ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައިފިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ބަޖެޓުގެ ތެރައިން ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ށ. ފުނަދޫ ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި އެ ރަށުގެ ތަރައްގީއަށް މުހިންމު ބައެއް މަޝްރޫޢތަކަށް އަލި އަޅުވާލައި ވާހަކަދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ފުނަދޫގެ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި ފުނަދޫގެ ރައްޔިތުން އެދިފައިވާ ގޮތަށް، 2023ވަނަ އަހަރު ދައުލަތުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކާ ރަށް ރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އެ މަސައްކަތްތައް ފަށްޓަވަން ނިންމަވާފައިވާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، 2023 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގެ ތެރެއިން ފުނަދޫގެ ތަރައްގީއަށް މަޝްރޫއުތަކެއް ކަނޑައެޅިފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އެކި ކަނކޮޅުތަކުގައި ސުކޫލުތަކުގެ ތަރައްގީއަށް އެ މަނިކުފާނުގެ ސަރުކާރުން ރާވާފައިވާ 203 މަޝްރޫއެއްވަނީ އެކި މަރުހަލާތަކުގައިކަމަށެވެ. އަދި 2022 ވަނަ އަހަރުގެ މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ފުނަދޫ ސްކޫލުގައިވެސް 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ތެރޭގައި ހިމަނައިގެން އެ ސުކޫލުގައި ސްޓާފް ރޫމަކާއި، އޮފީސް އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ނިންމާފައިވާކަމަށެވެ.

ފުނަދޫ ސުކޫލަށް 50 އަހަރު ފުރިދިއުން ފާހަގަ ކުރި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އެ ސުކޫލަށްވެސް ގިނަ ތައުރީފުތަކެއް ކުރައްވާފައިއެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، ފުނަދޫ ސުކޫލުގެ ދިގު ތާރީހުގައި، ބިނާކޮށްފައިވާ އިންސާނީ ވަސީލަތްތަކަކީ އެ ސުކޫލުގެ ފަރާތުން ދިވެހި މުޖުތަމައަށް ދީފައިވާ އަގުހުރި ހަދިޔާއެއްކަމަށެވެ. އަދި ފުނަދޫއާއި، އެ ސަރަހައްދުގެ އިސް މަގާމުތަކުގައި ތިއްބެވީ، ފުނަދޫ ސުކޫލުން ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތައްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ގައުމުގައި، އިސްލާމާއި ދިވެހި މާއްދާއިން ދަރިވަނުން ފާސްވެފައިވާ އިންސައްތަ އެންމެ މަތީ ސުކޫލުތަކުގެ ތެރޭގައި ފުނަދޫ ސުކޫލު ހިމެނޭކަމަށާއި، 2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް ފުނަދޫ ސުކޫލުގެ ދަރިވަރުން ކާމިޔާބީތަކެއް ހޯދައިފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފުނަދޫ ސުކޫލަށް 50 އަހަރު ފުރިދިއުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުވަނީ އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ތައުލީމީ ސިޔާސަތާއިމެދުވެސް ވާހަކަދައްކަވާފައިއެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި، ބިނާކުރަނިވި ޖީލެއް އުފަންކުރުން އެ މަނިކުފާނުގެ ސަރުކާރުން ވިސްނަވާކަަމަށެވެ. އަދި މުޖުތަމަޢުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމަށް އެ މަނިކުފާނުގެ ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން ވިސްނަވާކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހިލޭ ޑިގްރީތައް ހެދޭނެގޮތް ހަމަޖައްސައި، ރާއްޖެއިން ބޭރުންވެސް ކިޔެވޭނެ ފުރުސަތުތަކާއި މަގުތައް އިތުރުކޮށްދީފައިވާ މައިގަނޑު މަގުސަދަކީވެސް އެ ސިޔާސަތުގެ ދަށުން، ޒަމާނީ އިލްމުގެ އަލީގައި، މީހުން ބިނާ ކުރުން ކަމަށެވެ.

” ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމަޢާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ” ރައީސް ސޯލިހު

މީގެ އިތުރުން 1972 ވަނަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުގައި، މަކްތަބުލް މުނީރުގެ ނަމުގައި އުފެދިފައިވާ، ފުނަދޫ ސުކޫލަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުވަނީ، އެ ސުކޫލު އުފައްދަވައި، ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައިއެވެ. ރައީސް ސޯލިހު ހަވާލުކޮށްދެއްވި މި ޝަރަފުގެ ފިލާ ލިބިވަޑައިގަތީ އެ ސުކޫލުގެ ބަނީ، ފުނަދޫ، އަލިވާގޭ، އަލް މަރްޙޫމް ޢަބުދުﷲ ޢަބުދުލް ކަރީމަށާއި މަކްތަބުގެ މުދައްރިސް ޢަބުދުލް ހާދީ ޔޫސުފަށެވެ. އަދި ސުކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް މި ރަސްމިއްޔާތުގައި ރައީސް ސޯލިހުވަނީ ހަނދާނީ ފިލާއެއް ހަވާލުކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: