ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްގުތައް ކަށަވަރު ނުވިތާ، އިންސާފަށްވެސް ހުރަސް އެޅިފައި!

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ބޭއްވި އިހުތިޖާޖުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނަށް ރައްކާތެރިކަން ނެތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަބަދުވެސް އިވޭ އަޑަކީ ކުޑަކުއްޖަކަށް ކޮންމެސް ކަހަލަ އަނިޔާއެއް ލިބެމުންދާކަމުގެ އަޑުތަކެވެ. ނަފްސާނީ އަދި ޖިސްމާނީ ގޮތުންނެވެ. އަދި ޖިންސީ އަނިޔާތަކެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުން މިފަދަ ކަމެއް ނުފެނިދާ ހަފްތާއެއް މަދެވެ. އެކަމުން އެނގި ސާފުވެގެންދަނީ ކުޑަކުދިންގެ ހައްގުތަށް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުނުކުރެވޭކަމެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރަކު ބިލިއަނަކަށްވުރެ ގިނަ ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބިގެންދާއިރު، މީގެ ތެރޭގައި ދިވެހި ކުޑަކުދިންވެސް ހިއްސާވެއެވެ.

ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކޮށްދީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ކަމާއި ބެހޭ މުއައްސަސާތަކާއި އިދާރާތަކުގެ ޒިންމާއެއްނޫނެވެ. ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި ރާއްޖޭގައި ނިސްބަތުން ގިނައީ ޖިންސީ ގޯނާގެ މައްސަލައެވެ. އަދި ކަމުގެ އެތެރެ ބަލާލާއިރު ކުއްޖާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ، މި އަނިޔާވެރި އަމަލު ހިގަނީ ކުއްޖާއާއި ގާތް މީހެއްގެ ފަރާތުންނެވެ. މިއަދު ފެނިގެންދަނީ ކުއްޖާގެ ހައްގަށް އެރިގަންނަށްއިރު، ނަމަށް ހަނޑިވެދާނެތީ އެކަން ފޮރުވުމުގެ ސަބަބުން ކުއްޖާއަށް އިންސާފުވެސް ނުލިބިދާ މަންޒަރެވެ.

އެހެންކަމުން ކުއްޖާގެ ހައްގުތައް ކަށަވަރުކުރުމުގައި އާއިލާއާއި ރަށްޓެހިންގެ ދައުރުވެސް މުހިންމެވެ. ގާތްތިމާގެ މީހުންނާއި، މުޅި މުޖުތަމައުވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ޝާމިލުވުން އޮންނާނެއެވެ. މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހެއެވެ. ނޫނީ މިކަމަށް ހައްލެއް ނުލިބޭނެއެވެ. އަދި ކަންކަން ފޮރުވުމުގެ ބަދަލުގައި ވަގުތުުން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، އެފަދަ ކަންކަން ހުއްޓުވަން މަސައްކަތްކޮށްގެން ނޫނީވެސް ހައްލެއް ނުވާނެއެވެ.

ދެން އޮތީ ރިޕޯޓުކުރިއަސް ވާ ފައިސާއެއް ނެތްކަމުގެ ވާހަކައެވެ. އިންސާފު ނުލިބޭކަމުގެ ވާހަކައެވެ. ސަރުކާރާއި، މުއައްސަސާތަކާއި، އިދާރާތްތަކުގެ ޒިންމާ ފެށޭ ހިސާބަކީ މިއީއެވެ.

ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުގެވެސް ޒިންމާ އޮތް މިކަމުގައި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގާނޫނަށް ބަދަލުތަކެއް ގެނެވިފައިވެއެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ތަސްދީގުކުރެވިފައެވެ. އަދި މި ގާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހެއް އުފެއްދިއެވެ. މުހިންމު މަގުސަދެއްގައި އުފެއްދި މި އޮފީހުގެ ޒިންމާއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ކަންކަން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން ތަންފީޒުކުރާ މިންވަރު ދެނެގަތުމެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި އެއްގޮތަށް ކަންކަން ބައްޓަންކުރަން ފަށާފައިވާއިރު، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭފަދަ ގޮތެއްގައި ބައްޓަންކުރެވިފައިވާކަމަށް ސަރުކާރުން ދެކެއެވެ.

މީގެ ތެރޭގައި ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، އަޅާލުމާއި ހިމާޔަތް ލިބުމާއި، އަނިޔާކުރުމާއި އަޅާނުލުމުގެ ރައްކާތެރިކަން ލިބުމާއި މައިންބަފައިން އެނގުމާއި އެމީޙުންގެ އަޅާލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގު ހިމެނެއެވެ. އަދި ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި، އުނގެނުމުގެ ހައްގާއި، ރަހުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމަތު އާންމުނުކުރުމުގެ ހައްގުފަދަ ހައްގުތައްވެސް ހިމެނިފައިވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަރުކުރުމަށްޓަކައި “އިބަމަ” އިގެ ނަމުގައި “އިޖުތިމާއީ ބަދަހި މަދަދުވެރި” ގެ ނަމުގައި ޕްރޮގްރާމެއްވެސް ކުރިއަށްގެންދިޔައެވެ. އަދި މިއާއި ބެހޭ އުސޫލުތައްވެސް 8 ސެޕްޓެމްބަރުގައި ގެޒެޓުކުރިއެވެ. އަދި “އިބަމަ” ގާއިމްކުރުމުގެ ގޮތުން 41 ރަށެއްގައި އިބަމަ މެންބަރުންނަށް އަމާޒުކޮށްގެން ހިންގުނު އިބަމަ އިނީޝަލް ތަމްރީން 255 މެންބަރުން ވަނީ ފުރިހަމަކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގައި ހިއްސާދާރު މުވައްސަސާތަކުގެ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނުތަކެއް ހިންގާފައިވާއިރު، ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި ތަމްރީނު ފުރިހަމަ ކޮށްފައިވަނީ 27 ފަރާތަކުންނެވެ. ނ، ލ، ގއ، ގދ އަދި އައްޑޫ ސިޓީގައި ވަނީ ތަމްރީނުތައް ހިންގުމަށް ރޭވިފައެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އަންނަނީ ޗިލްޑްރަންސް ކޮމިއުނިޓީ ރިހިބިލިޓޭޝަން ފަރުވާގެ ހިދުމަތްވެސް ދެމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ޕްރިވެންޝަން ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. އެގޮތުން 2019 އަހަރުގެތެރޭގައި 1 ޖުވެނައިލް ޕްރޮގްރާމު ހިންގިފައިވެއެވެ. 10 ޕޭރަންޓް ޕްރޮގްރާމު ހިންގާފައިވާއިރު ޓީޗާރސް އިންފޮމޭޝަން ސެސަންޝަންތަކެއްވެސް ހިންގާފައިވެއެވެ. ފާއިރުވީ ހަތަރު އަހަރުގެ ތެރޭގައި ސުކޫލް ބޭސްޑް ޕްރިވެންޝަން ޕްރޮގްރާމް ހިންގިފައިވަނީ އެންމެ ފަހަރަކުއެވެ.

މުޅި 2020 ވަނަ އަހަރު ހިންގިފައިވަނީ ޖުމްލަ 1 ޕްރިވެންޝަން ޕްރޮގްރާމްއެވެ. އެއީ ޕޭރެންޓިން ޕްރޮގްރާމްއެކެވެ. 2021 ވަނަ އަހަރު ހައިރިސްކް ޕްޕިއުލޭޝަން ޕޭރަންޓް ސެޝަންއެއް ހިންގާފައިވާއިރު ދެން އެ އަހަރުގެ ތެރޭގައި ހިންގާފައިވަނީ ޓީޗާރސް އިންފޮމޭޝަން ސެޝަން އަކާއި ޕޭރެންޓް ޕްރޮގްރާމެއްގެ އިތުރު ވަލްނަރަބަލް ޕޮޕިއުލޭޝަން ޝެޝަންއެކެވެ.

ކުޑަކުދިން ހައްގުތަކާއި އެކުދިން ރައްކާތެރިކުރުމަށްޓަކައި އެންމެ މުހިންމު ވާނީ އެކަން ހުއްޓުވުމަށްޓަކައި ދުރާލާ ފިޔަވަޅުތަކެއް އެޅުމެވެ. އަދި އެ މަގަށް މީހުން ހޭލުންތެރިކުރުވުމަކީވެސް މުހިންކަމެއްކަމުގައިވާއިރު މިކަމަށް އެހާ ބޮޑު އިސްކަމެއް ދެވިފައެއް ނުވެއެވެ. އެކަން އަޅުގަނޑު ދެންމެ ތިބޭފުޅުންނާއި މި ހިއްސާކުރި ތަފާސް ހިސާބުތަކުންވެސް އެގިގެންދާނެއެވެ. ޕްރިވެންޝަން ޕްރޮގްރާމްތަކަކީ ހުރިހާ އުމުރުފުރާއަކަށް، މުޖުތަމައު ހިއްސާކުރާ ކޮންމެ ބާވަތެއްގެ މީހުންގެ މައްޗަށް މުޅި އަހަރުގެ ތެރޭގައި ހިންގަން ޖެހޭ ކަމެކެވެ. ވަކި ރަށެއް އިސްތިސްނާނުކޮށް ހުރިހާ ރަށެއްގައި އަދި ތައުލީމުދޭ ތަންތަނުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަދި އެކުދިން ރައްކާތެރިކުރުމުގެ ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. އަދި ކުޑަކުދިންނާއި ގުޅޭ ހިދުމަތްދޭ ތަންތާގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގުން މުހިންމެވެ.

ނަމަވެސް މި އުސޫލުން މިކަންތައްތައް ކުރިއަށްގެންދެވިފައި ނެތުމަކީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް އިތުރުވަމުންދިއުމަށް އެއް ސަބަބުކަމުގައި ބުނެވިިދާނެއެވެ.

މިފަދަ މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށައެޅޭ މިންވަރު ގިނަވުމުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ދޭހަވާ މޭރުމުން ވާހަކަދައްކަވައެވެ. ނަމަވެސް އެކަމުން ހަގީގަތުގައި ދޭހަވަނީ އެފަދަ ކަންކަން ހިގާ ނިސްބަތް އިތުރުވެއްޖެކަމެވެ. ހައްގުތައް ކަށަވަރުނުވާ ކުދިން ގިނަވެއްޖެކަމެވެ. މާދަމާގެ މުސްތަގުބަލުކަމުގައި ފާހަގަކުރާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކުރަންޖެހޭ މަސައްކަތް އިތުރުން އެހެންކަމަކަށްވުރެ އިސްކަންދީގެން ކުރުން މުހިންމެވެ.

ކުޑަކުއްޖަކު އަމިއްލައަށް ނޭދެވޭ އަމަލެއް ކުރެވޭ ހިސާބުން، ނުވަތަ ކުށުގެ މުޖުތަމައުއަށް ހުށައެޅޭ ހިސާބުން ކުއްޖާ އެކަހެރިކޮށްލުމުގެ ބަދަލުގައި ނުވަތަ ބަންދު ޖަހާ ޖަލަށްލުމުގެ ބަދަލުގައި އޭނާގެ މުސްތަގުބަލު އުޖާލާކުރުމުގެ މަސައްކަތްތަކެއް ކުރެވެގެން އެބަޖެހެއެވެ. އަދި ކުޑަކުދިންގެ ހާލަތު ދެނެގަތުމަށްޓަކައި ސުކޫލުތަކުގައި އާއި އެކި ގޮތް ގޮތުން މަސައްކަތްތަކެއް ކުރަން އެބަހެއެވެ. ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓެއް ލިބުމުން ނޫނީ ކުއްޖާގެ ހައްގުތައް ކަށަވަރުވޭތޯ އާއި ރައްކާތެރި މާހައުލެއް އެކުއްޖަކަށް ލިބިފައިވޭތޯ ބަލާ އުސޫލު ދޫކޮށްލައިގެން ނޫނީ މި މައްސަލައަށް ހައްލެއް ނުލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: