ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭއާއި ގުޅިގެން ‘ވަކި ބަޔަކު’ ހައްޔަރުގައި ތިބީ ޕީޖީން އަންގައިގެން: އާސިފް

ވަކީލު އާދަމް އާސިފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގައި ޔޯގާ ޑޭ ފާހަގަކުރަމުންދަނިކޮށް، އެކަމާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ވަކި ބަޔަކު ހައްޔަރު ކޮށްފައިވަނީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް (ޕީޖީ) ހުއްދަ ދީގެންކަމަށް ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ފަރާތްތަކުގެ ދިފާއީ ވަކީލުންގެ ފަރާުތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ވަކީލުން ފާހަގަކުރެއްވި، މައިގަނޑު ނުކުތާއަކަށް ވެގެން ދިޔައީ ގާނޫނީ އިދާރާތްތަކުގައި ނުވަތަ މި މައްސަލަ ތަހުގީގުކުރުމުގައި ސިޔާސީ ކުލަޖެހިފައިވުމެވެ. އެގޮތުން ކުށެއް އަދި ދައުވާއެއްވެސް ކުރުމެއްވެސް ނެތި މިހާރު ހައްޔަރުކޮށްފައި ތިބި ފަރާތްތަކަކީ ގާނޫނު އަސާސީ އާއި އަދި ގާނޫނާއިވެސް ހިލާފަށް ސިޔާސީ ބޭނުމެއްގައި ހައްޔަރު ކުރެވިފައިވާ ފަރާތްތަކެއްކަމަށް ވަކީލުންގެ ޓީމުން ތުހުމަތުކުރައްވައެވެ.

މި މައްސަލައާއި ގުޅިގެން އެ ފަރާތްތަށް ހައްޔަރުކުރެވުނިތާ މަހެއް ވެގެން ގޮސްފިކަމަށް ފާހަގަކުރައްވާ އާސިފް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާ ގޮތުންނަމަ މަހަކަށްވުރެ ގިނަ ދުވަހު މީހަކު ހައްޔަރުގައި ބެހެއްޓޭނީ ދައުވާއެއް ކުރުމަށްފަހުގައިކަމަށެވެ. އަދި އެ ނޫންނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ ލިޔުމުން ދޭ ހުއްދަ އޮންނަޖެހޭނެކަމަށް އާސިފް ވިދާޅުވިއެވެ.

އެހެންކަމުން ހައްޔަރުކުރި މީހުންގެ ތެރެއިން ވަކި ބަޔަކު މިހާރު ބަންދުގައި ތިބީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ނުފޫޒުގެ ދަށުންކަމަށް ދޭހަވާފަދަ މޭރުމަކުން އާސިފް ވާހަކަދެއްކެވިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ފާފުގެ ދަށުން ގާނޫނު އަސާސީގެ 17 ވަަނަ މާއްދާގައި އޮންނަ ހަމަހަމަކުރުމާއި އަސާސީ ހައްގުތައް، ހަމަހަމަ ގޮތެއްގައި ހިފެހެއްޓުން މަތިކުރާކަމަށް އާސިފް ފާހަގަކުރެއްވިއެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނާއި އެއްގޮތައް ނޫންކަން ސާބިތުކޮށްދެއްވުމަށްޓަކައި އާސިފް އިޝާރާތް ކުރެއްވީ، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރެވުނު ދީނީ އިލްމްވެރިންނާއިމެދު ކަންތައް ކުރެއްވި ގޮތަށެވެ. އެގޮތުން ޝެއިހު ފަޒްލޫން އަދި ޝެއިހު ނިޝާންވެސް ހައްޔަރުކުރީ އެއް ތުހުމަތެއްގައި ނަމަވެސް ފަޒްލޫނު ދޫކޮށްލައިފައިވާކަމަށާއި އަދިވެސް ނިޝާން ހުންނެވީ ހައްޔަރުގައިކަމަށް އާސިފް ފާހަގަކުރެއްވިއެވެ،

” އެހެންވީމަ އެއް ޝެއިހު ދޫކޮށްލާފަ، އަނެއް ޝެއިހު ޖަލުގައި ބަހައްޓާފައި ހުރިކަން ޕްރޮސެކިއުޓާ ޖެނެރަލްއަށްވެސް އެގެންވާނެ، އެކަހަލަ ކަންތައްތައް ހުރުމާއިއެކުގަ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދީގެން ވަކި ބަޔަކު މިހާރު ހައްޔަރުކޮށްފަ އެ ތިބި ތިބުން  އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް”

އާސިފް ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ.

މިދިޔަ ޖޫން 21 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.

ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި ހިލާފަށް، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލަ އާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، މިފަދަ ގޮތަކަށް ތަހުގީގު ފަށާ ގިނަ ބަޔަކު ހައްޔަރުކުރެވިގެން ދިޔުމުގެ ސަބަބުން މިކަންތައް ގިނަ ބަޔަކު ސިފަކުރަމުން އައިީ ބަޔަކަށް މަންޒަރުތަކެއް ދެއްކުމަށްޓަކައި ކުރަމުންދާކަމެއްގެ ގޮތުގައެވެ.

ޖުމްލަ 24 މީހަކު މައްސަލާގައި ހައްޔަރުކޮށްފައިވާއިރު، ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ފުލުހުން ވަނީ ދޫކޮށްލާފައެވެ. އަދި ޝަރުތުތަކަކާއި އެކު ބައެއް މީހުން ދޫކޮށްލާފައިވާއިރު އޭގެ ތެރޭގައި ޝެއިހް މުހައްމަދު ފަޟްލޫން ހިމެނެއެވެ. ހައްޔަރު ކުރެވިގެންދިޔަ ފަރާތްތަކުގެ ތެރެއިން ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލް ވަނީ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުތުގައި ބަންދު އެކި ދުވަސް މަތީން އިތުރު ކުރަމުން ގޮސް އެންމެ ފަހުން 30 ދުވަސް ޖަހާފައެވެ. މުހައްމަދު އިސްމާއީލް ބަންދު ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، މައްސަލަ ބަލައިގަތުމާއި މެދު ރެޖިސްޓްރާ އަދި ގޮތެއް ނިންމަވާފައި ނުވެ އެވެ.

ފުލުހުންގެ ސަފުތަކެއް ފޫއަޅުވައި ގިނަ އަދަދެއްގެ ބަޔަކަށް ގަލޮޅު ދަނޑުގެ ތެރެއަށް ވަދެވުނު ގޮތާއި މެދު ބައެއް ސުވާލުތައް ވަނީ އުފެދިފަ އެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް ބެލުމަށް އިންކުއަރީއެއް ކުރަމުންދާކަމަށެވެ. އަދި މިކަމުގައި ސެކިއުރިޓީ ފެއިލ؛ިއާއެއް އޮތްކަމަށް ފުލުހުން ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: