ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ އަރުޝަދު ކޯޓުގެ ހުއްދަ ނެތި ފުރުން މަނާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ޑިސެމްބަރުގެ 12 ގައި މާލޭގެ ސަރަހައްދުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ ޕާޕޯޓު ހިފަހަށްޓައި ކޯޓުގެ ހުއްދަ ނެތި ފުރުން މަނާކޮށްފިއެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަރުޝަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ، މާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރެެއިން 09 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރުކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ޑައަމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އަރުޝަދު އެ މައްސަލައިން ވަނީ މިނިވަންވެފަ އެވެ.

119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެރެކުރުމުގައި އިސްދައުރެއް އަދާކުރި ކަމަށް އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވޭއިރު އޭނާ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުމަށް ފަހު ޑުބާއީއަށް ދިޔައެވެ. ނަމަވެސް ޑުބާއީގެ އެއާޕޯޓުން އޭނާ ހިފަހައްޓައި އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ހޯމަ ދުވަހުގެ ރޭ އޭނާ ރާއްޖެއައުމުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. ދޫކޮށްލިއިރު އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ވެސް ނެރެފައިވެއެވެ.

މި މައްސަލައިގައި ރޭ ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން އަމުރުނެރުނީ އަރުޝަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށެވެ. އަދި ކޯޓުގެ ހުއްދަ ނެތި މާލެއިން ފުރުން ވެސް ކޯޓުން ވަނީ މަނާކޮށްފައެވެ.

އެގޮތުން އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާ ކުރީ  އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރެއް ނެރެފައި ނުވަނީ ފުލުހުން އޭނާ ދޫކޮށްލާފައި ވާތީއެވެ. ނަމަވެސް އޭނާ ބަންދު ކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާ ކަމަށް ހައިކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ. 

މާލޭގެ 10 ގެއެއް ބަލާ ފާސްކޮށް ފުލުހުން ހިންގި  އޮޕަރޭޝަނުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެހެން އެންމެން ސަލާމަތްވި އެވެ. އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ފުލުހުންގެ އެ އޮޕަރޭޝަނުގައި އަރުޝަދާއި ގުޅުން ހުރި 4.6 މިލިއަން ރުފިޔާ ހޯދި އެވެ. އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ފްރީޒް ކުރި އެވެ. ނަމަވެސް އަރުޝަދު ބުނާ ގޮތުން އޭނާގެ އަތުގައި އެ ފައިސާ ހުރީ ހުއިފިލަނޑާގެ ވިޔާފާރި ކުރާތީ އެވެ.

ދައުލަތުން އަރުޝަދުގެ މައްޗަށް ތުހުމަތު ކުރާ ގޮތުގައި އެ މީހުން ވަނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް އެޕާޓްމަންޓުތައް ކުއްޔަށް ނަގާފަ އެވެ. އަދި ގަނޑުކޮށް މަސްތުވާތަކެތި ރައްކާކޮށް ބަހައްޓާނެ ތަނާއި، އެކަމަށް ވަކި ބަޔަކު ހާއްސަކޮށް، ވިއްކުމަށް ވެސް ވަކި ބަޔަކު ކަނޑައަޅައި، ފައިސާގެ މުއާމަލާތަށް ވެސް ހާއްސަ ބަޔަކު ކަނޑައަޅާފައި ހުންނަކަމަށް ބުންޏެވެ. އެއީ އަރުޝަދު އިސްވެ ހުރެ ހިންގާ ނެޓްވޯމުގެ މަަސައްކަތްތައް ކުރިޔަށް ގެންދާގޮތް ކަމަށް ވެސް ދައުލަތުން ހައިކޯޓުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 8%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: