ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެށީގައި ކުޑަކުދިން ގިނަ، މި ކުދިންނަށް ދައުލަތުގެ އަޅާލުން ބޭނުން: ޖީހާން

މަރުގެ މައްސަލައެއްގައި ފުލުހުން މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ރޭވިގެން ހިންގޭ ބޮޑެތި ކުށްތަކުގެ ތެރެއަށް ހުށަހެޅޭ ކުޑަކުދިންނަކީ އެއީ ވަގުތުން ވަގުތަށް ދައުލަތުގެ އެހީތެރިކަމާއި، އަޅާލުން ބޭނުންވެފައި ތިބި ކުދިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާރ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކާއި، ގޭންގު މާރާމާރީތައް އަދި މަރުގެ މައްސަލަތަކުގައި ވެސް އުމުރުން 18 އަހަރު ނުވާ ކުދިން ހައްޔަރުކޮށްފައި ވެއެވެ. އަދި ބައެއް މަރުގެ މައްސަލަތަކުގައި ހައްޔަރު ކުދިންގެ މައްސަލަތައް ކޯޓުތަކުގައި މިވަގުތު ވެސް ދަނީ ކުރިޔަށެވެ.

މިދިޔަ މަހު އުމުރުން 13 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް، އެ ކުއްޖާ މަރާލައި ފޮއްޓަކަށްލައި ކަނޑު ފައްތާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭގެ ފޭސް ދޭއް ސަރަހައްދުންނެވެ. ކުއްޖާގެ މަރުގެ މައްސަލައިގައި އުމުރުން، 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 17 އަހަރުގެ ކުއްޖެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވުނުއިރު، ޖެންޑާރ މިނިސްޓްރީން ވަނީ އެ ކުއްޖާއަކީ ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއްކަމަށް ބުނެފަ އެވެ. އަދި ޖެންޑާއަށް އެކަށީގެންވާ އަޅާލުމަކާއި، ރައްކާތެރިކަމެއް ނުދެވި ވަނިކޮށް ކުއްޖާ މަރާލި ހާދިސާއާއި ގުޅިގެން އެ މުވައްސަސާއަށް ފާޑުކިއުން ވެސް އަމާޒު ވިއެވެ.

މި މައްސަލަ ތަހުގީގީ އިދާރާތްތަކުން ދަނީ ބަލަމުންނެވެ. އެއާއި އެކު މަޖިލީހުގެ ޖެންޑާރ ކޮމިޓީން ކުރިޔަށް ގެންދަނީ މައްސަލައިގައި ވެފައިވާ އިހުމާލުތައް ދެނެގަތުގެ މަސައްކަތެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާން” ޕްރޮގްރާމުގައި ޖީހާން ވިދާޅުވީ ކުޑަކުއްޖަކު މަރާލުން އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައަކީ ތަހުގީގީ އިދާރާތްތަކުންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަމުންދާ މައްސަލައަކަށްވާއިރު އެއީ ހިއްސާކުރެވޭނެ މައުލޫމާތުތަކެއް ނޫންކަމަށް ޖީހާން ވިދާޅުވި އެވެ. ހާއްސަކޮށް މިއީ ކުޑަކުއްޖަކާއި އެ ކުއްޖާގެ އާއިލާގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަމުން، އެއް ކުރަންޖެހޭ ވަރަށް ގިނަ މައުލޫމާތުތަކެއް އެބަހުރިކަމަށް ޖީހާން ވިދާޅުވި އެވެ.

އެންމެ ފަހުން މިދިޔަ ހަފްތާގައި ވެސް މައްސަލައިގައި ކުރިޔަށް ގެންދިޔަ ކޮމިޓީ ވަކި ހިސާބަކުން ސިއްރު ކުރަންޖެހުނީ ވެސް ޖެންޑާރ މިނިސްޓްރީގެ އެދުމުގެ މަތީންކަމަށް ޖީހާން ވިދާޅުވި އެވެ.

ރާއްޖޭގެ ކުށުގެ ވެށީގެ ތެރެއަށް ކުޑަކުދިން ހުށަހެޅޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކޮށް ޖީހާން ވިދާޅުވީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގޭ ކުށްތަކުގެ ޝިކާރައަކަށް އެކުދިން ވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި ކުދިންނަކީ ވަގުތުން ވަގުތަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިން ކަމަށެވެ.

މުވައްސަސާތަކުން މިފަދަ މައްސަލަތަކުގައި އަމަލު ކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޖީހާން ވިދާޅުވީ، އިސްލާހު ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށެވެ. އަދި މުވައްސަސާތައް އިސްލާހުކޮށް އެ ކުދިންނަށް ދައުލަތުގެ އަޅާލުން ލިބެންޖެހޭ ކަމަށެވެ.

“އެތައް ކުދިންނެއް ތިބިކަން… 25 އަށްވުރެ ގިނަ ކުދިން ތިބިކަން އަޅުގަނޑުމެންނަށް ވަނީ ދެނެގަނެވިފައި.. އަންގާރަ ދުވަހުގެ ބައްދަލުވުމަކީ އެ ދިމާލަށް ދިއުން.. ދައުލަތުގެ މުވައްސަސާތަކުގެ މަސައްކަތް ކުރަންވީ ގޮތުގެ އޮޅުމެއް… ކަންތައް ކުރަންވީ ގޮތުގެ ލަސްކަމެއް، ނުވަތަ ކަން ހިނގަންވާ ގޮތް ނޫން އެހެން ގޮތަކަށް ހިނގާ ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުއްޖާގެ މަރާއި ގުޅިގެން ބޭއްވި ބައްދަލުވުމުން… އޭގެއިން އެނގިގެން ދިޔައީ… އެ ބައްދަލުވުމުގެ ނަތީޖާ އަޅުގަނޑަށް ހީވަނީ އެ ނިމުމުގެ ކުރިން ވެސް ފެންނަން ފަށައިފި ހެން” ޖީހާން

މި މަސައްކަތް އެންމެ އުނދަގޫ ވާ ހިސާބަކީ ޖީހާން ވިދާޅުވީ ގޮތުން ކުށުގެ ވެށީގެ ތެރޭގައި ތަފާތު އެކި ހާލަތްތައް ތަހައްމަލު ކުރަމުންދާ ކުދިންނަށް ވީމަ ކަމަށެވެ. ޖީހާން ވިދާޅުވީ މިއީ ތަފާތު އެކި ބާވަތްތަކުގެ އަޅާލުން ބޭނުންވާ ކުދިން ކަމަށެވެ. އަދި އެ ކުދިންނަކީ އެއީ ފަސޭހައި ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންކަމަށް ޖީހާން ވިދާޅުވި އެވެ.

ކުށުގެ ވެށީގެ ތެރޭގައި ވެސް ތަފާތު ހަތަރު ހާލަތެއްގައި ތިބި ކުދިން އެބަތިބިކަން ފާހަގަކޮށް ޖީހާން ވިދާޅުވީ ދައުލަތުގެ ނިޒާމް ބައްޓަންވާން ޖެހެނީ އެކަން ހައްލުކުރެވޭނެ ނިޒާމަކަށް ކަމަށެވެ. ހަމައެކަނި ވަކިކަމަކަށް ގާނޫނާއި ނިޒާމްތައް ފޯކަސް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މުވައްސަސާތަކުގެ މެންޑޭޓުތައް ވެސް އެއާއި އެއްގޮތަށް ބަދަލުވާންޖެހޭކަމަށް ޖީހާން ވިދާޅުވި އެވެ.

“ސީދާ ގާނޫނުގަ މިހެން އޮތުން، އެއަށްވުރެ ބޮޑަށް މީއޭ މި މުވައްސަސާގެ ޒިންމާއަކީ… އެވަރުން ފުއްދާލެވޭކަށް ނެތް. އަޅުގަނޑުމެންގެ ޒިންމާއަކީ މިއީއޭ، އެހެންވީމާ ތިމަންނާމެން ކުރާނީ މިކަން އޭ… އެހެން ބުނެވޭކަށް ނެތް. ދައުލަތުގެ ޒިންމާ ނުވަތަ މުވައްސަސާތަކުގެ ޒިންމާ ބައްޓަންވާންވީ ކުއްޖާއަށް ބޭނުންވާ ކަންތަކަށް… ކުއްޖާގެ ޕްރޮފައިލްއަށް.. ކުއްޖާގެ ނީޑްސްއަށް… އެއަށް ބާރު އަޅަން ފެށިއްޖެކަމަށް އަޅުގަނޑު ގަބޫލު ކުރަން.” ޖީހާން

ޖީހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިވަގުތު އޮތީ ރިސެސްގައި ނަމަވެސް، އަމާޒު ހިފައިގެން ތިބީ އެގޮތަށް ނިޒާމު ބަދަލު ކުރުމަށް ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހިނގައިދާ ބޮޑެތި މާރާމާރީގެ މައްސަލަތަކުގައި މިވީ މަދު އަހަރެއްގެ ތެރޭ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައި ވެއެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި މަލޭގައި ހިނގައިދިޔަ ސިލްސިލާ މަރާމާރީތަކެއްގައި ކުޑަކުދިންތަކެއް މަރާލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: