ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހިލޭ ޑިގްރީ ނެގުނަސް ވަޒީފާއެއް ލިބޭނީ ވެރިންގެ އާއިލީ މީހުންނަށް ބަހާ ނިމުމުން”

ރައީސް ސާލިހު އަދި މިނިސްޓަރު ފައްޔާޒު: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއް ކުރުމުގެ ސަބަބުން ޖަލަށް ދިއުމަށް ފަހު ނޫނީ ވަޒީފާއެއް ލިބުން އެއީ ދަތިކަމަކަށްވެއްޖެއެވެ. މިއަދު ދިވެހި ޒުވާނުންގެ ތެރޭގައި މަޖަލަކަށް ނަމަވެސް ދެކެވެމުންދާ މިވާހަކައިގައި ތެދުތަކެއް އެކުލެވިގެންވެއެވެ.

ސަރުކާރުން ހިންގަމުންދާ ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމުގައި ބޮޑެތި ކާމިޔާބީތައް ލިބިފައިވާކަން ފާހަގަކުރެވޭއިރު، އަދިވެސް ދިވެހި ޒުވާނުންގެ ގިނަ އަދަދެއްގެ މީހުންނަކީ އެކަށީގެންވާ އާމްދަނީއެއް ލިބި އަމިއްލަ ފައި މައްޗަށް ތެދުވެ މައިންބަފައިންނަށް ބުރަ ނުވާ ފަދަ ހަޔާތެއް ދިރިއުޅެމުންދާ ބަޔަކަށް ނުވުމީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އެހެންނަމަވެސް ވަޒީފާގެ ބާޒާރު އިތުރަށް ފުޅާ ކުރެވިފައިވާ ވާހަކަތައް އިވިގެންދަނީ މަދަކުންނެއް ނޫނެވެ.

ދެވަނަ ފުރުސަތެއް ފަހިކޮށްދިނުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށްވާއިރު، ޒުވާނާ އެފަދަ ހާލަތަކަށް ވެއްޓި ދިއުމުގެ ކުރިން، މެދުވެރިވެދާނެ އެންމެހާ ކަންކަން އެވެރިންގެ ކުރިމަތިން ނައްތާލުމަކީ ގައުމު ބިނާ ކުރުމުގެ ޒިންމާ އަދާކުރަމުންދާ ފަރާތްތަކުގެ މައްޗަށް ކޮންމެހެންވެސް ލާޒިމު ކަމެކެވެ. އެހެންކަމުން ދެވަނަ ފުރުސަތަކަށް އެދެން ޖެހުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް ވަޒީފާގެ ފުރުސަތު ފަހިވެފައި އޮތުން ކޮންމެހެންވެސް ބޭނުންތެރިއެވެ. އެފަދަ ފުރުސަތެއް ނުލިބުމުގެ ސަބަބުން ޒުވާނަކު ނޭދެވޭ މަގަކަށް ނާޅާނެކަން ކަށަވަރުކުރެވިފައި އޮތުމަކީ ގައުމެއްގެ ކުރިމަގު ބިނާ ކުރުމަށްޓަކައި ކޮންމެހެންވެސް ކުރެވިފައިވާންޖެހޭ މުހިންމު ކަމެކެވެ.

މިއަދު މި ކަންބޮޑުވުމުގެ ވާހަކަތައް އިވެމުންދަނީ އާންމުންގެ ތެރެއިން އެކަންޏެއް ނޫނެވެ. އާންމުންގެ ތެރޭގައި މި މައްސަލައަށް އޮތް ކަންބޮޑުވުން އިތުރުވެފައިވާ ވަރު ހާމަވަނީ މަޖިލީހުގެ ބައެއް މެމްބަރުންވެސް އެ ވާހަކަތައް ތަޅުމުގައި ތުހުމަތު ތަކުގެ ގޮތުގައިވެސް ދައްކަވަމުން ގެންދާތީއެވެ. ދާދި ފަހުން ފުލުހުންގެ މުއައްސަސާގެ ވަޒީފާއަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހަމަވާންޖެހޭ ޝަރުތުތަކާއި ސިފަތައް އިސްލާހުކުރުމަށާއި ޝަރުތުތައް ހަމަވުން އިހުތިޔާރީކަމަކަށް ހެދުމާއި ގުޅޭގޮތުން ބަހުސްއެއްކުރެވުނު އިރުވެސް މެމްބަރުންވަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރެވެމުންދަނީ ދެވަނަ ފުރުސަތު ޕްރޮގްރާމްއަށާއި ޝަރުތު ހަމަނުވާ މީހުންނަށް ވަޒީފާ ދިނުމުގެ މަގުސަދުގައިތޯ ސުވާލު އުފައްދާފައެވެ.

އިވިގެންދިޔައީ ނުރައްކަލުގެ ރަނގަބީލެކެވެ. މިއަދު ގިނަ އަދަދެއްގެ ކުދިން ދަނީ ބޭރު ގައުމުތަކުން ތައުލީމު ހާސިލު ކުރަމުންނެވެ. ގިނަ އަދަދެއްގެ ކުދިންނަކީ އެކި ގޮތް ގޮތުގެ މަތިން ލޯނު ނަގައިގެން އެ ފުރުސަތު ފަހި ކުރި ކުދިންނެވެ. ނުވަތަ އެއީ މައިންބަފައިންގެ ބޮޑެތި ގުރުބާނީތަކެއްގެ ނަތީޖާއެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތަކީ ވަކި އަދަދަކަށް ހުންނަ އެއްޗެއްކަމަށްވާއިރު، މި ދެންނެވި ބުރަތައް ތަހައްމަލުކުރުމަށްފަހު ނުހަނު އުންމީދާއިއެކު ތައުލީމީ ހަޔާތް ނިންމައި ރާއްޖެ އަނބުރާ އަންނަ ޒުވާނާއަށް ވަޒީފާއެއް ނެތް ނަމަ، އަދި ހާސިލު ކުރި ތައުލީމުގެ ބޭނުމެއް ހިފުމަށް ޖާގައެއް ނެތްނަމަ، ވަރަށްވެސް ހިތާމަވެރިއެވެ.

މައްސަލައަކީ ދެވަނަ ފުރުސަތެއް ދިނުމެއް ނޫނެވެ. އެހެންނަމަވެސް ސިޔާސަތު އެކުލަވާލެއްވި ވިސްނުންތެރިންގެ ވިސްނުމެވެ. ވޯޓު ހޯދުމުގެ މަގުސަދުގައި ކުއްލިއަކަށް މޮޅެތި ފިޔަވަޅުތައް އަޅާތީކަމަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި ފަހުން އިވިގެންދިޔަ މިފަދަ އެއް ވާހަކައަކީ ޒުވާނުންގެ ތެރެއިން ވަޒީފާ ބޭނުން ވަނީ ދެތިން ބައެއްކަމަށް ބުނި ވާހަކައެވެ. މި ސަރުކާރުގެ ފަރާތުން ޒުވާނުންގެ ކަންކަން ބިނާކުރުމާއި ހަވާލުވެ ހުންނެވި ޔޫތު މިނިސްޓަރު ވިދާލުވި ގޮތުން ޒުވާނުން ބޭނުންވަނީ ކުޅިވަރު ކުޅެންށެވެ.

އެހެންނަމަވެސް ދިވެހިރާއްޖެވެސް ހިމެނޭހެން ދުނިޔެ މަތީގައި އެކި ދާއިރާތަކުން ޒުވާނުން ހާސިލު ކުރަމުންދާ ކުރިއެރުންތަކަށް ބެލުމުން އެ ވާހަކަތަކުގެ ފަހަތުގައި އޮއްޓަރެއް ނެތްކަން ހާމަވެއެވެ. އަދުގެ ޒުވާނުް ޖީލުތަކުންދަނީ ދުނިޔޭގެ އެކި މައްސަލަތަކަށް އީޖާދީ ހައްލުތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. ތިމާވެށި ރައްކައުތެރި ކުރުމުގެ މަސައްކަތްތަކުން ފެށިގެން ގައުމާއި ބައިނަލްއަގުވާމީ ސިޔާސަތުތައް އެކުލަވާލުމުގައިވެސް ގިނަ އަދަދެއްގެ ޒުވާނުންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ކުޑަ މިނުން ދިވެހިރާއްޖޭގައި އެކުލަވާލާފައިވާ ސިޔާސީ ޕާޓީތަކަށް ބެލުމުންވެސް މި ހަގީގަތް ފެނިގެންދާނެއެވެ. ޔޫތު ވިންގުތަކުގައި އެކި ޒިންމާތައް އަދާކުރަމުންދާ ޒުވާނުން އެކަން ކުރަމުންދަނީ މަޖަލަކަށް ނޫނެވެ.

އެމީހުން އެކަން ކުރަމުންދަނީ ފެންނަ މަންޒަރުތަކުގެ ސަބަބުން ކުރިމަގާއިމެދު ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުންނެވެ. ދެންނެވި ގޮތަށް ކުޅިވަރު ކުޅެން ތިބެން ވަރަށްވެސް ފަސޭހަވާނެއިރު ގައުމު ބަނގުރޫޓުވެދާނެކަމުގެ ވާހަކަތައްވެސް އިވިގެންދިއުމާއެކު މިއަދު ދިވެހި ޒުވާނުންވެސް މަސައްކަތްކުރަމުންދަނީ ކަނޑުވަމުންދާކަމަށް ފެންނަމުންދާ ދިވެހި އޮޑީގެ ހުންގާނާއި ސަމާލުވެ، ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި މި ދެންނެވި ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަންވެފައި ހުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން ތިބީ އޭނާގެ ވިސްނުންތެރިކަމާއި ނުބައްދަލު ވަޒީފާއެއް ނުވަތަ ވަޒީފާ ގަނޑެއްވެސް ނުލިބިފައެވެ.

މިހާރު ބޮޑެތި މަގާމުތަކުގައި ތިއްބެވި ފަރާތްތަކަކީ އެ ވަޒީފާތައް އަދާކުރުމުގައި އެންމެ ގާބިލު ބައެއްނަމަ، މިއަދު ރާއްޖެ ބަނގުރޫޓުވެދާނެ ވާހަކައެއްވެސް ނީވޭނެއެވެ. ގައުމުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް އިތުރަށް ބުރަވެގެންދާ ގޮތަށް ފިޔަވަޅުތަކެއް އަޅާކަށް ނުޖެހޭނެއެވެ. އިގްތިސާދީ ހާލަތު ނުރަނގަޅުވުމުގެ ސަބަބުން ތާއަބަދު ލޯނު ނަގަންޖެހި އެހެން ގައުމުގެ ދަށުވެދާނެކަމުގެ ބިރު ހީވެފައިވެސް ނޯންނާނެއެވެ.

މައްސަލަތައް ދިމާވާ އިތުރު ސަބަބުތަކުގެ ވާހަކަތައްވެސް މެމްބަރުންގެ ކިބައިން އިވިގެންދެއެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭ އުމުރުގެ މީހުން ތިބި އަދަދާއި އަޅާ ކިޔާއިރު އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާގެ އަދަދު ބޮޑުތަނުން މަދުވާއިރު، ނާގާބިލު ވިޔަސް އާއިލީ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ދެމުންދާނަމަ ހިލޭ އަދި އެހެނިހެން ގޮތް ގޮތުންވެސް ބުރަ މަސައްކަތްތަކެއް ކުރުމަށް ފަހު ތައުލީމު ހާސިލު ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކެއް ނުހުންނާނެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގައި ވަޒީފާއެއް އިއުލާނުކުރުމުގެ ކުރިން މެމްބަރުން ފަދަ ނުފޫޒު ގަދަ ބޭފުޅުންނަށް އަންގަންޖެހެއެވެ. އަދި ވަކި މީހެއް ވެއްދުމުގެ ނިޔަތުގައި ޝަރުތުތަކަށް ބަދަލުތައް ގެނައި ވާހަކަތައްވެސް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މިއީ އިންތިހާއަށް ދެރަ މައްސަލައެކެވެ. މާލީ ހާލަތު ތަން ނުދޭ މިންވަރަކަށް ފައިސާ ހޭދަކުރުމަށްފަހު އިލްމު އުނގެނިގެން ގައުމަށް އެނބުރި އަންނަ ގާބިލު ޒުވާނާއަށް ވަޒީފާ ނުލިބި ދިއުމުގެ ސަބަބުން ވަޒީފާއަކަށް ނުކުމެ ހަޔާތެއް ބިނާ ކުރުމުގެ މަސައްކަތްތައް ފެށިގެން ދިއުމުގެ ކުރިން ދަރަނިވެރިއެއްގެ ގޮތުގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރަންޖެހިދެއެވެ. ދަރިފުޅު ކިޔަވައިގެން އައިސް މައިންބަފައިންނާއި އާއިލާގެ ބުރަތަކަށް ލުއިތަކެއް ގެނެސްދޭނެކަމަށާއި ތަނަވަސްކަމެއް އިހުސާސްކުރެވިގެންދާނެކަމުގެ އުންމީދާއިއެކު ލިބޭ މަދު ލާރިކޮޅުން ތައުލީމެއް ލިއްބައިދިން މައިންބަފައިންގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ގޯސްވެގެންދެއެވެ.

ދެން ފެނިގެންދަނީ އެއްކަލަ އިލްމީ ޒުވާނާ ގޮތް ހުސްވެ، މަގުތައް މަތީގައި މަންފާއެއް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރާ މަންޒަރެވެ.ވަޒީފާއަށް ގޮސް ރީތި ގޮތުގައި އާމްދަނީއެއް ހޯދުމުގެ އެއް ފުރުސަތެއްވެސް ނުލިބި ހުރުމަށްފަހު އޭނާ އަކީވެސް ދެވަނަ ފުރުސަތަކަށް އެދެން ޖެހިފައިވާ މީހެއްގެ ގޮތުގައިވެސް ފެނިގެންދެއެވެ. މިއަދު ދިވެހި ޖަލުތަކުގައި ދުވަސް ގުނަމުންދާ އެތައް ޒުވާނުންކީ ގައުމަށް ފައިދާހުރި އެތައް ކަމެއް ކުރެވިދާނެ ބައެއް ކަމަށްވާއިރު، އެ މަސައްކަތްތަކުގައި އަހުލުވެ އުޅެވިދާނެ އެތައް ދުވަހެއް ޖަލުގައި އެދަނީ ބޭކާރުވަމުންނެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މިކަމުގެ ސަބަބުން އެތައް އާއިލާއެއް ނިިކަމެތިވެއްޖެއެވެ.

މީގެ އިތުރުންވެސް ނުހައްގުން ވަޒީފާ ހޯދައިދިނުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެއެވެ. މިއަދު ސިޔާސީ މަގާމުތަކުގައި އެތައް ބައިވަރު ބަޔަކު އުޅެމުންދާއިރު،  ފުރިހަމަ މިސާލުތައް ފެނިގެންދެއެވެ. ވަޒީފާގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި އުޅެނީ ކެމްޕެއިންގައެވެ. އަދި އޮފީހަށް ހާޒިރު ނުވާ ވާހަކަތައްވެސް އިވިގެންދެއެވެ. އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރައިގެ ގޮތުގައި ބޮޑެތި އަދަދުތަކުން ހޭދަވެގެންދާއިރު، ބަދަލުގައި ގައުމަށާއި ރައްޔިތުންނަށް ރިޓާރން އިންވެސްޓުމެންޓެއް ލިބިގެންނުދެއެވެ. އަދި މަސައްކަތްތައްވެސް ނުކުރެވި ހުރުމުގެ ފުރުސަތުތައް ފުޅާވާއިރު، މަޝްރޫޢުތައް ހިންގުމުގެ ތެރޭގައި ބޮޑެތި އިހުމާލުތައް ވުމާއި އެކަމުގެ ސަބަބުން އިޔާދަ ނުވާ ވަރުގެ ގެއްލުންތައް ލިބިދިއުމުގެ ފުރުސަތުވެސް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: