ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް ފައިދާއެއް ނުވާނެ : ޑރ ހުސެއިން

ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝިދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ހޯނޑެއްދޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައިނަމަވެސް ސަރުކާރުން މަސްގަންނަ އަގުތަކާ ވާދަނުކުރެވޭނެ ކަމަށާއި އެ ތަން ހަވާލު ކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ފައިދާ ނުވާނެކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑަވެލިދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލުގައި ވަނީ ހޯނޑެއްދޫއިން ހޮރައިޒަން ފިޝަރީޒް އަށް ދޫކޮށްފައިވާ ބިމުގެ ނަމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެެއްވެސް ބޭންކެއްގައި ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެއްވެސް ލޯނެއް ނަގާފައިވޭތޯ އާއި ސަރުކާރުން އެކަމަށް އެއްވެސް ގެރެންޓީއެއް ނުވަތަ މުއާމަލާތެއް ކޮށްފައިވޭތޯ އާއި އެކަމުގެ ތަފްސީލު ދިނުމަށް ވަނީ އެދިފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޑރ ހުސެއިން ވިދާޅުވީ އެއްވެސް ލޯނެއް ނަގާފައިނުވާ ކަމުގައެވެ. އެހެންނަމަވެސް ކަޅުބިލަމަހުގެ ސިނާއަތު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހިރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ހޯނޑެއްދޫއިން ކުއްޔަށް ދޫކޮށްފައިވާ ބިމުގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސްވެރިކަމުގެ އިންވެސްޓްމެންޓް ތަކާއި އެރަށުން ކުއްޔަށް ހިފާފައިވާ ބިމުގެ ލީސް ހޯލްޑް ރައިޓްސް، އަދި ލ މާންދޫގައި އެކުންފުނިން ކޮށްފައިވާ މަސްވެރިކަމުގެ އިންވެސްޓްމެންޓްތަކާއި މާންދޫ އިން ކުއްޔަށް ހިފާފައިވާ ބިމުގެ ލީސްހޯލްޑް ރައިޓްސްއާއި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ގެ އެސެޓްތަކެއް ސެކިއުރިޓީގެ ގޮތުގައި ބެހެއްޓުމަށްފަހު އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވޮލަޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އިން 2011 ވަނަ އަހަރު 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށާއި ފަހުން އެލޯނަށް ފަސް މިލިއަން ޑޮލަރު އިތުރުކޮށްފައިވާ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ހޯނޑެއްދޫ އިން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން، އެސެޓަކަށް ބަލައިގެން ހަމައެކަނި އެބިން ސީދާ މޯގޭޖްކޮށްގެން ރާއްޖޭގެ އެއްވެސް ބޭންކަކުން އަދި ރާއްޖެއިން ބޭރުގެ އެއްވެސް ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެއްވެސް ލޯނެއް ނަގާފައިވާކަން މިނިސްޓްރީގެ ރިޕޯޓްތަކުން ނުދައްކާ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ޑރ ހުސެއިން ވިދާޅުވީ އެލޯނު ވަނީ މިހާރު ދައްކާ ހަލާސްކޮށް ނިމިފައިކަމުގައެވެ. އެލޯނު  ނަގާފައިވަނީ ހޮރައިޒަން ފިޝަރީސް ޕްރައިވެޓް ލިމިޓެޑުން ހިންގާ މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ހިންގުމަށާއި ގދ ހޯނޑެއްދު އާއި ލ މާންދޫގައި އެކުންފުނިން ކޮށްފައިވާ މަސްވެރިކަމުގެ އިންވެސްޓްމެންޓްތައް އިތުރަށް ކުރިއަރުގައި ތަރައްގީ ކުރުމުގެ ބޭނުމުގައެވެ. އަދި އެ ލޯނު ނެގުމަށް ސަރުކާރުން އެއްވެސް ގެރެންޓީއެއް ދީފައިނުވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ފިރުޝާން ވިދާޅުވީ ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫ ބިމުން 13.5 ހެކްޓަރުގެ ބިން ހަވާލުކޮށްފައި އޮންނަތާ 17 އަހަރު މިއަހަރުގެ ނިޔަލަށް ހަމަވާނެ ކަމާއި އެތަން އޮޕަރޭޝަނަށް ނުގެނެވި އިތުރު އިންވެސްޓްމެންޓް ތަކަށް  ހަރަދުކުރާއިރު އެތަން އޮޕަރޭޝަނަށް ގެނައުމަށް ފިޝަރީޒް މިނިސްޓްރީގެ ދައުރަކީ ކޮބައިތޯ ޑރ ހުސެއިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގައި ސްކިޕްޖެކް ޓޫނާގެ އެކްސްކްލޫޒިވިވިޓީ އެގްރިމެންޓެއް އޮތް ތޯ ނުވަތަ ނޫންތޯ  ފިރުޝާންވަނީ ޑރ ހުސެއިންގެ އަރިހުން އެދިވަޑައިގެންފައެވެ.

އެކަމުގެ ޖަވާބުގައި ޑރ ހުސެއިން ވިދާޅުވީ ހޯނޑެއްދޫގެ ބިން ކުއްޔަށްދީގެން 17 އަހަރު މިހާތަނަށް ވެފައިވާއިރު ހޮރައިޒަން ފިޝަރީޒްގެ ފަރާތުން ދިޔައީ ބިމުކުލި ދައްކަމުން ކަމާއި އެތަން އޮފަރޭޝަނަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް މިހާރު އެތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފަސް ހަ މިލިޔަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަމާއި ގުޅިގެން ހޮރައިޒަން ފިޝަރީޒް އިން ބުނެފައިވަނީ ފަސްހަމިލިއަން ޑޮލަރު ހަރަދުކޮށްގެން މަސައްކަތް ނިންމި ނަމަވެސް   މިހާރު އެތަނަށް މަސްގަނެ އެކްސްޕޯޓް ކުރުމުގެ ވިޔަފާރިއަކީ މިހާރު އަގުތައް ހުރިގޮތުން ވައިބަލް ކަމަކަށް ނުވާ ކަމުގައެވެ. ވުމާއެކު ފައިދާ ނުވާ ވިޔަފާރިއެއް ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ޑރ ހުސެއިން ވިދާޅުވީ މަހުގެ ފްލޯ ޕްރައިޒް އަކަށް ކަނޑައަޅާފައި ހުރީ 13 ރުފިޔާ އަށް ކަމާއި ސަރުކާރު ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން  މަސްގަންނަނީ 17 ރުފިޔާއަށް ކަމުގައެވެ. ވުމާއެކު ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނެސްގެންވެސް 17 ރުފިޔާ އަށް މަސްގަނެގެން ފައިދާވާނެ ކަމަށް ހޮރައިޒަން ފިޝަރީޒް އަށް ނުފެންނާތީ އަދި އެ ވާދަވެރިކަމުގައި ބައިވެރިވި ނަމަވެސް އެކަށީގެންވާ މަސް 17 ރުފިޔާ އަށް ގަންނަށް ހުއްޓާ 13-14 ރުފިޔާ އަށް ގަންނަން ނުލިބޭނެ ކަމުގައި ހުސެއިން ވިދާޅުވިއެވެ.

ސްކިޕްޖެކް ޓޫނާގެ އެކްސްކުލުޒިވިޓީ އެއްވެސް ބަޔަކަށް ނެތް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބަލައިގެން ކުރިއަށްދާ ކަމަށާއި އެކަމުގައި ދެފަރާތުން ވާހަކަ ދައްކާ ކަމަށް ހުސެއިން ވިދާޅުވިއެވެ. އެއްފަރާތުން ކޮންޓްރެކްޓްގައި ހުރިމީހުން އެކްސްކުލުޒިވިޓީ ނުއުވޭ ކަމަށް ބުނާއިރު ސަރުކާރުން ބުނަނީ އުވާލާފައިވާ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ. ވުމާއެކު ސަރުކާރުގެ ނަޒަރުގައި ސްކިޕްޖެކްޓޫނާ ގެ އެކްސްކުލުޒިވިޓީ ނިމުމަކަށް ގެނެސްފައިވާ ކަމަށް ޑރ ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: