ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ސަނާކިޔަން ފަށައިފި! ބޭނުމަކީ 2023ގައި ރައީސް ޔާމީންގެ ރަނިންމޭޓަށް ވުންތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ރިޔާސީ ޓިކެޓުގައި 2023 ގައި އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިކުންނެވުމަށް ނިންމުމުގެ ޚަބަރާއެކު މުޅި ސޯޝަލް މީޑއާގައި މަރުހަބާގެ މެސެޖުތަކާ ޓުވީޓުތައް ބަންޑުން ވެގެން ދިޔައެވެ. އެމަނިކުފާނަށް އެ ޓިކެޓު ލިބުން ހައްޤުކަމަށްބުނެ ކުރާ މެސެޖުތަކުންނެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ކާމިޔާބަށް އެދޭކަމަށްބުނެ ކޮށްފައިވާ މެސެޖުތަކުންނެވެ. ރައީސް ޔާމީން ވަރުގެ ލީޑަރެއް މި ޤައުމު ދެކިފައިނުވާކަމަށް ބުނެ ކުރާ ތައުރީފުގެ މެސެޖުތަކުންނެވެ.

މައްސަލައެއް ނެތެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓު ލިބުމުން މަރުޙަބާ ކިޔުން އޮންނަންވާނެއެވެ. އެކަމަކު މިއޮށް ހުރިހާ ދުވަހު ތިބި ބައެއްކަންވެސް ނޭނގޭ، ހިލަމެއްވެސް ނުވާ އެތައް ބަޔަކު އެމަނިކުފާނަށް ސަނާ ކިޔަން ފެށުމުން އަޖައިބުވެ އަންތަރީސް ނުވާވަރު ތޯއެވެ؟ ބޮނދާ ތިބި އެތައް ބައެއް ކުއްލިއަކަށް ނުކުމެ ރައީސް ޔާމީންވަރުގެ ލީޑަރެއް ނެތްކަމަށްބުނެ ދަޅަދައްކަން މިފެށީ އެދުމެއް އޮވެގެން ބާއެވެ؟ ހަމަ ޤައިމުވެސް މިއީ އެދުމެއް ނެތި ވެދުން ކުރާ ޒަމާނެއް ނޫނެވެ.

ރައިސް ޔާމިިން އިންތިޚާބަށް ނުކުންނަވާކަން އިއުލާނު ކުރީ ކޮން އިރަކު؟

އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސްކުރެވިގެން ދިޔައީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޓިކެޓު ގަބޫލު ކުރެއްވުމަށްފަހު ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ.

ފިލައިތިބި ބައެއްގެ ސަނާ ރައީސް ޔާމީނަށް!

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޓިކެޓުގައި ނުކުންނަވާކަން އިއުލާނު ކުރުމާއެކު ފިލައިތިބި އެތައްބައެއް އެމަނިކުފާނަށް ސަނާކިޔަން ފަށައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެއްމެ ފުރަތަމަ ނައިބުރައީސްއެއްގެ ގޮތުން ހަރަކާތްތެރިވި ޑރ މުޙައްމަދު ޖަމީލް ވެސް އެމަނިކުފާނަށް ފޮނުވީ ތައުރީފުގެ ބަސްތަކުން ފުރިފައިވާ މަރުޙަބާގެ މެސެޖެކެވެ. މަރުޙަބާގެ ޓުވީޓުގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ތަފާތުކަން ރައްޔިތުން ބަލައިގެންފި ކަމަށެވެ. ރައީސް ޔާމީން މިނިވަންކަން ވިއްކާނުލާނެކަން ސާބިތު ކޮށްދީފިކަމަށެވެ. ދީނުގައި ހިފަހައްޓަވާފި ކަމަށެވެ. ރައްޔިތުން 2023 ގައި އިންތިޚާބު ކުރާނެ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމިން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ނޫން އެހެން ޗޮއިން އެއް ނެތް ކަމަށް ޑރ ޖަމީލް މިއަދު ވިދާޅުވާއިރު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވިއިރު އެންމެ އިސް ސަފުގައި ހުންނެވީ ޑރ ޖަމީލްއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފެއްދެވި މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަންގެ ލީޑަރަކީ ޑރ ޖަމީލްއެވެ. އޭރު ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންއަކީ ޙާއިނެއް ކަމަށާއި ރައީސް ޔާމީން ދިވެހި ރައްޔިތުންނަށްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވަރުގެ “ވަގެއް” މިރާއްޖޭގައި ނެތް ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް އެއީ މާޒީއެވެ. މިއަދު ޑރ ޖަމީލްއަށް ރައީސް ޔާމީން ނޫން ޗޮއިސްއެއް ނެތެވެ.

ރައީށް ޔާމީނަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ ރައިސުލްޖުމަހޫރިއްޔާގެ މަޤާމު އަދި ނައިބު ރައީސް ކަމުގެ މަޤާމު ކުރިން ފުރުއްވި ޑރ މުޙައްމަދު ވަޙީދު ވެސް  އެމނަިކުފާނަަށް މަރުހަބާ ކިޔުއްވިއެވެ. މަރުހަބާ ދަންނަވާ ޑރ ވަޙީދު ވިދާޅުވެފައިވަނީ އިދިކޮޅުގެ ފަރާތުން ރިޔާސި އިންތިޚަބުގައި ވާދަކުރުމުގެ ޓިކެޓު ރައީސް ޔާމީނަސް ލިބުމުން މަރުހަބާ ކިޔާ ކަމަށާއި، ޤައުމުގެ ހުވަފެންތައް ދަންނަ ވެރިއެއްކަމުގައި ރައީސް ޔާމީން ވުމަށް އެދި ދުއާވެސް ދަންނަވާފައެވެ.

މިއުޅުއްވަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅުގެ ނައިބު ރައީސްކަމަުގެ ޓިކެޓު ހޯދަވަންތަ؟

ރަނގަޅަށް ވިސްނާލުމުން މިވެރިން މިއުޅެނީ އެދުމެއް އޮވެގެންކަން މި ވެރިންގެ ޢަމަލުތަކުން ސާބިތުވެގެން ދާނެއެވެ. ހުވަފެން ދެކެމުން މިދަނީ 2023ގެ ރިޔާސީ އިންތާބުގައި ރައީސް ޔާމީން ގެ ރަނިން މޭޓުގެ ގޮތުގައި ނުކުތުމަށް ކަމާމެދު ޝައްކެއް ނެތެވެ. ސަނާ ކިޔައިގެން ޅޮސް އުނދޯއްޔަށް އަރުވައިގެން ވިއަސް މިއުޅެނީ އެމަނިކުފާނުގެ ހިތްރުއްސަން ވެގެންނެވެ. މިވަގުތު އުފެދޭނެ އެއްމެ ބޮޑު އެއް ސުވާލަކީ 2023ގެ އިންތިޚާބުގައި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި ނަގާނީ ކޮންބޭފުޅެއް ބާއެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް އަދި ޖެހޭނީ މަޑުކޮށްލާށެވެ. އިންތިޚާބުގެ ފޯރި ގަދަވަމުންދާވަރަކަށް އެކަންތައްވެސް އިސާހިތަކު އާއްމުންނަށް ފާޅުވެގެން ހިނގައިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: