ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ނުފޫޒު ބޭނުންކުރައްވައިގެން ގެންދަވަނީ ރައީސް ޔާމީންއަށް އަނިޔާކުރަމުން: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އަނިޔާކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަދު ކްރިމިނަލްކޯޓް ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކޮށް އަބްދުއްރަހީމް ވިދާޅުވީ ރައިސް ޔާމީންގެ ހުކުމްގެ ފައިނަލްރިޕޯޓް އަދިވެސް ކްރިމިނަލްކޯޓުން ދޫނުކުރާ ކަމަށެވެ.ވުމާއެކު އެރިޕޯޓް ހޯދުމަށް މިއަދު ކްރިމިނަލް ކޯޓަށް ޕީޕީއެމް އަދި  ޕީއެންސީގެ ލީޑަރޝިޕުން ދިޔައީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ރައީސް ޔާމީންގެ މައްސަލަ ނިމުނުގޮތުގެ ފައިނަލް ރިޕޯޓް ހޯދުމަށް ކްރިމިނަލް ކޯޓަށް ދިއުމުން އެކޯޓުގެ އެއްވެސް ވެރިއަކާ ބައްދަލުނުވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 45 މިނެޓެއްހާއިރު ފަހުން މިޖަވާބުދެނީ ވަކީލުންނަށޭ އެކަމާބެހޭ މައުލޫމާތު ދޭނީ. އެހެންވީމަ މިކަމުގައި އަޅުގަނޑުމެން މިއައީ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އެނގިވަޑައިގަންނަވާނެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ މިގައުމުގެ ގާތްގަނޑަކަށް ދޮޅުލައްކަ އަށްވުރެ ގިނަމީހުންގެ ތާއީދާ އެކީގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ނިންމަވާފައި ހުރި އަޅުގަނޑުމެން ދިވެހިރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓް. އެހެންވީމަ ނުހައްގު ހުކުމެއް ޖަހައިގެން ޖަލުގައި ބާއްވާފައި އެއޮތީ. އެހެންވީމަ އެމައްސަލަ ވީހާ އަވަހަކަށް އިސްތިއުނާފު ކުރަންވެގެން ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް ފުރަތަމަ ހުލާސާ ރިޕޯޓްވެސް ލިބުނީ ގާނޫނުގައި އޮތް މުއްދަތު ފަހަނަ އަޅާ ދިޔަފަހުން.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުން އަދިވެސް ކްރިމިނަލް ކޯޓަށް ރައީސް ޔާމީންގެ ހުކުމާއިގުޅޭ ރިޕޯޓް ލިބެންދެން އަންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ހުކުމާއި ގުޅޭ ރިޕޯޓް އިންޑިއާއިން ދިނުމަށް އަދި ހުއްދަ ނުދެނީ ކަމުގައި ފަހަރުގައި ވެދާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހެން މިދަންނަވާލަންޖެހުނު ސަބަބަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރު ރާއްޖޭގައި، ތަނެއްގައި ބިންގާއެޅިޔަސް އިންޑިއާގެ ކޮންމެވެސް ވަޒީރެއް ނޫނީ ކޮންމެވެސް ބޭފުޅެއް މި ވަޑައިގަންނަވަނީ. އެހާލަތުގައި އޮތް ގައުމެއް މިއީ. އެހެންވީމަ އެކަމުން އަރައިގަތުމަށް ޓަކައި ރައީސް ޔާމީން މި މުހިއްމުވެގެން މިއުޅެނީ.   އަމިއްލަވަންތަ ގައުމެއް ބިނާކުރުމަށް ދިވެހި ރައްޔިތުން ބޭނުންވާތީ ރައީސް ޔާމީން ވެރިކަމަށް ގެންނަން އަޅުގަނޑުމެން މިއުޅެނީ. އެހެންވީމަ ރައީސް ޔާމީން އަށް ކުރިމަތިނުލެވޭނެ ހުރިހާ ގޮތެއް ހެދުމަށްޓަކައި މިސަރުކާރުން މިއޮތީ ފޫގަޅާފަ. އާދިއްތަ ދުވަހު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަކީލުންނާ އެކީގައި ކްރިމިނަލް ކޯޓަށް އަންނާނަން އަނެއްކާވެސް މިރިޕޯޓް ހޯދަން.

ރައީސް ޔާމީން މިނިވަންކުރުމާ ބެހޭގޮތުން އިދިކޮޅުގެ ލީޑަރޝިޕުން ގެންދަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ރައިސް ޔާމީންގެ ވަކީލުންނާއެކު ވާހަކަދައްކަމުން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ސާލިހު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ހެސްކިޔާފަ ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ސާލިހު ކެމްޕޭން ކުރަމުން ގެންދާއިރު އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން އޮތީ ޖަލުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ އިހްތިޖާޖްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި އޭގެ އިތުރުން މިވަގުތު އިދިކޮޅުން ތައްޔާރުވަމުންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އިދިކޮޅުން ވަނީ ބޮޑު މަހާސިންތާ އެއް ބޭއްވުމަށް ނިންމާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުން ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު މަހާސިންތާ އަކީ ރައީސް ޔާމީންގެ ކެމްޕޭންގެ ފުރަތަމަ މަރުހަލާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެކޮންފަރެންސަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސަށް ވެގެންދާނެ ކަމަށެވެ.

އިދިކޮޅުގެ ކޮންފަރެންސަކީ ރިޔާސީ އިންތިހާަބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް އަދި ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި ކައުންސިލަރުންނާއި ޑަބްލިޔުޑީސީ މެމްބަރުން އެކީ ބާއްވާ މަހާސިންތާއެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުން ބޭއްވުމަށް ތައްޔާރުވާ ކޮންފަރެންސް ނުވަތަ މަހާސިންތާގެ ބޭނުމަކީ ރައްޔިތުންގެ އުއްމީދު ހާސިލޮކޮށްދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހިރައްޔިތުންގެ އުއްމީދަކީ ރައީސް ޔާމީން 2023 ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: