ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ރަންވޭއާއި ސީ ޕްލޭން ޓާމިނަލް ހުޅުވައިފި!

އައު ރަންވޭގައި ޖެއްސި އެމިރޭޓްސް އެއަރލައިންގެ ފްލައިޓް. ފޮޓޯ/ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަދި އަލަށް ތަރައްގީކުރި ސީ ޕްލޭން ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއި އެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.

މިއަދު ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭންޓަރމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލް އާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާއި ހަވާލުކޮށްގެންނެވެ.

ރަންވޭ އާއި އާ ސީޕްލޭން ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ ދެއްކެވި ވާހަކަގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެވެމުން ދަނީ އެއަރޕޯޓުގެ މާސްޓަރ ޕްލޭނާއި އެއްގޮތަށްކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރެވުނު އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއަރޕޯޓެއްގެ ތެރޭގައި އައު އެއަރޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއަރޕޯޓުގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭންޓަރމިނަލަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ދެ މަޝްރޫއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 12.3 ބިލިއަން ރުފިޔާ ގެ، އެ މަޝްރޫއުގެ ދަށުން އާ ވީއައިޕީ ޓާމިނަލެއް ގާއިމުކޮށްފައިވާއިރު، އާ ފަސިންޖާ ޓާމިނަލަކާއި ފިއުލް ފާމެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން އޭރު ފެށި ވީއައިޕީ ޓާމިނަލްގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމި މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. ފިއުލް ފާމްގެ މަސައްކަތުގެ ހުރީ ބޮޑު ބައި ނިމިފައިކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއްވައެވެ.

މީގެ ކުރީގައި އެއާޕޯޓް ވަނީ އިންޑިއާގެ އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއިވެސް ހަވާލުކޮށްފައެވެ. ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްުވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ “އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ” ކަމަށް ބުނެ އެވެ. ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: