ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ މައްސަލަގައި އެމްއާރުއެމް: ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ ނިންމުމަކަށް ތާއީދެއް ނުކުރާާނަން

ރައީސް ސޯލިހު، ކުރީގެ ރައީސް މައުމޫން އަދި ކުރީގެ ރައީސް ނަޝީދު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާކަމަށް ބުނާބައި ޑިލިމިޓްކުރުމަށް އެދި މޮރިޝަސްއިން ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްފައިވާތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ކަންބޮވުން ފާޅުކޮށްފިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއިމެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެމްއާރުއެމްއިން ނެރެފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެެ އަގީތާތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެ ޕާޠީގެ މަގްސަދެއްކަމަށެވެ. އަދި އެފަދަ ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސްކަމަކަށް ޕާޓީން ތާއީދު ނުކުރާނެކަމަށް ބުނެފައިވެއެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަކީ ގައުމުތައް އަޅުވެތިކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއްކަމަށާއި، އެ ސިޔާސަތަކީ ހަމައެކަނި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. އެމްއާރްއެމްއިން މިފަދައިން ބުނެފައިވާއިރު، މޮރިޝަސްއިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ.

މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބެއްގެ ގޮތުގައި އެމްއާރުއެމް އިން ބުނެފައިވަނީ، އިގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވީއިރު، ފޯޅަވަައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވުމެވެ، އަދި އެކަމުގެ ސަބަބުން އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށް އުނިކަން ލިބުންކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނުގައި ބުނާގޮތުން ބޭސްލައިނުން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވާކަމަށް ފާހަގަކޮށް، އެމްއާރުއެމް އިން ބުނެފައިވަނީ މީގެކުރިން ދިވެހި ދައުލަތުން އެ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައިނުވާކަމަށެވެ.

2019 ވަނަ އަހަރު މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާއި ދެކޮލަށް ރާއްޖެއިން ވޯޓުދީފައިވާއިރު، އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައިނެތުމުން، އޭގެ އަޑީގައި ސިއްރުތަކެއް ވާނެކަމަށް ރައްޔިތުންގެ ދެކޭކަމަށް އެމްއާރުއެމް އިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަން ހިގާދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ. ރާއްޖޭގެ ސިޔާދަތީ ހައްގަށް އުނިކަމެއްް އަންނާނެ އެއްވެސް ނިންމުމަކަށް އެމްއާރުއެމްއިން ތާއީދުނުކުރާނެކަމަށް ފާހަގަކޮށް، ޕާޓީއިން ވަނީ މިކަމާއިބެހޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން އެމްއާރުއެމްއަށް އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައިނުވާކަމަށް ޕާޓީން ބުނެފައިވެއެވެ.

މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ގުޅުންހުރި މައްސަލައެއްކަމަށް ފާހަގަކޮށް، އެމްއާރުއެމްއިން ބުނެފައިވަނީ އިގްތިސާދީ ގޮތުން ދިވެހި އާއިލާތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށްވެސް ގެއްލުންތަކެއް ލިބިދާނެކަމަށެވެ.

އޭގެ އިތުރުން އެމްއާރުއެމްއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ ފަރާތްތަކާއިއެކު ވަކާލާތުކުރުމުގައި، ކަމުގެ ފަންނަނީ މާހިރުން ދިވެހިންގެ ގެތެރޭގައިވެސް ތިއްބެވިއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ލަފާއާއި މަޝްވަރާ ހޯދާފައިނުވާތީއެވެ. މި މައްސަލާގައި ސަރުކާރުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުގެ ބަހެއް ހޯދާފައިނުޥާތީ އެމްއަރުއެމްއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި، އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަޖިލީހާއި، މި މައްސަލައިގައ މަޝްވަރާކޮށްފައިނުވާތީ ގިނަ މެންބަރުން ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: