ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2018 ގައި ކުޅުނު “މަރު” ކާޑު އަނެއްކާވެސް ކުޅެން ފަށައިފި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުޅުނު “މަރު” ކާޑު އަނެއްކާވެސް ކުޅެން ފަށައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައިވީ އެންމެ ބޮޑު އެއް ރިޠާސީ ވައުދަކީ ވާނުވާ ނޭގި ގެއްލިފައިވާާ މީހުންނާއި، މަރުވެފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމެވެ. އަދި އެކަމުގައި ޝާމިލުވާ ފަރާތްތަށް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްގު އަދަބު ދިނުމަކީ މި ސަރުކާރުންވީ ވައުދެކެވެ. ނަމަވެސް ވެރިކަމުގައި 4 ހޭދަވެގެން ދިޔައިރު މިކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގާތްވެފައި އޮއްވާ މިކަންތައްތައް ތިލަކޮށް، ވާނުވާ ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވައިފައިވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

މިގޮތުން ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ސޯލިޙު 2018 ރިޔާސީ އިންތިޚާބުގައި ކުޅުނު ‘މަރު’ ކާރޑު އެހެން ލެވެލްއެއްގައި ކުޅެން ފަށައިފިކަމަށެވެ. އެއީ ޤާނޫން އަސާސީގެ 115 ވަނަ މާއްދާއިން އަމިއްލައަށް ވުޖޫދުކުރި މަރު ކޮމިޝަން ބޭނުންކޮށްގެން 2023 ގެ އިންތިޚާބާއި ދިމާކޮށް އެ މަސައްކަތް ރަސްމީކޮށް ފެށީކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ދޮގާއި މަކަރު ހަދާ އޮޅުވާލެވޭނީ ވަކިވަރަކަކަމަށާއި، އަދި ރައްޔިތުން ތިބީ ހޭލާކަމަށެވެ.

އިއްޔަ މަރު ކޮމިޝަނުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވެސް ވަނީ ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ އިސް ވެރިންނާއި ކުއްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެމެދު ގާތް ގުޅުންތަކެއް އޮތްކަމަށް ބުނުމުގެ ފުރުސަތުތަކެއް ހުރިކަމަށް  މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވަނީ ފާހަގަކުރައްވާފައެވެ. ފަރީޝާ ވިދާޅުވީ، އޭރުގެ ރައީސުލްޖުމުހޫރިއްޔާގެ ގޮތުގައި ހުންނެވި ރައީސް ޔާމީންވަނީ ދައުލަތުގެ ވަސީލަތްތައް މެދުވެރިކޮއް އަދި އެހެނިހެން ގޮތް ގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑުކޮއްފައިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ފައިސާ ދީފައިވަނީ ކުޅިވަރާއި ޒުވާނުންނަށް އެހީތެރިވެދިނުމުގެ ނަމުގައިކަމަށް އެނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޕީޕީއެމްގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައިވާއިރު، އިދިކޮޅުން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި ތުހުމަތުތަކާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެބޭފުޅުން ސިފަކުރީ ސިޔާސީ ކަންތައްތަކެއްގެ ގޮތުގައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިކަމުގެ ބޭނުމަކީ “ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓު” އަދި “ރައްޔިތުންގެ އުންމީދު” ރައީސް ޔާމީންގެ އަބުރު ކަތިލުން ކަމަށެވެ. އަދި މިއީ މިހާރުވެސް އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކެއް ޝަރީއަތް ކުރިއަށްދާތީ ޕްރެޝަރު ބޮޑުކުރުމުގެ ގޮތުން ކުރި ތުހުމަތުތަކެއްކަމަށްވެސް އިދިކޮޅުން ފާހަގަކުރިއެވެ.

މީގެ އިތުރުން އެބޭފުޅުން ފާހަގަކުރެއްވީ މީގެ ކުރިން މަރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟްވާން ގެއްލުވާލުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ނުވާކަމަށް ވިދާޅުވެފައިކަމެވެ. ކަން މިހެން އޮތުމުން މަރު ކޮމިޝަނުން ދައްކަވާ ވާހަކަތައް އަދި ހިއްސާކުރާ މައުލޫމާތު ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: