ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރު ނެރެންވީ ވެރިކަމަށް އަންނަން ވީ ވައުދުތައް ފުއްދޭތޯ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައްޔިތުންނަށް ލިބިގެންވާ ހައްގަކަށް ހުރަސްއަޅުއްވައި ގަރާރެއް ނެރުއްވުނުއިރު ވައުދުތައް ފުއްދަވައިދެއްވުމަށްޓަކައި ގަރާރެއް ނުނެރެވެންވީ ސަބަބާއި މެދު ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ސުވާލު އުފައްވައިފިއެވެ.

ޝިޔާމް މިފަދައިން ސުވާލު އުފައްދާފައި ވަނީ މިއަދުގެ މަޖިލީހަށް ހުށަހެޅި ފެނާއި ނަރުދަމާގެ މައްސަލަ ތަޅުމުން ބޭރު ކުރުމުން އެކަމާއި ނުރުހުންވެ ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ ފެނާއި ނަރުދަމާއަކީ އަސާސީ ހައްގެއްކަމަށާއި މި ހައްގު ގާނޫނު އަސާސީގެ ދަށުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ކަމަށެވެ. އެއަށް ފަހު މައުޟޫ ބަދަލުކޮށް، ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ އެހެން ހައްގުތަކަށް ވެސް ސަރުކާރުން ސަމާލުކަމެއް ދިނުމެއް ނެތްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެއްވެ ހުޅުމާއި ހިލާލުފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް އާއްމު ކުރައްވާފަ އެވެ. ރައީސްގެ ގަރާރުގައި ވާގޮތުން އިދިކޮޅުން ކުރިޔަށް ގެންދާ މި ހަރަކާތަކީ، ހަމަޖެހުން ނަގައިލުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެއަށް ފަހު މާލޭގެ ބައެއް ސަރަހައްދުތަކުގައި ދަމާފައި ހުރި ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަގާފަ އެވެ.

އެކަަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ގަރާރުތައް ނެރެގެން ސަރުކާރުން ބަލަންވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ، ވައުދުތައް ފުއްދޭތޯ ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އަމިއްލަފުޅަށް ގާނޫނުތައް ހައްދަވަނީ ގަރާރު ނެރެގެންކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި ސަރުކާރަށް “ގަރާރު ސަރުކާރު” ގެ ނަމުގައި އޭނާ މުހާތަބުކުރެއްވިއެވެ. ޝިޔާމް ގޮވާލީ އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށްކޮށްދޭން ހުރި ކަންތައްތަކާއި ރައްޔިތުންނަށް ވީ ވައުދުތަކަށް ވީހާވެސް އަވަހަކަށް ގަރާރެއް ނެރެގެން ރައްޔިތުންނަށް ހާސިލްކޮށްދިނުމަށެވެ.

ޝިޔާމް އިތުރަށް ފާހަގަކުރެއްވީ ގަރާރު ނެރުއްވަންވީ އިދިކޮޅުގެ އަޑު ކަނޑުވާލައ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ނޫންކަމަށާއި އެބޭފުޅުން އެދައްކަވަނީ ގަރާރު ނެރެން މާ މުހިއްމު ކަންތައްތަކެއްގެ ވާހަކަތަކެއްކަމުގައެވެ.

މީގެ އިތުރަށް ޝިޔާމް ވިދާޅުވީ ފެނާއި ނަރުދަމާގެ ވާހަކަ ދައްކަވާއިރު އޭނާ ގަބޫލުކުރާ ގޮތުގައި ފެނާއި ނަރުދަމާ ސަރުކާރުން އެވޯޑު ކުރާ ގޮތާއި ނުވަތަ އެވޯޑު ކުރަންޖެހޭ އުސޫލުތަކެއް ގާނޫނުގައި ލިޔެވޭނެ ގޮތް ބަލަން ޖެހޭކަމަށެވެ. ދެން އޭނާ ފާހަގަ ކުރެއްވީ އެބޭފުޅުންގެ ސަރުކާރުގައި ފެނާއި ނަރުދަމާ އެޅުއްވުމަށްޓަކައި 900 މިލިއަން ރުފިޔާއަށް ޕެންޑާ އުސޫލުން ބަޔާކާއި ހަވާލުކުރެވުނުކަމަށާއި ނަމަވެސް އޭރުގައި އެމްޑީޕީގެ މެންބަރުން 900 މިލިއަން ރުފިޔާ 37 ރަށަށް ބޮޑުކަމުގައި ބުނެ ވާހަކަދެއްކެވިކަމަށެވެ.

“އެމްޑީޕީ އިދިކޮޅުގަ އޮވެގެން 900 މިލިއަން ރުފިޔާ 37 ރަށަށް  ބޮޑު ވާހަކަ ދައްކާ މުޒާހަރާ ކުރިއަށްގެންދިޔަ، މިތަނުގަވެސް ހީވަނީ އެހެންފަދަކަމެއްހެން” ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ 37 ރަށުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވަނިކޮށް އެރަށްތައް ޓާމިނޭޓު ކުރެއްވިކަމުގައެވެ. ސަބަބެއްގެ ގޮތުގައި އަގު ބޮޑުވުން ދެއްކަވާ މިފަދައިން ކަންތައް ކުރެއްވުމަށްފަހު 37 ރަަށުން 35 ރަށަށް ބަދަލު ކުރައްވާ 1.2 ބިލިއަން ރުފިޔާއަށް ކަނޑައަޅުއްވާ ހަވާލު ކުރެއްވީ އެބޭފުޅުން ބޭނުން ފަރާތަކަށްކަމުގައި ޝިޔާމް ވިދާލުވިއެވެ.

ކޮރަޕްޝަނަށް “ޒީރޯ ޓޮލެރެންސް” ގެ ނަމުގައި އައި މި ސަރުކާރުގައިހާ ވައްކަން ތިޔާގި ޒަމާނެއް ދިވެހި ތާރީހު ނުދެކޭކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި މިކަންތައްތައް ބަލާނެ ބަޔަކު ނެތްކަމުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރަށް ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ދިވެހި ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުން ވަނީނަމަ ނިކުންނަންވީ “އިންޑިއާ އައުޓް” ޖެހި ބެނާއެއް ހިފައިގެންކަމުގައެވެ. އަދި ޝިޔާމް މިހެން ވިދާޅުވުމާއިއެކު މައިކު ވަނީ ކަޑާލައިފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: