ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑަރިންއާއި ދެކޮޅަށް މިވަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހިފައި: ރައީސް

ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑަރިންގ އަކީ ވެސް ބައިނަލް އަގްވާމީ ޖިނާއީ ކުށްތަކުގެ ތެރެއިން ރާއްޖެއިންވެސް އެކަމާ ދެކޮޅަށް ވަރުގަދަ މަސައްކަތް ތަކެއް ކުރަންޖެހިފައިވާ ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު  ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ކަސްޓަމްސްގެ އަހަރީ ދުވަހުގައި ބޭއްވުނު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ބޯޑަރުތައް ހުރަސްކޮށް ދޭދޭ ގައުމުތަކުގެ ވަކިވަކި ފަރުުދުންނާއި ގްރޫޕްތަކުގެ މެދުގައި ދުރާލާ ރާވައިގެން ހިންގާ ޖިނާއީ ކުށްތަކާއި ބޯޑަރުތައް ހުރަސްކޮށް ދޭދޭ ގައުމުތަކުގެ ވަކިވަކި ފަރުުދުންނާއި ގްރޫޕްތަކުގެ މެދުގައި ދުރާލާ ރާވައިގެން ހިންގާ ޖިނާއީ ކުށްތަކަކީވެސް ހަމަ މަނީ ލޯންޑަރިންގ ފަދަ މައްސަލަތަކެއް ކަމުގައެވެ.

އެމަނިކުފާނުގެ ވާހަކައިގައި ކަސްޓަމްސް ގެ ޖާގައިގެ ދަތިކަމަށް އަލިއަޅުއްވާލައްވައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްގީ ކުރަމުންދާ އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން ކަސްޓަމަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމުގައި  ވިދާޅުވިއެވެ.

އެއްގަމު މަގުން އެހެން ގައުމަކާއި ގުޅިފައިނެތަސް އަޅުގަނޑުމެންވެސް މިހާރު އުޅެމުން މިދަނީ ހުރިހާ ގައުމުތަކެއް ގުޅިފައިވާ ދުނިޔެއެއްގައެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި ދަތުރުފަތުރުގެ ލުއި ފަސޭހަތަކާއެކު އެއްގައުމު އަނެއްގައުމާ މިއޮތީ ވަރަށް ބޮޑަށް ލާމެހިފައެވެ. އެހެންކަމުން ބައިނަލް އަގްވާމީ މުޖްތަމައުގައި ހިނގާ ކޮންމެ ރަނގަޅުކަމަކާއި ނުރަނގަޅު ކަމެއްގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖެއަށް ދަނީ ފޯރަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެފަދަ އެއްވެސް ކަމެއް ހިނގައިތޯ ބަލައި ފާރަވެރިވުމަކީ ކަސްޓަމްސްގެ މަސްއޫލިއްޔަތުގެ ތެރޭ ހިމެނޭ ވަރަށް މުހިއްމު ޒިންމާއެކެވެ. މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ގާބިލްކަން އިތުރުކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރުތަކުގައި ކަސްޓަމްގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ބަނދަރުތަކުގައި ހުރި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ މާސިންގާ ކަނޑެއްގެ ތެރެއަށް ފެތުރިފައިއޮތް ޖަޒީރާތަކެކެވެ. މި ސަބަބަށްޓަކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރު ދަތުރުކުރާ ގޮތް މޮނިޓަރ ކުރުމުގެ ގާބިލްކަން އިތުރުކުރުމަކީވެސް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެގާބިލުކަން އިތުރުކުރުމަށް މަސްތުވާތަކެތި އެތެރެކުރުމަށް ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެކެވެ. އެކަމުގައިވެސް ކަސްޓަމްސް އަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެކެވެ.

ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް އިތުރަށް ތަރައްގީ ކުރުމާއި ސަރަހައްދީ ބަނދަރުތައް އިތުރުކުރަމުން ދާއިރު އެއިން ކޮންމެ ތަނެއްގައި ފުރިހަމަ ހިދުމަތްތައް ދިނުމުގައި ކަސްޓަމްސްގެ މުވައްޒަފުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރަހައްދީ ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނައި ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ. އެބަދަލުތަކާއެކު ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ 2021 ވަނަ އަހަރު ސަރަހައްދީ ބަނދަރުތަކުން އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ސަރުކާރުގެ އެފަދަ ސިޔާސަތުތައް ކާމިޔާބު ކަމާއެކު ތަންފީޒު ކުރެވެނީ ކަސްޓަމްސްގެ މުވައްޒަފުންގެ އެއްބާރުލުމާއެކު ހީވާގި މަސައްކަތް ތަކުން ކަމުގައި ރައީސް ފާހަގަ ކުރެއްވިިއެވެ.

ކަސްޓަމްސްގެ އިސްފަރާތްތަކާއި މީގެ ކުޑަދުވަސްކޮޅެއް ކުރިން ރައީސް ބައްދަލުކުރައްވައި ހިދުމަތްތައް ދިނުމުގައާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންވީ ކަންކަމާއި މުވަައްޒިފުންގެ ގާބިލުކަން އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަންކަން އެބޭފުޅުން ރައީސް އާ ހިއްސާކުރެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ.

ކަސްޓަމްސް މުވައްޒިފުންގެ ޒިންމާތަކަށް ބަލާއިރު ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅެމުން ދާބައެކެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ނުރައްކާތެރި ހަތިޔާރާއި އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި، ރާއްޖެއަށް އެތެރެވިޔަ ނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެކެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަކީ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދެވިގެން ކަމުގައި ރައީސް ވިދާޅުވިއެވެ. ކަސްޓަމްސް މުވައްޒަފުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެކަން ހައްލުކުރުމަށް އެކި ދުވަސްވަރު ތަފާތު މަސައްކަތްތައް ކޮށްފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއރު އެކަން އަދިވެސް އޮތީ މުވައްޒަފުންގެ ކަންބޮޑުވުމެއްގެ ގޮތުގައެވެ.

ސަރުކާރުގެ ހުރިހާ މަޝްރޫއު ތަކެއް ހިންގަނީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ އިސްކަންދޭ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުމެވެ.

އެގޮތުން ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުން މިހާރު އިމާރަތްކުރަމުން ގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒިފުންނަށް ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ މުވައްޒިފުންނަށް ވެސް ހެލްތް އިންޝިއުރެންސް ދެވޭނެ އިންތިޒާމެއް ގާއިމްކުރުމަކީ މުހިއްމުކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޖެޑިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެކެވެ.

ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.

ސަރުކާރުގެ އަމާޒަކީ ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީލޯންޑަރިންގ ގެ މައްސަލަތަކަށް އެދެވޭ ހައްލު ހޯދުމެވެ.

ކަސްޓަމްސްގެ ޒިންމާތަކަށް ބަލާއިރު އެފަދަ މަސައްކަތްތަކަކީ އެއްޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މެނުވީ ނަތީޖާ ނުނެރެވޭނެ މަސައްކަތްތަކެވެ. އެހެންކަމުން ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒިފަކުވެސް އިހުމާލުވެއްޖެ ނަމަ މުޅި މުއައްސަސާގެ  ހިދުމަތް ބޮއްސުން ލައިގެން ހިނގައިދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމްސް އިން ނެރުނު ނަތީޖާ އަށް ބަލާއިރު ޒިންމާ އަދާކުރުމުގައި އަދި އިދާރީ  ހިންގުންތެރިކަމުގައިވެސް ބަދަހި ގުޅުން ކަސްޓަމްސްގެ ތެރޭގައި އޮތްކަމަށް ފާހަގަކުރެވޭ ކަމުގައި ރައީސް ވިދާޅުވިއެވެ/

އެއް އަޒުމެއްގައި އެއްޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަސްޓަމްސްގެ މަގްބޫލުކަން ވަނީ އިތުުރުވެފައެވެ.

އެރޫހުގައި އެއް އާއިލާއެއްގެ ގޮތުގައި ކަސްޓަމްސްގެ މުވައްޒިފުން އަބަދުވެސް މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ކަސްޓަމްސް އަށް ފާހަގަކޮށްލެވޭ ގޮތުން ކާމިޔާބީތައް ހާސިލްކުރި މުވައްޒިފުންނަށް ހަނދާނީ ފިލާ އެރުވުން ކުރިއަށް ދިޔައެވެ. ހަނދާނީ ފިލާ ދެއްވީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: