަކަށް ނިސްބަތްކޮށް، މަޝްރޫއުތަކުގެ ވާހަކަތައް ދައްކަނީވެސް ސިޔާސީ ވިސްނުމެއްގެ ބޭފުޅުންނެވެ. އާންމު ރައްޔިތުންނަށް ސިޔާސީ ކުޅިވަރެއް މުހިންމެއް ނޫނެވެ. މުހިންމީ ގައުމުގެ ކުރިއެރުން، ރައްޔިތުންގެ ހަޔާތައް ލިބޭ ލުއިތައް. އާންމު ރައްޔިތުންނަށް މުހިންމީ ކުރިއަށް އޮތް ޖީލުތަކަށް އަމާނާތެއްގެ ސިފައިގައި މި ގައުމުގެ ވަސީލަތްތަކާއި، ގައުމުވެސް ދެމި އޮތުމެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: