ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބުނަނީ މަހާޒްގެ މައްސަލައަށް ނުފޫޒް ނުފޯރުވާ ކަމަށް!

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ނެރުނު ހުކުމަކާއި ގުޅިގެން، މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަމުން ގެންދަނީ ސަރުކާރުން ނުފޫޒް ފޯރުވައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަސް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި ޖޭއެސްސީން ކުރިޔަށް ގެންދާ ތަހުގީގުތަކަށް ސަރުކާރުން ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަނީ ސަރުކާރުގެ ނުފޫޒުން ނޫން ކަމަށާއި އަދި މައްސަލައަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކޮމިޝަނުން ހާމަކުރުމުން އޭނާ ވަނީ މައްސަލަ މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ހުށަހަޅުއްވާފަ އެވެ. ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު، އެ މައްސަލަ ކޯޓުގައި ބެއްލެވުމުގައި ހިމެނޭ ފަނޑިޔާރުންގެ ބެންޗަށް ކެއުމެއް ގެނައި މައްސަލަ ޖޭއެސްސީން ބަލަނީ، އެއީ ހަދިޔާއެއް ބަލައިގަތުންކަމަށް ތުހުމަތުކޮށެވެ.

ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ހާލަތެއްގައި ހާއްސަ ކެއުމެއް ނޫންކަމަށާއި، 2021 ނޮވެމްބަރު 30 ގައި ކެއުން އޯޑަރުކޮށް ގެނައީ ކޮން ރެސްޓޯރަންޓަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވި އެވެ.

ޖޭއެސްސީން މައްސަލަ ބަލަމުން ދާތީ، ދިފާއުގައި މަހާޒް ބަޔާނެއް އާއްމުކޮށްފައި ވަނިކޮށް ކޮމިޝަނުން ބުނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އޭނާ މީޑިއާތަކަށް މެދުވެރިކޮށް މައުލޫމާތުތައް ފަތުރަމުންދާކަން ސަމާލުކަމަަށް އައިސްފައިވާކަމަށެވެ. މަހާޒާއި ގުޅޭގޮތުން ކޮމިޝަނަށް ލިބުނު ޝަކުވާއަކީ އޭނާ ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޟިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރެއް ފޮނުވި ކެއުމަކާއި ހަވާލުވެ އެ އުފަލުގައި ބައިވެރިވުންކަމަށް ބަޔާނުގައި ވެއެވެ.

އެހެންވެ އެ ޝަކުވާ އާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ކެއުމެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް މަހާޒް ތަކުރާރުކޮށް އިއުތިރާޒުކޮށް ދެކޮޅު ހެދިކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ކެއުން އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަ ދެއްވާފައި ނުވާކަން ވެސް ކޮމިޝަނުން ފާހަގަކުރި އެވެ. ކޮމިޝަނުން ބުނީ އެ މައުލޫމާތު ފަނޑިޔާރު މަހާޒް ހާމަނުކުރެއްވީ އެވަގުތު އެ މައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފު ވާނީ ތަހުގީގަށް ފަހު ކަމަށެވެ.

ޖޭއެސްސީގެ ބަޔާނުން އެނގޭ ގޮތުގައި، މައްސަލައިގެ މައުލޫމާތު ހޯދައި ތަހުގީގަށް ކޮމިޝަނުން މަހާޒް މަސައްކަތް ކުރައްވާ ސެކްޝަނުގެ މުވައްޒަފުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި އެ މައުލޫމާތުތަކުން އެ ފަރީއްކޮޅާއި މެދު ނުވަތަ ކެއުމާއި މެދު އުފެދޭ ސުވާލުތަކަށް ބާރުދޭ ބައެއް ކަންކަން ހާމަވާކަމަށް ވެއެވެ. އެހެންވެ މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މައްސަލަ ތަހުގީގުކުރަން ކޮމިޝަނުން ނިންމީކަމަށް ބަޔާނުގައި ވެއެވެ.

މައުލޫމާތު ސާފު ކުރުމުގެ މަރުހަލާގައި، މަހާޒަށް އެއްބާރުލުން ދީ ޖަވާބުދޭން ވަގުތު ލިބުނު ނަމަވެސް ކޮމިޝަނަށް އެއްވެސް މިންވަރަކަށް ހާމަނުކުރާކަން ފާހަގަކޮށް ބަޔާނުގައި ޖޭއެސްސީން ބުނީ އެ ޝަކުވާއާއި ގުޅިގެން ބަސް އިއްވަވައި ބަޔާން އިއްވީ މީޑިއާތަކަށް ފެންނާނެހެން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންނަށްވާއިރު، ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަން ވާނެ ބައެއްކަމަށް ޖޭއެސްސީން ބުންޏެވެ.

ބަޔާން ނިންމާލަން ޖޭއެސްސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ގޮތް ނިންމަމުން ދަނީ ކޮންމެ ދަރަޖައެއް އަދި ގިންތިއެއްގެ ފަނޑިޔާރެއްކަމުގައި ވިޔަސް އެއް ހަމަ އުސޫލަކުން ތަފާތު ކުރުމެއްނެތި ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: