ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޝާމާގެ މަރަށް 5 ދުވަސް، ޕޯސްޓްމޯޓަމް ހެދޭނެ ތާރީހެއް ފުލުހުންނަށް ބުނެ ނުދެވުނު!

ނިޝާމާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު ގެ މަރަށް 5 ދުވަސް ވެފައިވާއިރު އޭނާގެ ޕޯސްޓްމޯޓަމް ހެދޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން “ސަންގުން” ޕޯސްޓް މޯޓަމް ހަދާނެ ވަކި ތާރީހެއް ހޯދުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން ސުވާލު ކުރުމުން ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ޕޯސްޓްމޯޓަން ހެދުމަށް ފޮނުވަން ކުރަންޖެހޭ މަސައްކަތް ތައް ކުރެވެމުން ދާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ނިޝާމާގެ ފިރިމީހާ ފައިސަލް، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން މަސައްކަތް ކުރުމާ ގުޅިގެން އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނިޝާމާގެ މަރުގައި ޝައްކުތަކެއް އުފެދޭކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ ފިރިމީހާ ފަސަލްކަމަށް އާއިލާއިން ބުނެފައިވެއެވެ.  މި މައްސަލައިގައި އާއިލާއިން ބުނި ގޮތުގައި، ނިޝާމާ މަލާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ

މަރާއި އެކު ދެން އިވެން ފެށީ، އަޑުއަހަން އުނދަގޫ ވާހަކަތަކެކެވެ. ނިޒާމުގައި ހުރި ގޯސްތަކާއި، އާއްމު މުޖްތަމައުގެ ހާލަތުގެ ވާހަކަ ދެއްކުމަަށް އަނެއްކާވެސް މަޖުބޫރުވީ ގޭތެރޭގައި ގެވެށި އަނިޔާ އިންތިހާއަށް ބޮޑު ނަމަވެސް އެކަން ހުއްޓުވުމަށް ކުރިއަށް އެޅި އެންމެ ފިޔަވަޅެއް ވެސް ނެތީތީ އެވެ. އަނިޔާގެ ވަކިތަކާއި، އެ ހާލީގެ ތެރެއިން ނިކުތުމަށް ގޮވާލައި ކިތަންމެ ބޮޑެތި ކެމްޕެއިންތަކާއި ބެޖުތަކެއް ޖަހައިގެން ފޮޓޯތަކެއް ނަގައިގެން ވާނެ ފައިދާއެއް ނެތްކަން ކޮންމެ މީހެއްގެ ސިކުނޑިއަށް ވަންނަނީ މިފަދަ ހިތާމަވެރި ހާދިސާއަކާއި އެކު އެވެ. މިއަދު ހެނދުނު ހޭލައި، ރާއްޖޭގެ ކޮންމެ މީޑިއާއެއް ހުޅުވާލުމާއި އެކު ފެންނަމުން ދަނީ ގެވެށި އަނިޔާގެ މައްސަލަތައް އަދިވެސް ހައްލު ނުވާކަމާއި އެ މަންޒަރު ފެންނަ މީހުން އަދިވެސް އިހުތިޔާރު ކުރަނީ އެ ވާހަކަ ހޮޅުއަށީގައި ދެއްކުން ކަމެވެ.

ނިޝާމާ އުޅެމުން ދިޔަ ދިރިއުޅުން، ކައުންސިލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އޭގައި ވާގޮތުން ނިޝާމާގެ ފިރިމީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެކެވެ. އަދި ކުޑަ ތިން ކުދިން ތިބި ނިޝާމާއަށް އަހަރުތަކެއް ވަންދެން ލިބެމުން ދިޔަ އަނިޔާތައް އެއީ އާއިލާއަށް އަދި ރަށުގެ އާއްމުންނަށް ވެސް ސިއްރެއް ނޫނެވެ. ފިޔަވަޅެއް ނޭޅި، މުވައްސަސާއެއްގެ ސަމާލުކަމެއް ނުލިބި އޮތުމުގެ ނަތީޖާއަކަށް ވީ ނިޝާމާ ދުނިޔެ ދޫކުރަން ޖެހުމެވެ.

ވާހަކަ ދެކެވޭ ގޮތުގައި ހާދިސާ ހިނގި ދުވަހު، ދަތެއްގައި ރިއްސާކަމަށް ބުނެ ފައިސަލް ފުރައިގެން ދިޔައީ އެ ރަށާއި މާ ދުރު ނޫން ހދ. ކުޅުދުއްފުއްޓަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ނުދާކަމަށް ވެއެވެ. ނިޝާމާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްގެން އުޅޭކަމުގެ ހަބަރު ލިބުނު ނަމަވެސް ވެގެން އުޅޭ ގޮތެއް ބަލަން އޭނާ ގުޅާފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ. ހަވީރު ވި ފަހުން ފުލުހުންނާއި ހަވާލުވީ ފައިސަލް އަމިއްލައަށެވެ.

މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން މަރުގެ ސަބަބު ހާމަކޮށްފައި ނުވެ އެވެ. އަދި ހަށިގަނޑުގައި ލަކުނުތަކެއް ހުރިކަމަށް ދެކެވޭ ވާހަކައާއި، މޫނުމަތި ހުރީ ނޫފައިގެންފައިކަމަށް ދެކެވޭ ވާހަކައިގެ ވެސް މާބޮޑު ހަގީގަތެއް އަދި ނޭނގެއެވެ. ނަމަވެސް ނިޝާމާގެ އާއިލާއިން މިހާބޮޑު ތުހުމަތެއް ފައިސަލްގެ މައްޗަށް ކުރަނީ، އޭނާގެ މިޒާޖާއި ކުރި އަނިޔާތައް މީގެ ކުރިން ވެސް ފެނިފައިވާތީ އާއި އެ ދުވަހުގެ މެންދުރު ދެ މީހުންގެ އެކި ފޮޓޯތައް ސޯޝަލް މީޑިއާގެ ފޭސްބުކަށް ޕޯސްޓުކޮށްފައި ހުރުމެވެ. މީގެ ތެރޭގައި، ނިޝާމާ ބުރުގާ ނާޅައި ހުއްޓައި ދެ މީހުންނާއި ދަރިން އެއްކޮށް ނަގާފައި ހުރި ފޮޓޯތައް ވެސް ހުއްޓެވެ. ނަމަވެސް މިހާރު އެ ފޮޓޯތައް އޭނާގެ ފޭސްބުކް ފީޑުން ފެންނާކަށް ނެތެވެ. ބެލެވޭ ގޮތުގައި، އޭނާ އެ ޑިލިޓު ކުރީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: