ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ދަފްތަރު ވަގަށް ނަގައި، ކުދި ޕާޓީތަކުން ފައިގެ ބޮޑުވާ އިނގިލި ވެސް ނިޝާނަކަށް ޖަހާ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއަކީ ކުދި ޕާޓީތައް ދެމިއޮތުމަށް އުފެދިފަ އޮތް ޕާޓީއެއް ނޫންކަމަށް، ޕާޓީގެ ލީޑަރޝިޕްގައި މަސައްކަތްކުރައްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާއްމު ކުރިއިރު، ބައެއް ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ވަނީ ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ކޯލިޝަން ޕާޓީތަކަށް ދިނުމުގެ ގޮތުން އީސީން މެމްބަރުންގެ އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ބުނެ ދާދިފަހުން ވެސް އިދިކޮޅުން އެ މައްސަލަ ކޮމިޝަނަށް ހުށަހެޅި އެވެ. އަދި އެކި ފަހަރު މަތީން ވަނީ އެ ޕާޓީގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނިގެން ޝަކުވާ ހުށަހަޅާފަ އެވެ. މައްސަލަ ބޮޑުވެ އިލެކްޝަނުން އެންމެ ފަހުން އާއްމު ކުރި ގަވައިދުގައި އެފަދަ ފޯމުތައް ފާހަގަ ކުރެވިއްޖެ ނަމަ ޕާޓީތައް ޖޫރިމަނާ ކުރާނެކަމަށް އިއުލާނު ކުރި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 05 ގައި ބާއްވާ ޕީޕީއެމްގެ އެތެރޭގެ އިންތިހާބަށް، މޯލްޑިވްސް ރީފޯވް މޫވްމެންޓުގެ ދަފްތަރުން އާއްމު މެމްބަރުން ވަކިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ބުނެ އެ ޕާޓީން ބަޔާނެއް އާއްމު ކުރި އެވެ. އަދި އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އެ ބަޔާނުގައި ބުނެފައިވާތީ އެކަމަށް އިދިކޮޅުން ވަނީ ރައްދު ދީފަ އެވެ.

އެމްއާރުއެމްގެ ދަފްތަރުގައި ހިމެނޭ އެއްވެސް ބައެއް ޕާޓީއަށް ވައްދާފައިވާނެތޯ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ޝުޖާއު ވިދާޅުވީ ޕާޓީތަކުން މެމްބަރުން ވަކިވަނީ ޕީޕީއެމްގެ އިންތިހާބާއި ގުޅުވައި ނޫން ކަމަށެވެ. އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ ފޯމުތަކާއި އެކު، އަލަށް ވަންނަ މެމްބަރުންގެ ފޯމުތައް ވެސް ހުށަހެޅުމަށް ޝަރުތުކޮށްފައިވާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ އެއީ އެބައެއްގެ އަމިއްލަ އިހުތިޔާރު ކަމަށެވެ. އަދި އެމްއާރުއެމް، ނުވަތަ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ނުވަތަ އަދާލަތުން ވެސް މެމްބަރުން ވަކިވާނީ އެއީ ސިޔާސީ ކުރިމަގެއް ނެތް ޕާޓީތަކެއްކަން އާއްމުނަށް ގަބޫލު ކުރެވޭތީކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅުން އެއްވެސް ޕާޓީއެއްގެ ދަފްތަރުން ވަގަށް މެމްބަރުން ނަގާފައި ނުވާނެކަމަށެވެ. ނަމަވެސް އިސީން އެންމެ ފަހުން ދަފްތަރު އާއްމު ކުރިއިރު އަދާލަތާއި ޖުމްހޫރީ ޕާޓީއަށް މެމްބަރުން ކުއްލިއަކަށް ގިނަ ވީ ގޮތަކާއި މެދު އޭނާ ސުވާލު އުފެއްދި އެވެ. މިއީ ޕީޕީއެމްގެ ދަފްތަރުގައި ތިބި މީހުން އެ ޕާޓީގެ ދަފްތަރުގައި ހިންގި އަމަލެއްކަމަށް ތުހުމަތު ކުރަައްވައި ޝުޖާއު ވިދާޅުވީ އެ މެމްބަރުންގެ ފަރާތުން ޕާޓީގެ އޮފީހަށް ޝަކުވާއެއް ނާންނަ ދުވަހެއް މަދު ކަމަށެވެ. އަދި ހަގީގަތް ބަލާއިރު އެ ފޯމުތަކުގައި ހުންނަނީ މީހެއްގެ އިނގިލީގެ ނިޝާނަށް ވުރެ ވެސް ބޮޑު ނިޝާނެއްކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާށޭ.. އަދާލަތު ޕާޓީ.. މެމްބަރުން ހަމަނުވެގެން އޮތް ޕާޓީ ކުއްލިއަކަށް 10،000 މެމްބަރުން ހަމަވެގެން ދިޔައީ ކިހިނެއް ތޯ… އަޅުގަނޑުމެންގެ ޕާޓީ އޮފީހަށް އެބަ އާދޭ އަދާލަތުން ވަގަށް ނެގި މެމްބަރުން.. އަޅުގަނޑަށް ވެސް އިނގޭ މިއީ އަޅުގަނޑުގެ އިނގިލިކަން.. އެކަމަކު ފައިގެ ބޮޑުވާ އިނގިލި… ފައިގެ ބޮޑުވާ އިނގިލި ވަރުގެ އިނގިލި އެބަހުރި ނިޝާން ޖަހާފަ.. އަޅުގަނޑުމެން އޭގެ ހެކިންނަށް ތިބި މީހުންނަށް ގުޅީމަ މި ބުނަނީ ތިމަންނާއަކަށް ނޭނގެ އޭ… ނަމާއި ނަމްބަރު ވެސް ދިމާ ނުވަނީ…” ޝުޖާއު

ޕީޕީއެމްއަށް މެންބަރުން ވައްދަނީ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޠާސަތުތައް ވިއްކައިގެން ނަމަވެސް އެހެން ސިޔާސީ ޕާޓީތަކުން ކުރާ މާ ބޮޑުކަމެއް ނޯންނަކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން ސުޖާއު ފާހަގަކުރެއްވީ ޖުމްހޫރީ ޕާޓީ އުފެދުނީ ހަމައެކަނި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްކަމަށާއި އެމްޑީއޭއިންވެސް ރިޔާސީ އިންތިހާބާއި ގާތްކޮށް މަސައްކަތްކުރާތަން ފެންނަކަމަށާއި ނަމަވެސް އެތެރޭގެ އިންތިހާބެއްގައި ނުވަތަ ބައި އިލެކްޝަނެގައި ވާދަކުރާތަން ނުފެންނަކަމަށެވެ. މިއާއި ހިލާފަށް ޕީޕީއެމްއަކީ އިންތިހާބުތަކުގައި ވާދަކުރަންކެރޭ ޕާޓީއެއްކަމަށް ފާހަގކުރައްވާ ޝުޖާއު ވިދާޅުވީ އެމްއާރުއެމްއިންވެސް ހަރަކާތްތެރިވާންޖެހޭކަމަށެވެ.

މީގެ ކުރީގައި ޝުޖާއު ވިދާޅުވެފައިވަނީ އެމްއާރުއެމްއިން މެންބަރުން ވަކިވަނީ ޕާޓީއަށް ތާއީދު ނެތުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: