ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ރާއްޖޭގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ: އެމްއެންޑީއެފް

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ އޭއެސްއެމް ކޫލް ސޮލިއުޝަންސް ރޯވެ ހިނގާފައިވާ އަލިފާނުގެ ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާކަމަށް އެމްއެންޑީއެފްގެ ފަޔަރއެންޑް ރެސްކިއު ސާވިސަސްގެ ކަމަންޑާންޓް ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް ރަޝީދު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާއި ގުޅިގެން 10 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެކަކު އައިޖީއެމްއެޗްއަށް ގެންދެވިފައިވާކަމަށާއި އެނާ އޮތީ “ކްރިޓިކަލް” ހާލުގައިކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، “ކްރިޓިކަލް” ހާލަތުގައި އައިޖީއެމްއެޗްގައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށެވެ. ކާނަލް ރަޝީދު ވިދާޅުވީ، އެ ސްޓާފް ކުއާޓާރގައި ދިރިއުޅެމުންދާ އާއިލާތަކަކީ ބަންގްލަދޭޝް ސްރީލަންކާ އަދި އިންޑިއާގެ ރައްޔިތުންކަމަށެވެ.

ރަޝީދު ވިދާޅުވީ، ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް އެންމެ ފުރަތަމަ ލިބިފައިވަނީ 12:30 ގައިކަމަށެވެ. އަދި 12:31 ގައި ނުކުމެގެން އެ ސަރަހައްދަށް އާދެވިފައިވަނީ 12:33 ގައިކަމަށް އެނާ ވިދާލުވިއެވެ.

އެނާ ވިދާޅުވީ، އެމްއެންޑީއެފްއަށް އެ ސަރަހައްދަށް އާދެވުނު އިރުވެސް އިމާރާތުގެ ތިރީގައިވަނީ ވަރަށް ބޮޑަށް ރޯވެފައިކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އެންމެ ފުރަތަމަވެސް މަސައްކަތް ކުރީ އަލިފާންގަނޑު އިތުރަށް ނުފެތުރޭކަން ކަށަވަރު ކުރުމަށްކަމަށް އެނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، އަލިފާން ހިފި ގަރާޖުގައި އެކި ބާވަތްތަކުގެ ގޭސް ހުރިކަމަށެވެ. އެހެންކަމުން ފަޔަރ ފައިޓު ކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށް ކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ، 9 މީހަކު “މިސިންގް” ކަމަށް މައުލޫމާތު ދިނީ އެތަނުގައި ނުކުމެ ތިބި އެހެން ބިދޭސީން ކަމަށެވެ.

އެނާ ވިދާޅުވީ، އެހިސާބުން ސާޗް އެންޑް ރެސްކިއު މަސައްކަތްތައް ފަށައި މިހާތަނަށް ފެނިފައިވަނީ 10 މީހެއްގެ ހަށިގަނޑު ކަމަށާއި އަދި އެއީ އަންހެން ބޭފުޅުންކަމެއް ނުވަތަ ފިރިހެން ބޭފުޅުންކަމެއް ދެނެގަންނަން ދަތިނަމަވެސް އެތަނުން އެކަކު ސަލާމަތް ކުރިކަމަށްވެސް އެނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަސް:

ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ހާދިސާއަކީ ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިގެންދިޔަ ހާދިސާއެއްކަމަށެވެ.

ޝުޖާއު ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ތަހުގީގު ކުރުމުގެ މަސައްކަތްތައް ފުލުހުންގެ މުއައްސަސާއިންވަނީ ފަށާފައިކަމަށެވެ. އެހެން ނަމަވެސް އެކަން ހިނގައިދިޔަ ގޮތް އަދި ތަން ހިންގަމުންދާ އުސޫލުތަކާއި ގުޅޭ މައުލޫމާތުވެސް ލިބިފައިނުވާކަމަށް އެނާ ވިދާޅުވިއެވެ. އަދި މައުލޫމާތުތައް ލިބޭހާ އަވަހަކަށް މީޑިއާތަކަށް ހިއްސާ ކުރައްވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ސީން ޕްރޮސެސް ކުރަމުންދާތީ އެންމެ އިސްކަމެއް ދެމުންދަނީ ނިޔާވި މީހުންގެ މައުލޫމާތު ހޯދުމަށާއި ސަލާމަތް ކުރެވުނު މީހުންނަށް އެންޑީއެމްއޭއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ހާދިސާ އާއި ގުޅިގެން އެންޑީއެމްއޭގެ ބަސް: 

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހުސައިން ވިދާޅުވީ، އެ މުއައްސަސާއަށް އަލިފާނުގެ ހާދިސާގެ މައުލޫމާތުތައް ލިބިގެންދިޔައީ ރޭ 1:00 ހިސާބުގައިކަމަށެވެ. އަދި ބޮޑު ހާދިސާއެއް ކަން އިންގުމާއި އެކު އެމެޖެންސީ އޮޕަރޭޝަންސް ޓީމު އެކްޓިވޭޓުކޮށް އެކި ސައިޓުތަކަށް ފޮނުވާފައިވާނެކަމަށް އެނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ހާދިސާ ހިންގި ސަރަހައްދުން ގެންދިޔަ މީހުން ގެންގޮސްފައިވަނީ މާފަންނު ސްޓޭޑިއަމްގައި ގާއިމުކޮށްފައިވާ އިވެކުއޭޝަން ސެންޓަރަށް ކަމަށެވެ. އެނާ ވިދާޅުވީ 4 ގެއަކުން 30 ދިވެހިންވަނީ އެ ސަރަހައްދަށް ގެންދެވިފައިކަމަށެވެ.

އެނާ ވިދާޅުވީ، ބެކްއަޕް އިވެކުއޭޝަން ސެންޓަރެއްގެ ގޮތުގައި ޖަމާލުއްދީން ހޯލްވަނީ ތައްޔާރު ކުރެވިފައިކަމަށެވެ. އަދި އެ ސަރަހައްދުން ނެރެވުނު ބިދޭސީންގެ އަދަދު 28 އަށް އަރާ ކަމަށާއި ބައެއް މީހުންނާއި ހަވާލުވެފައިވާ ފަރާތްތައްވަނީ ސައިޓަށް އައިސް އެމީހުން ގެންގޮސްފައިކަމަށާއި މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައިވަނީ ޖުމުލަ 9 ބިދޭސީއެއްކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ބިލްޑިނގް ތަކުގެ ރައްކައުތެރިކަން ކަށަވަރުކޮށް އާއިލާތައް އެތަންތަނަށް ބަދަލު ކުރާނެކަމަށާއި ބަދަލު ނުވެވޭ އާއިލާތަަކަށް ތިބޭނެ ތަންތަން ހަމަޖައްސައިދެވޭނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: