ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަ ކުރުމަށް ފިނޭންސްއިން ސާކިއުލާއެއް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކުރުމުގައި އަމަލު ކުރަންވީ އުސޫލުތަކާއި އަޅަންވީ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއިން ދައުލަތުގެ އޮފީސްތަކަށް އަންގައިފިއެވެ.

ފިނޭންސްއިން ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވާގޮތުން، އަޅަންވީ ފިޔަވަޅުތަކާއި އުސޫލުތަކެއް ކަނޑައެޅިގެންގޮސްފައިވަނީ މަޖިލީހުން ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓުގެ ވިސްނުންތަކާއި އެއްގޮތަށް ބަޖެޓުން ތަންފީޒުކޮށް، ކުރާ ހަރަދުތަކުން އެންމެ އެދެވޭ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައެވެ. ފިނޭންސްގެ ސާކިއުލާގައި އަލި އަޅުވާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ.

މުއައްޒިފުންނަށް ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިނޭންސްއިންވަނީ 5 ނުކުތާއެއް ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް މަގާމެއް ނުއުފެއްދުމަށާއި ނޭޝަނަލް ޕޭ ކޮމިޝަނުން ދިރާސާ ކުރުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ނުގެނައުމަށްވެސް ފިނޭންސްއިން އަންގާފައިވެއެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން، ބަޖެޓުގައި ހިމެނިފައިވާ ވާނަމަވެސް މިނިސްޓްރީގެ ހުއްދަ ނެތި މިހާރު ދޭން ފަށައިފައިނުވާ އެއްވެސް އައު އެލަވެންސްއެއް ދީގެން ނުވާނެއެވެ. އަދި ހުއްދަ ލިބިގެން ނޫން ހާލަތެއްގައި މުއައްޒިފުންނަށް ޕްރޮމޯޝަން ދިނުމާއި މަގާމެއްގެ ނަމަށް އަދި ރޭންކުގެ އިތުރުން މުސާރަ އާއި އިނާޔަތަށް އެއްވެސް ބަދަލެއް އަންނާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

ފިނޭންސްއިން ވަނީ ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަށް އަދި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ ރަސްމީ ގަޑީގެ ބޭރުން ނުކުރާނެ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އަންގާފައެވެ.

ފިނޭންސްއިން ވަނީ ދަތުރު ހަރަދުތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅުތަކެއްވެސް ފާހަގަކޮށްފައެވެ. އެގޮތުން ކިޔެވުމަށާއި ޓްރެއިނިންގެ ދަތުރުތައްވެސް ހިމެނޭހެން ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގާފައިވާއިރު ރާއްޖެތެރެއަށް ކަނޑުންނާއި ވައިގެ މަގުން ދަތުރުކުރާއިރު، ތިރީސް ފަސް ހާހަށްވުރެ އިތުރުނުވާނަމަ، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސް އެކްސެކިއުޓިވްއެއްގެ ހުއްދަ ހޯދުމަށް އަންގާފައިވާއިރު، ތިރީސް ފަސް ހާހަށްވުރެ އިތުރު ވާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

އޮފީސް ހިންގުމަށް ހޯދާ ތަކެއްޗާއި ހިދުމަތްތައް ހޯދުމުގެ ތެރެއިންވެސް އަޅަންޖެހޭ ފިޔަވަޅުތަކެއް ފިނޭންސްއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ތިރީސް ފަސް ހާހަށްވުރެ ކުޑަ ޕްރޮކިއަމެންޓުތަކަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސް އެކްސެކިއުޓިވްއެއްގެ ހުއްދަ ހޯދުމަށް އަންގާފަިއވާއިރު، އެއަށްވުރެ އިތުރަށް ހަރަދު ހިނގާނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ.

މުއައްޒިފުން ތަމްރީނު ކުރުމުގެ ތެރެއިންވެސް އަމަލު ކުރަންޖެހޭ އުސޫލުތަކެއް ފިނޭންސްއިން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީއިންވަނީ ގައުމީ ސްކޮލަޝިޕް ސްކީމުން ބޭރުން އިތުރު އެއްވެސް ސްކޮލަޝިޕެއް ނުދިނުމަށް އަންގާފައެވެ. ރާއްޖެއިން ބޭރުން ފުރިހަމައަށް ހަރަދު ހިފާ ކުރުމުދަތުގެ ކޯސްތަކާއި ޓްރެއިންގްތަކުގެ އިތުރުން އެއްވެސް އެފަދަ ކަމެއް ނުކުރުމަށްވެސް ފިނޭންސްއިން އަންގާފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ތަމްރީނުތަކެއް ނަމަވެސް ފަސް ހާހަށްވުރެ މަދުން ހަރަދު ކުރާ ނަމަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެކްސެކިއުޓިވްއެއްގެ ހުއްދަ ހޯދަންވާނެއެވެ. އަދި އެއަށްވުރެ އިތުރަށް ހަރަދުވާނަމަ މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ.

މި އަހަރުގެ ބަޖެޓުން އެންމެ އެދެވޭ ބޭނުނޫން ހިފުމުގެ ގޮތުން ފިނޭންސްއިން  ވަނީ މަރާމާތްތައް ކުރުމުގެ ތެރެއިންވެސް އަމަލުކުރަންވާނެ ގޮތްތައް ފާހަގަކޮށްފައެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން، އަަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި ރައީސް އޮފީހާއި މިނިސްޓްރީއިން ހުއްދަ ދީފައިވާ މަސައްކަތްތަކާއި ދެމުންދާ ހިދުމަތެއް މެދުކެނޑުނަ ނުދިނުމައްޓަކައި ކުރަންޖެހޭ މަރާމަތްތައް ނޫން އެހެނިހެން އެއްވެސް މަރާމާތްތައް ފަދަ މަސައްކަތްތައް ކޮށްގެން ނުވާނެއެވެ. އަދި ތިރީސް ފަސްހާހަށްވުރެ ކުޑަ ހަރަދުތަކަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށާއި އެ އަދަދަށްވުރެ ބޮޑުވާ ނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށްވެސް އަންގާފައިވެއެވެ.

ކެޕިޓަލް ހަރަދުތައް މެނޭޖުރަން އަޅަންޖެހޭ ފިޔަވަޅުތައްވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީއިންވަނީ ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫންނަމަ ނުކުރުމަށް އަންގާފައެވެ. އަދި ކުރާ ހަރަދެއް ތިރީސް ފަސް ހާހަށްވުރެ ކުޑަ ނަމަ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސް އެެކްސެކިއުޓިވްއެއްގެ ހުއްދަ ހޯދަންޖެހޭކަމަށް ބުނެފައިވާއިރު، އެ އަދަދަށްވުރެ އިތުރުވާނަމަ ފިނޭންސްގެ ހުއްދަ ހޯދަންޖެހޭކަމަށް ބުނެފައިވެއެވެ.

ފިނޭންސްއިންވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކައުންސިލުތައް ފިޔަވައި ދައުލަތުގެ އެންމެހާ އޮފީސްތަކުން ސާކިއުލާ އާއި އެއްގޮތަށް އަމަލު ކުރުމަށް އަންގާފައެވެ. އަދި ކައުންސިލުތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދުކުރުމުގައި މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ހަރަދުތައް ކުރުމަށް އަންގާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: