ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލަގެ ލިޔެކިއުންތައް “ރިސްޓޯ” ކުރުމަށް މުއައްޒަފުން ނަގަނީ!

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަހަރުތަކެއްވުމުގެ ސަބަބުން ހަލާކުވަމުންދާ ލިޔެކިއުންތައް “ރިސްޓޯ” ކުރުމަށްޓަކައި އެ މަސައްކަތަށް ބޭނުންވާ ތަމްރީނާއި ތަކެތި ހޯދުމަށާއި، ސިވިލް ކޮންޓްރެކްޓު އުސޫލުން ފަސް މުއައްޒަފަކު ނެގުމަށް މާލެ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ފާސްވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ރަސްމީ އާންމު ޖަލްސާގައި އެ ކައުންސިލުގެ މެމްބަރުންވަނީ ޑިޖިޓަލައިޒޭޝަން މަސައްކަތްތައް ކުރެވެމުންދާ ގޮތާއިމެދު މަޝްވަރާކޮށްފައެވެ. މޭޔަރ މުއިއްޒު ވިދާޅުވީ، އެ ކައުންސިލުގެ ބެލުމުގެ ދަށުގައި 1900 ވަނަ އަހަރުން ފެށިގެންވެސް ލިޔެކިޔުންތައް ހުރިކަމަށެވެ. މޭޔަރ ވިދާޅުވީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލިޔަކިޔުންތައް ޑިޖިޓަލައިޒް ކުރުމަށް ވަގުތު ހޭދަވެގެންދާނެކަމަށެވެ.

ކައުންސިލުގެ އަމާޒަކީ ބެލުމުގެ ދަށުގައި ހުރި އެންމެހާ ލިޔެކިއުންތައް ޑިޖިޓަލް ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް އަދި ކުރިއަށް އޮތް ހަ މަސް ދުވަހަށްވެސް ދެމިގެންދާނެކަމަށެވެ. އަދި އެއަށްފަހު މަސައްކަތްތައް ބެލެހެއްޓުމަކީވެސް ކުރަންޖެހޭނެކަމެއްކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، އެހެންކަމުން ސިވިލް ކޮންޓްރެކްޓު އުސޫލުން އެއް އަހަރުގެ މުއްދަތަކަށް މުއައްޒަފުންތަކެއް ނެގުމަށް ހުށައަޅާކަމަށެވެ. އަދި މުއްދަތު އިތުރު ކުރަންޖެހުމުން ވަޒީފާގެ ދައުރުވެސް ދިގު ކުރުމަށް ވިސްނުން ގެންގުޅުއްވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ހުށައެޅުއްވުމާއިމެދު ބަހުސްކުރެއްވުމަށް ހުޅުވާލުމާއިއެކު ގަލޮޅު އުތުރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ، މާލެ މުނިސްޕަލްޓީގެ ނަމުގައި މަސައްކަތްތައް ކުރަމުން އައި ދުވަސްވަރުގެ ލިޔެކިއުންތައް ހުރީ ފައިލްތަކުގައިކަމަށެވެ. އަދި އެކި ދުވަސްވަރު އެކި އިމާރާތްތަކަށް ބަދަލުވުންފަދަ ކަންކަމުގެ ސަބަބުން އެ ތަކެތި ހުރީ ތަރުތީބު ގެއްލިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، އެތައް ޒަމާނެއްގެ ބާރތު ސެޓިފިކެޓުފަދަ ތަކެތި ފުނިޖެހިފައި ހުރިކަމަށެވެ. އެހެންކަމުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތެރެއިން އަވަހަށް ހަލާކުވެގެންދާނެ ތަކެތި ދެނެގަނެ އެތަކެއްޗަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ހުށައެޅުއްވިއެވެ. އޭނާ ވިދާޅުވީ، އެންމެ ކުރީގައި ދޫކުރި މާލޭގެ ގޭ ތަކުގެ ރެޖިސްޓްރީ ސެޓްފިކެޓުތައް މިހާރު ހުރީ އަތްލުމުންވެސް ކުދިކުދިވެގެންދާ ހާލަތުގައިކަމަށެވެ.

ސައިފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިވެސް އެއް ޒާތެއްގެ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ޑިޖިޓަލައިޒޭޝަން މަސައްކަތްތައް ކުރިއަށް ގެންދާ އިރު، ރިސްޓޯރޭޝަން މަސައްކަތްތައްވެސް ކުރުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކީ ކުރު މުއްދަތަކެއްގެ ތެރޭގައި ތަމްރީނު ހޯދޭ މަސައްކަތެއްކަމަށެވެ. އަދި ކުރުމަށް ބޭނުންވާ ތަކެތިވެސް މާލެއިން ލިބޭކަމަށްވެސް ސައިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރަމުންދަނީ ވަރަށް ބޮޑު މަސައްކަތަކެއްކަމަށެވެ. އެހެންކަމުން އެ ކައުންސިލުގެ އާކައިވް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމުގެ ޒިންމާ އަދާ ކުރާ ބަޔަކު ތިބެންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކޮންޓްރެކްޓަށް މީހުން ނަގައިގެން ކުރާ ވަރަށްވުރެ އެ މަސައްކަތްތައް ބޮޑުކަމަށާއި އެހެންކަމުން ދާއިމީ ގޮތަށް އެކަން ކުރެވެންޖެހޭކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ދުނިޔޭގައި އެ މަސައްކަތްތައް ކުރަމުންދަނީ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވާ މީހުންކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އާކައިވް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް ދާއިމީ ގޮތުން ސްޓާފުން ނެގުމަށް ހުށައެޅި ހުށައެޅުމަށް ވޯޓު ނެގުމުން އެ ކަން ފާސްވެގެންދިޔައީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. މި ބައްދަލުވުމުގައި ކައުންސިލުގެ 14 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: