ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވީ ރަނގަޅަށް: ހައިކޯޓު 

ނ.ތޮޅެންދޫ
ނ.ތޮޅެންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ނ.ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މާޗް މަހު ސިވިލް ކޯޓުން އަމުރު ނެރުނުނީ އެރަށް ފިޝަރީޒް މިނިސްޓްރީން ބަޔަކަށް 21 އަހަރަށް ކުއްޔަށް ދޭން އުޅޭތީ އެކަމާއި ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ.

ވަގުތީ އަމުރާމެދު ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ) ގެ ފަރާތުން އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި ދެކޮޅަށެވެ.

ހައިކޯޓުގެ އަމުރުގައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައުޟޫއީ މައްސަލައިގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލް ނިސްބަތްވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ނުވަތަ ވަރުވާ އަށް ދިނުމުގައި، އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށް އޮންނަ އޮތުމުގައި އެކައުންސިލްގެ ދައުރަކީ ކޮބައިކަން މިއީ މިމައްސަލައިގައި ގޮތެއް ކަނޑައެޅިގެންދާނެ ސީރިއަސް ޤާނޫނީ ސުވާލެއްކަމަށެވެ.

އަދި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ސުވާލު އުފެދިފައިވާ ރަށަކީ، މިފަދައިން މަޝްވަރާކުރަންޖެހޭ ފަދަ “އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ” ރަށެއްތޯ މިއީ ވެސް މިމައްސަލައިގައި މައުޟޫއީ ދަޢުވާ ގައި ގޮތެއް ކަނޑައެޅިގެންދާނެ ކަމެއްކަމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ.

މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ރަށް ކުއްޔަށްދިނުމުގައި ކައުންސިލްގެ ބަހެއް ހޯދުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަމާއި، އެހެންނަމަވެސް އެގޮތަށް ކުއްޔަށްދިނުމާ ކައުންސިލުން ދެކޮޅުކަމަށް ޤަރާރެއް ފާސްކޮށް އެކަން އަންގާފައިވާކަން އެނގެން އޮތުމީ، ޤާނޫނުން ބުނާ ފަދައިން ރަށް ކުއްޔަށްދިނުމުގައި މަޝްވަރާކުރެވުންތޯ މިއީވެސް މައުޟޫއީ މައްސަލަ ނިންމުމުގައި ގޮތެއް ކަނޑައެޅޭނެ ސުވާލެއް ކަން އެނގޭކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

މިމައްސަލައިގައި އުފެދިފައިވާ މިސުވާލުތަކަށް އިސްތިއުނާފު ރައްދުވާ ފަރާތާ އެއްކޮޅަށް ނިމުމުގެ އިޙްތިމާލް ކުޑަކަމަށް ބަޔާންކޮށް ދައުލަތުގެ ފަރާތުން ދެކަމެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކަމަކަށް މި ރަށަކީ، ޤާނޫނުގައި ބުނާ ފަދައިން އަތޮޅު ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއް ނޫން ކަން ދައުލަތުގެ ފަރާތުން ފާހަގަކުރެއެވެ. ނަމަވެސް އެކަން ދައުލަތުން ސިވިލް ކޯޓުގައި ފާހަގަކުރިކަން އެނގެން ނެތްކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

ހައިކޯޓުގެ އަމުރުގައި ވަނީ ވަގުތީ އަމުރުގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުން އެގޮތަށް ހުކުމް ކުރެއްވިޔަސް، ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އެ މައްސަލާގައި ވަގުތީ އަމުރު ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ވަގުތީ އަމުރެއް ނެރެވޭނީ އަސްލު މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ވަގުތީ އަމުރަށް އެދޭ ފަރާތަށް އޮތްނަމަ ކަމަށްވާއިރު، އެ އަމުރަށް އެދުނު ނ. އަތޮޅު ކައުންސިލަށް އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުސަތެއް އޮތްކަން ދެއްކިފައިނުވާ ކަމަށެވެ.

އެހެންވެ، ވަގުތީ އަމުރެއް ނެރެގެން ހިމާޔަތް ކުރަންޖެހޭ ހައްގެއް ނެތް ކަމަށް އޭނާގެ ރައުޔުގައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: