ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔާނާ، އިބްރޭއަށް: ގޯސްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަސް ބުނުމުގެ ހައްގު ގެއްލުނު 39،911 މެންބަރުންތޯ؟

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއިން ވަކިކުރި މެންބަރުންގެ ހައްގުތައް ދުސްތޫރީ ނިޒާމުގެ ތެރެއިން ހޯދުމަށް މަސައްކަތްކުރުމުން، ގޯސްވަނީ ޕާޓީއިން ވަކިކޮށްފައިވާ މެންބަރުންތޯ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސުވާލު އުފައްދަވައިފިއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށް ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ސިވިލް ކޯޓަށް މައްސަލަ ހުށައަޅުއްވުމުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ. ހާމިދު ހުށަހެޅި މައްސަލައިގައި، ޕާޓީގެ ގިނަ މެމްބަރުން ފާޑުކިއުން އަމާޒު ކުރަމުންދާއިރު މިއީ ޑިމޮކްރަސީގެ އުސޫލު ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) ވެސް ވަނީ ވިދާޅުވެފައެވެ.

ސިވިލް ކޯޓަށް ހުށައަޅާފައިވާ މި މައްސަލަައިގައި ގާނޫނީ ވަކީލަކީ ދިޔާނާ އެވެެ.

ސިވިލް ކޯޓަށް މައްސަލަ ހުށައަޅުއްވާފައި ވަނީ އެމްޑީޕީގެ އުސޫލުތައް ގަބޫލުނުކުރާ ބައެއްކަމަށް އިބްރާހީމް ވަހީދު ވިދާޅުވެފައި ވާތީ، އެއަށް ރައްދުދެއްވައި ދިޔާނާ ވިދާޅުވީ އިބްރާހީމް ވަހީދު ހުށައެޅުއްވި ގަރާރަކުން 39،911 މީހުންގެ މެންބަރުކަމުގެ ހައްގުތައް ނިގުޅައިގަނެފައިވާކަމަށެވެ. އަދި ދިޔާނާ ސުވާލު އުފައްދާފައި ވަނީ އެމީހުންގެ ބަސް ޝާމިލު ނުކޮށް ޕާޓީގެ އެތެރޭގެ އެންމެ މުހިންމު އިންތިހާބު ބޭއްވުމުން، ހައްގު ހޯދަން އެމީހުން ދުސްތޫރީ ނިޒާމަށް ވާސިލް ވީމައިވެސް ގޯސްވަނީ ޕާޓީއިން ވަކިކުރި މީހުންތޯއެވެ.

އިބްރާހީމް ވަހީދު ހުށައެޅުއްވި ގަރާރުގައި ވަނީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނިފައިވުމުގެ ސަބަބުން ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކާއި އަދި އެމްޑީޕީއާއި ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެޑިޑޭޓުން ހޮވުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ. އަދި އެމްޑީޕީއަށް މާލީ މަންފާއެއް ނުކުރާނެގޮތަށް ހަމައެކަނި އިންތިހާބުތަކުގައި ވޯޓުލާ އެތައް ހާސް ބަޔަކު އެބަތިބިކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ޕާޓީގެ މެންބަރެއްގެ ގޮތުގައި ނުބެލެވޭ ހާލަތްތައް ފާހަގަކޮށް ގަރާރުގައި ހުށައަޅާފައިވަނީ އެމްޑީޕީއިން ބަލަހައްޓަމުންގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެމްޑީޕީ ދަފްތަރުގައި ހިމެނޭ 54،599 މެންބަރުންނަކީ އެމްޑީޕީގެ ދަފްތަރުކަމަށް ބެލުމަށެވެ.  އަދި ދެން ތިބި 39،911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަކުރުމަށް ތިންމަސް ދިނުމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން މެންބަރުކަން ގަބޫލުކޮށް 18 ވަނަ މާއްދާގައި ބުނާ ހައްގުތައް ލިބޭނީ އީސީގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުންކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ފާހަގަކުރައްވަމުން އައީ ޕާޓީއިން ވަކިކުރި 39،000 އަށްވުރެ ގިނަ މީހުންނަކީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް، އެމަނިކުފާނަށް ވޯޓުދީފާނެތީ ވަކިކުރި މީހުންކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރެއްވުމާއިއެކުވެސް ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކުރުމުން، ރައީސް ސާލިހު އަށް ލިބުނުކަމަށް ބުނާ ވަރަށް ގިނަ ވޯޓު އުނިވާނެކަމަށެވެ.

މި އިންތިހާބުގައި ވޯޓުލީ ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ސާލިހު މޮޅު ވެދާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް މިއީ އޭގެ ސައްހަކަމާއިމެދު އެމަނިކުފާނު ސުވާލުއުފައްދަވާ ލިސްޓެކެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ޕާޓިގެ ރިޔާސީ ޓިކެޓު ރައީސް ސާލިހަށް ކާމިޔާބުކުރެވުނު ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ހުށައެޅުމަކަށް ވެގެންދިޔައީ “ފިކުރެއްގެ ދިރުން” މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާއި ގުޅި އެމީހުންނާއިއެކު ގޮތް ނިންމުމަށެވެ. އަދި “ފިކުރެއްގެ ދިރުން” ކެމްޕެއިން ޓިމުގެ ކެޑިޑޭޓު ކަނޑައަޅާނީ ފަހުންކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: