މީގެ ިއތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތާއިއެކު، ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، “މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022” ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.