ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ލައިސެންސް އާ ނުކުރުން: މައްސަަލައަށް ތަދައްހުލުވާން މީޑިއާނެޓާއި ދެ ކުންފުންޏަކަށް ކޯޓުން ފުރުސަތު ނުދިން

ދިރާގުން ކޭބަލް ޓީވީއަށް އާ ޗެނަލްއެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއް ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތޭކަ އިންސައްތަ ހިއްސާވާ ދިވެހި ކުންފުޏަކަށް ދިރާގު ނުވާތީ، އެ ކުންފުނީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުން އުވާލުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލުވުމުގެ ފުރުސަތު މީޑިއާ ނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދިނުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ތަދައްހުލުވުމަކީ، އަސްލު ދައުވާކުރާ ފަރާތްތަކުގެ ބަހެއް ނެތި، ހައްގައްގެ ގޮތުގައި ނުވަތަ ކޯޓުގެ އިހުތިޔާރުގައި، ހިނގަމުންދާ ދައުވާއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ. ނުވަތަ އަސްލު ފަރާތެއްގެ ގޮތުގައި ނަން ނުޖެހި ނަމަވެސް ނަތީޖާގައި ހިއްސާއެއް އޮތް އަދި ކުރިޔަ ދާ މަދަނީ މައްސަލައެއްގައި ތިންވަނަ ފަރާތަކުން ދައުވާއަކަށް ވަނުމެވެ.

ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، ރީބްރޯޑްކާސްޓިންގެ ހުއްދަ ދެވޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެހެންވެ ދިރާގުގެ ލައިސަންސް އާ ނުކުރުމަށް ކޮމިޝަނުން ނިންމީ އެވެ.

ބަހުރައިންގެ ބަޓެލްކޯގެ ބޮޑު ހިއްސާއެއް އޮންނަ ދިރާގުގެ ޝަރުތު ހަމަނުވަނީ އެ ސަބަބާއި ހުރެ އެވެ. 2013 ގައި އެ ކުންފުންޏަށް ދޫކުރި ރީބްރޯޑްކާސްޓް ލައިސަންސް ހަމަ ވާނީ އަންނަ ޖެނުއަރީ މަހުގެ 30 ގަ އެވެ.

ރީބްރޯޑްކާސްޓިންގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމުގެ ހައްގު އެ ކުންފުންޏަށް ވެސް ލިބިގެންވާކަން ފާހަގަކޮށް، ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމިއިރު މީއީ ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުނިތަކެކެވެ. ބްރޯޑްކޮމްގެ އާ އުސޫލުގެ ސަބަބުން، ދިރާގަށް ކޭބަލް ޓީވީ އޮޕަރޭޝަން ލައިސެންސް ގެއްލޭތީ އެ ކުންފުނިން ސިވިލް ކޯޓަށް އޮތީ މައްސަލަ ވައްދާފަ އެވެ. އަދި އެ ކޯޓުން ވަނީ މައްސަލައިގައި ވަކި ގޮތެއް ނިމެން ދެން ދިރާގުގެ ލައިސެންސް ދެމެހެއްޓުމުގެ އަމުރެއް ބްރޯޑްކޮމްގެ މައްޗަށް ނެރެފަ އެވެ. އެ ނިންމުން ބަދަލުކޮށްދޭން އެދި ބްރޯޑްކޮމް ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ލައިސެންސް އާކޮށް ނުދޭ މައްސަލައިގައި ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް އެދުނީ މީޑިއާނެޓުގެ އިތުރުން އޭދަފުށި ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ކޭބަލް އޮޕަރޭޓިން ލައިސެންސް އާކޮށް ނުދޭ މައްސަލައިގައި ދިރާގުން ކޯޓަށް ދިއުމުން، ތަދަހުއްލުވާން ހުށަހަޅައި މީޑިއާނެޓުން ބުނީ މިއީ ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި ތަދައްހުލުވާން އެދޭ ކުންފުންޏަކީ 100 އިންސައްތަ ދިވެހި ކުންފުންޏެއްކަމަށާއި މައްސަލައިގައި ބަޔާންކުރާ ގަވައިދަކީ ރާއްޖޭގައި ވިޔަފާރި ކުރާ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކުގެ ވިޔަފާރި ހިމާޔަތް ކުރުމުގެ ގޮތުން ފާސްކޮށްފައިވާ ގާނޫނުތަކާއި ދައުލަތުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތަށް އެކުލަވާލާފައިވާ ގަވައިދެއް ކަމަށެވެ. އަދި ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އެ ކުންފުންޏަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް މީޑިއާނެޓުން ބުންޏެވެ.

ސްކައިލައިފް ކޯއިން މައްސަލައިން ތަދައްހުލުވާން އެދި ބުނެފައި ވަނީ ދިރާގަކީ ރީބްރޯޑްކާސްޓިން ގަވައިދާއި ހިލާފުވެފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެ ކުންފުނީގެ ލައިސަންސް 2014 ގައި ބާތިލުވެފައިވާކަމަށް ވަނީ ބުނެފަ އެވެ. ދިރާގަށް ކޭބަލް ޓީވީގެ ހިދުމަތް ދެވުމަކީ އިންސާވުވެރި ވާދަވެރިކަމަށް އެޅޭ ހުރަހެއްކަމާށާއި، ދިރާގުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ރީބްރޯޑްކާސްޓް ކުރުމުގެ ވައިދުގެ ބާރު ކަނޑުވާލުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އެހެންކަމުން، ތަދައްހުކުވާން ފުރުސަތު ދޭން އެ ކުންފުނިން އެދުނެވެ.

ދެވަނަ ކުންފުނި އޭދަފުށި ކޭބަލް ނެޓްވޯކުން ވެސް ތަދައްހުލުވާން އެދި ހުށަހަޅާފައި ވަނީ ސްކައިލަފާއި އެއް ވާހަކަތަކެކެވެ.

ހުކުމުގައި ބުނީ އާއްމު އުސޫލުން ތަދައްހުލުވާން އެދޭ ފަރާތެއްގެ މަސްލަހަތު ނުވަތަ އިންޓްރެސްޓު އޮތްކަމަށް ކޯޓަށް ފެންނަ ހާލަތުގައި އެ ފުރުސަތު ދޭކަމަށެވެ. ނަމަވެސް ތަދައްހުލުވާން އެދި ހުށަހަޅާފައިވާ މީޑިއާނެޓާއި އަނެއް ދެ ކުންފުނީގެ އެފަދަ އެއްވެސް ހާލަތެއް ނެތްކަން ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ. ކޯޓުން އެގޮތަށް ނިންމީ މައްސަލައަކީ، ދިރާގުގެ ލައިސަންސް އާ ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާއި ގުޅޭ މައްސަލައަކަށްވާއިރު އެ ނިންމުމަށް މީޑިއާނެޓާއި އަނެއް ދެ ކުންފުނީގެ އެއްވެސް ދައުރެއް ނެތުމެވެ.

ސިވިލް ކޯޓުން ވަނީ މައްސަލައިގައި ކޯޓުން ވަކި ގޮތެއް އަންގަން ދެން ދިރާގަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސްގެ ދަށުން ރޯބްރޯޑްކާސްޓުގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ހައްގު އެބައޮތްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.
މި އަމުރު ކޯޓުން ނެރުއްވާފައި ވަނީ، ގާޒީ ހާފިޡާ އަބްދުއްސައްތާރެވެ.

ރައްޔިޔުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި، ކޮމިޓީ މަރުހަލާ ކުރިޔަށް ދާ މި މައްސަލައިގައި ދިރާގުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ބުނެފައި ވަނީ މިއީ ވަކި ބައެއްގެ މަންފާއަށް ނިންމި ނިންމުމެއްގެ ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. އަދި ކުއްލިއަކަށް ގަވައިދަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދައި، ދިރާގުން ބުނެފައި ވަނީ އެ ކުންފުނީގެ ކޭބަލް ޓީވީގެ ހިދުމަތް މެދުކަނޑާ ނުލައި ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: