ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މި ގައުމުގައި ވަޒީފާއެއް ނެތް”

ރާއްޖޭގެ ވެރިރަށް މާލޭގެ މަގުތައް މަތީ ރައްޔިތުންތަކެއް ނިދާފައިތިބި މަންޒަރު: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވަޒީފާ ހޯދުމުގެ ދަތިތައް ހުރިކަމުގެ ޝަކުވާތައް ވަރަށް ގިނައިން އިވެއެވެ. ޒުވާނުން ނޫނަސް އެކި އުމުރު ފުރައިގެ މީހުން މި ވާހަކަތައް ދައްކަމުންދަނީ ވަރަށްވެސް ކަންބޮޑުވުމާއިއެކުއެވެ. ހަގީގަތުގައިވެސް ދިވެހިރާއްޖޭގައި މިފަދަ ދައްޗެއް އެބަ ހުއްޓެވެ. އެހެންނަމަވެސް އެކަން ވެގެންދަނީ މަގުބޫލު ސަބަބުކަމަށް އެ ބުނާ “ސަރުކާރު އިސްވެރިންގެ އާއިލާ މީހުންނަށް” ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ސަބަބުން އެކަނި ކަމަށް ބުނެ ފަރުޖެއްސެން ނެތެވެ. އާއިލީ ބޭފުޅުންނަށްވެސް ވަޒީފާގެ ފުރުސަތުތައް ފަހިކުރަމުންދާކަމަށް ވެދާނެއެވެ. އެހެންނަމަވެސް ވަޒީފާގެ މާހައުލުގެ ތެރެއިން ޖާގަ ހޯދުމުގެ ދަތިކަން ކުރިމަތިވާ އެހެނިހެން ސަބަބުތައްވެސް އެބަ ހުއްޓެވެ. އެ ސަބަބުތަކުގެ މަތިން ނަޒަރު ކައްސާލަމުންދަނީ އެކަންކަމަށް އެއްބަސްވުމަށް ބޭނުން ނުވާތީ ނުވަތަ އެއްބަސްވާން ދަތިވުމުންކަމަށްވެސް ވެދާނެއެވެ.

ވަޒީފާ ނުލިބުމުގެ މައްސަލަ ނުވަތަ ވާހަކަތައް ދެކެވެންޖެހޭ ނުވަތަ މި މައްސަލަ އުފެދުމަށް މެދުވެރިވަނީ ވަޒީފާ ދޭ ފަރާތްތަކާއި ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކު އިތުރުން މުޖުތަމައުގެވެސް ސަބަބުންނެވެ. ހިތް ހަމަ ނުޖެހުނަސް މިއީ މި ހިޔާލު ނިމިގެންދާއިރު ސަފުވާނެ ހަގީގަތެކެވެ.

ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން ދަށް ގައުމުގެ ގޮތުގައި ސިފަކޮށް ސިޔާސީ އަދި އެހެނިހެން ބޭފުޅުންވެސް ވާހަކަދައްކަމުންދާ އަޑު މިހާރަކަށް އައިސް ވަރަށް ގިނައިން އިވިގެންދެއެވެ. ހާއްސަކޮށް އިގްތިސާދީ ކާރިސާގެ ތެރެއިން އަރައި ނުގަނެވިފައިވާ ސަބަބުތައް ބަޔާން ކުރުމުގެ ތެރެއިން އޮޅުމަކުން ނަމަވެސް ރާއްޖެ ސިފަކުރަނީ އަރައިގަތުމަށް ބޭނުން ކުރެވޭނެ ވަސީލަތްތައް ނެތް ގައުމެއްގެ ގޮތުގައެވެ. މިއީ އޮޅުވާލައިގެން ދައްކަމުންދާ ވާހަކައެއް ނުވަތަ އޮޅިގެން ދެކެވޭ ވާހަކައެއް ކަމަށް ބުނެވިދާނެއެވެ.

ދިވެހިންނަށް ލިބިފައިވާ އަތްތެރިކަމުގެ ހުނަރުތަކަކީ ނަމޫނާއެއް ގޮތުގައި ފެނިގެންދާ ފަހުރުވެރި ކުރުވާ މަސައްކަތްތަކެކެވެ. ފަންގި ވިޔުން އަދި އެހެނިހެން ބުރަ މަސައްކަތްތައް ދިވެހިން ކުރަމުންދިޔައީ ވަރުބަލި ކަމެއް ނެތިއެވެ. ދިވެހިންގެ އަމިއްލަ އަތުން ބަންނަ ދޯނިތައްވެސް އެއީ ހަމަ ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކެވެ. އިހު ޒަމާނު ގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް ގިނަ އަދަދެއްގެ ދޯނި ބަނދެ މަސްވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހީ ހަމަ ދިވެހިން އަމިއްލައަށެވެ. އެއްވެސް އެހެން ބައެއްގެ އެހީއެއް އެކަމުގެ ތެރެއިން ބޭނުންވެފައެއްވެސް ނޯންނާނެއެވެ. މި ދެންނެވި ކުޑަ މިސާލުވެސް މި ހިޔާލު ބޭނުމަށް ފުދޭނެކަމަށް ބަލާނަމެވެ.

އަޅުގަނޑުމެން އެންމެވެސް މިއަދު މި ދިރިއުޅެމުންދަނީ ކާބަފައިންގެ ބުރަ މަސައްކަތްތަކުގެ ނަތީޖާތަކުގެ މަތީގައެވެ. ކާބަފައިން ބިނާކޮށްދެއްވި ދިވެހިރާއްޖެއަށް މިހާރު ކުރިއެރުންތަކެއްވެސް ގެނެސްފައިވާކަމަކީ ހަމަ ހަގީގަތެކެވެ. އެހެންނަމަވެސް ބާރު ރޭޓެއްގައި ކުރިއަށް ދަމުން ގޮސް ދުވެލި މަޑުވެ، ދުނިޔޭގެ އޮއެވަރުގައި ޖެހި ދިވެހި އޮޑީގެ މިސްރާބުވެސް ގެއްލި ގޮސްދާނެކަމުގެ ވާހަކަތައް މިއަދު އިވެމުންދެއެވެ. އޮޅިގެންދަނީތޯ ނުވަތަ އޮޅުވާލަނީތޯ މިއީ ބައެއް ފަހަރު ކުރެވޭ އަޑު އިވިގެންދާ ސުވާލެކެވެ. އަޑު އަހަން ބޭނުން ނުވާ ދެރަ ސުވާލެކެވެ. ސުވާލު ކުރެވެމުންދަނީ މިހާރު ދިވެހިރާއްޖޭގެ ތަރައްގީގެ އަޑީގައި ބޭރު ގައުމުތަކުގެ ގިނަ އަދަދެއްގެ މުއައްޒިފުން ތިބުމުންނެވެ. މިއީ އެއްވެސް ހާލަތެއްގައި މައްސަލައެއް ނޫންނަމަވެސް އެ ސުވާލު އުފެއްދުމުގެ ޖާގަ އޮތުމަކީ ވަރަށްވެސް ބޮޑު މައްސަލައެކެވެ. ސުވާލު އުފެއްދެނީ ބޭރު ގައުމުތަކުގެ މީހުންނަށް ކުރެވޭ އިތުބާރާއިމެދު އެއް ނޫނެވެ. އުފެއްދެނީ ދިވެހިރާއްޖޭގެ ކުރިމަގާއިމެދުއެވެ.

ގައުމީ  ބޮޑު ވާހަކައެއްގެ ގޮތުގައި ދެކެވެމުންދާ ވަޒީފާ ހޯދުމުގެ ދަތިކަމުގެ ވާހަކަތައް ފެށިގެން އަންނަނީވެސް މި ސަބަބަށެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބެލި ނަމަވެސް ގައުމުން ބޭރު ބޭފުޅެއްގެ މޫނު ނުފެނި ދާނީ މަދު ފަހަރަކު ކަމަށް ބުނެވިދާނެއެވެ. ދިވެހިންގެ އުޅަނދުތައް ދުއްުވުމަށް ބޭނުން ކުރާ މަގުތައް ބިނާ ކުރުމަށްވެސް ނުކުމެ ބުރަ މަސައްކަތްތަކެއް ކުރަމުންދަނީ ހަމަ ބިދޭސީ މުއައްޒިފުންނެވެ. ބޯލާނެ ސައި ތަށްޓެއް ހޯދާލުމަށް ބޭނުން ވެގެން ގޮސް ވަންނަ ހޮޓަލުގައި ނުވަތަ ކެފޭ ރެސްޓޯރެންޓުގައި އެ ހިދުމަތް ދިނުމަށްވެސް ގިނަ ފަހަރެއްގެ މަތިން ހުންނީ ހަމަ ބޭރު ގައުމަކަށް ނިސްބަތްވާ މީހެކެވެ.

ބޮޑު އަގު ދީގެން ބިނާ ކުރާ ބިޔަ އިމާރާތްތައް ރާނާއި ދިރުއުޅެވޭ މާހައުލެއްގެ ގޮތުގައި ގާއިމުކޮށްދިނުމަށްވެސް ހަމަ ރެޔާ ދުވާލު މަސައްކަތްކުރާ ތަން ފެނިގެންދަނީ ދިވެހިންނެއް ނޫންކަމަށް ބުނުމީވެސް ދޮގަކަށް ނުވާނެއެވެ. މީގެ އަހަރުތަކެއް ކުރިން މި ހިސާބުން މި ވާހަކަތައް ނިމުނު ނަމަވެސް މިއަދު ނިމޭކަަށް ނެތެވެ. އަމިއްލަ ވިޔަފާރިތަކާއި އޮފީސް އޮފީހުގައިވެސް އެކި މަގާމުތަކުގައި މިއަދު ގިނަ އަދަދެއްގެ ބިދޭސީން ފެނިގެންދެއެވެ. އޮފީހުގެ މެސެންޖަރުން ފެށިގެން ކައުންޓަރުތަކާއި ސޭލްސް މަނުންގެ އިތުރުން އެކައުންޓަންޓުންނާއި މެނޭޖުމަންޓު ލެވެލްގައިވެސް މިއަދު ގިނަ އަދަދެއްގެ ބޭރު ބޭފުޅުން ހަމަ ބުރަކޮށް އުޅުއްވެއެވެ. އަދި ޒަމާނުއްސުރެ ދިވެހިންގެ ފަހުރު ގޮތުގައި އޮތް މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިންވެސް މިއަދު ދިވެހިންގެ މޫނުތަކާއި އެއްވަރަށް ބިދޭސީންގެ މޫނުތައްވެސް ފެނިގެންދާން ފަށައިފިއެވެ.

ދިވެހި ސަގާފަތާއި ދިވެހިވަންތަކަށް ތަޖުރިބާކޮށްލުމަށް ދިވެހިރާއްޖެއަށް ވަޑައިގަންނަ ބޭރު ގައުމުތަކުގެ ފަތުރުވެރިންނަށްވެސް މިއަދު އެ ތަޖުރިބާތައް ލިބިގަތުގައިމުގައި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަން ހަމަ ކަށަވަރެވެ. ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެވެސް މައި ރޯލުތަކެއް އަދާ ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީ މުއައްޒިފުން އުޅޭކަމަކީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މިއީ އަދުގެ ހާލަތެވެ.

ދިވެހިރާއްޖެއަށް ގެނެވޭނީ ކޮންމެ ގައުމަކުންވެސް ވަކި އަދަދެއްގެ މަސައްކަތްތެރިން ނުވަތަ މުއައްޒިފުންކަމަށްވާއިރު، ބައެއް ގައުމުތަކަށް ކަނޑައެޅިފައިވާ ކޯޓާގެ އަދަދު ހަމަވެ، މިހާރު އަނެއް ގައުމުތަކުގެ ކޯޓާތައްވެސް ހަމަވަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް އިވިގެން އެބަދެއެވެ. ވަޒީފާއެއް ނެތޭ ބުނާ ވާހަކައިގެ ފަހަތުގައިވާ ސަބަބަކީ މިއީއެވެ. ދިވެހިންނަށްވެސް އަދާ ކުރެވިދާނެ ގިނަ އަދަދެއްގެ ވަޒީފާތަކާއިގެން ސަމާލުވެ ތިއްބެވީ ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ދިރިއުޅެމުންދާ މަސައްކަތްތެރިންނެވެ. އެހެންކަމުން ވަޒީފާ ހޯދުމުގައި ދަތިތައް ދިމާވާނެކަންވެސް ޔަގީނެވެ.

އެހެންނަމަވެސް ވިސްނާލުން މުހިންމު ކަމެއް އެބަ އޮތެވެ. މިއަދު މި ހާލަތު މެދުވެރިވީ ކޮން ސަބަބަކާއި ގުޅިގެންތޯއެވެ؟ “ދިވެހިންނަކީ ކަންނެތް ބައެއް” މިހެން ބުނެ އުޅޭ އަޑު އިވެއެވެ. ގަދަ އަވީގައި ނަމަވެސް މަގުތައް ބިނާ ކުރުމުގެ މަސައްކަތްތައް ކުރުން އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. މި ދެކެވެނީ ރާއްޖޭގެ ތަރައްގީގެ ވާހަކައެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން އެފަދަ މަސައްކަތްތަކުގައި ޝާމިލުވާން ބޭނުންވާ މީހުންގެ އަދަދުތައް މަދުވާނެކަން ކަށަވަރެވެ. ޒަމާނުއްސުރެ އަށަގަނެފައިވާ ވިސްނުމެއް މުޖުތަމައުގެ ތެރޭގައި އޮތުމުންނެވެ.

ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ރިވެތިކަން ބިނާވެފައިވަނީ މީހެއް އަޅާ ހެދުމުގެ މައްޗަށެވެ. މުޖުތަމައުގެ ތެރޭގައި ބައެއް ވަޒީފާތައް ބަލައިގަންނަނީ “ދަށު ދަރަޖައިގެ” މަގާމުތަކެއްގެ ގޮތުގައެވެ. އެހެންކަމުން މައިންބަފައިން އެމީހުންގެ ދަރިން ތައްޔާރު ކުރަމުންދަނީ ހުދު ގަަމީހެއް ލައި ކަރުގައި ޓައިއެއް އަޅައިގެން ގޮސް ފިނި ކޮޓަރިއެއްގައި އިނުމަށެވެ. އެ ނޫން ވިސްނުމެއް ގެންްގުޅޭ ޒުވާނަކު ވެގެންދަނީ މުޖުތަމައުގެ ތެރޭގައި ބަލައިގަންނަ މިންގަނޑުތަކަށްވުރެ ދަށުގައި އުޅޭ ކުއްޖަކަށެވެ. އެހެންކަމުން އެފަދަ ވަޒީފާތަކާއި ގިނަ ޒުވާނުން ދުރުހެލިވެއެވެ. މިއީ އިންތިހާއަށް ދެރަ މައްސަލައެކެވެ. ވަޒީފާއެއް ވާނީ ވަޒީފާއަކަށެވެ. ފިނަ ކޮޓަރިއެއްގައި އިނަސް ދޭހާ އަތްވެއްގެ ދަށުގައި އިނަސް ހަލާލު އުޖޫރައެއް ހޯދުމަކީ ހަމަ ތަރުހީބު ދޭންޖެހޭ ކަންކަމެވެ.

އެ ބުނާ “ކަންނެތް” ކަމަކީ މުޖުތަމައު ބައްޓަންވެފައިވާ ގޮތުގެ ސަބަބުން ދިވެހި ޒުވާނުންގެ ތެރޭގައ ޒަމާނުއްސުރެ އަށަގަންނަމުން އަންނަ ވިސްނުންތަކެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އާހިރުގައި ފިނި ކޮޓަރިއެއްގައި އިންދެގެން މަސައްކަތް ކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލާ މީހާ ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި އެ ކުރާ މަސައްކަތާއި، އެ މަގު ޗާޓާއި އެއް ގޮތް ވާގޮތުގެ މަތިން އަތްތެރިކަމުގެ ހުނަރު ބޭނުންކޮށް އެ އެއްޗެއް ބިނާ ކުރާ މީހާ ކުރާ މަސައްކަތްވެސް އެއީ ހަމަ އެއް ވަރަކަށް މުހިންމު ދެކަމެކެވެ. ރޭވުންތެރިކަމެއް ނެތި ކުރާ މަސައްކަތެއްގެ ފުރިހަމަކަމެއް ނުހުންނާނެހެން، ރާވާ ރޭވުމާއި އެއްގޮތް ވާގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުނަރު ނެތްނަމަވެސް ކުރާ މަސައްކަތެއް ފުރިހަމަ ނުވާނެކަން ކަށަވަރެވެ.

މި ދެންނެވި ފަދަ ނޭދެވޭ ވިސްނުންތަކެއް އަށަގެންނެވުމުގެ ސަަބަބުން މިއަދު ދިވެހި ޒުވާނުން ބޭނުންވަނީ ވަކި ވައްތަރެއްގެ ވަޒީފާތަކެކެވެ. ވާނީވެސް އެހެންނެވެ. އެންމެންނަކީވެސް މުޖުތަމައުގެ ތެރޭގައި އިހުތިރާމް ލިބި ޖާގައެއް ލިބިފައިވާ މީހަކަށް ވާން ބޭނުންވާނެ މީހުންނެވެ.

މިކަމުގެ ތެރޭގައި ވަޒީފާ ދޭ ފަރާތްތަކުގެވެސް އިހުމާލުތަކެއް އެބައޮތެވެ. ފައިސާ އޮހުނަސް “ދިވެހިންނަކީ މުށްބާރު” ބައެއް ކަމަށް ބުނާ އަޑު ކުޑަ އިރުއްސުރެ އިވެމުން އައިސް މިއަދު ބައެއް ކުންފުނިތަކަށް ބަލާލުމުން އެ ވާހަކަތައް ސިފަވެގެންދަނީ ހަގީގަތެއް ފަދައިންނެވެ. ކުޑަ އުޖޫރައެއް ދީގެން ބަޔަކު ލައްވާ ގިނަ، ބުރަ މަސައްކަތްތަކެއް ކުރުވުމުގެ ބޭނުމުގައި ފެނިގެންދަނީ ގައުމުގެ ތަރައްގީގެ ދުވެލި އަދި މިސްރާބާއިމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ފަހިކުރާ މަންޒަރު. މިއީ އެއްވެސް ހާލަތެއްގައި ބޭރު މަސައްކަތްތެރިންނަށް ބުނާ ދެރަ ބަހެއް ނޫނެވެ. އަދި ޝައްކެއްގެ ނަޒަރަކުންވެސް ދައްކާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އެ ގައުމެއްގެ ތަރައްގީއަށް އަދި އެ ގައުމުގެ ކުރިމަގު ކަށަވަރު ކުރުން އެންމެ މުހިންމު ވާނީ އެ ގައުމެއްގެ ރައްޔިތުނަށެވެ. މިއީ ދުނިޔޭގެ ހަގީގަތެވެ.

ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުއައްޒިފުން ކުރާ މަސައްކަތާއި ނުބައްދަލު އުޖޫރަތައް ދެމުންދާއިރު، އެ ނުބައްދަލު އުޖޫރަ ދިނުމުގެ ބޭނުމުގައި މަސައްކަތުގެ މާހައުލުގެ ރީތިކަން ގެއްލުވާލާފައިވާ މަންޒަރުވެސް ބައެއް ފަހަރު ފެނެއެވެ. މުޖުތަމައުގެ ތެރޭގައި އެ މަސައްކަތަކަަށް އޮތް އިހުތިރާމު ގެއްލުވާލަމުންދާ މަންޒަރުވެސް ފެނެއެވެ. ބުރަ މަސައްކަތްތައް ކުރުމަށް މި ގައުމަށް އަންނަ ބިދޭސީ މުއައްޒިފުނަށް އިހުތިރާމެއް ނެތި ޖައްސަމުންދާ ހާލާއި އެކު، އެ މަސައްކަތްތެރިން އެ އަދާ ކުރާ ވަޒީފާ އަދި މަގާމަށް މުޖުތަމައުގެ ތެރޭގައި ކުރެވޭ އިހުތިރާމް ކުޑަވެގެންދެއެވެ. މިއީ އިންތިހާއަށް ދެރަ މައްސަލައެކެވެ. ފަސް އިނގިލި އެއްވަރެއް ނޫންކަން އެންމެހާ ރައްޔިތުންނަށްވެސް އެނގޭނެ ފަދައިން އެކި މީހުން އެކި ކަންކަމުގައި ކުރިއަރައިގެންދާނެކަމީވެސް ޝައްކެއް ނެތް ކަމެކެވެ. ގައުމުގެ ތެރޭގައި ކުރެވޭ ކޮންމެ މަސައްކަތަކީވެސް މުހިންމު އެހާމެއް ބޭނުންތެރި ކަންކަމެވެ. ބޭކާރު ކަމެއް ނަމަ ނުވަތަ ރައްޔިތުންނަށް އެކަމެއްގެ ބޭނުން ތެރި ކަމެއް ނެތް ނަމަ، އެ މަސައްކަތެއް ގައުމުގެ ތެރޭގައި ކުރާ މަންޒަރެއް ނުފެންނާނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މަސައްކަތަކުގެ މާހައުލަކީ ދިވެހި ޒުވާނުން އެކަމަށް ޝައުގުވެރިވާ އަދި ފަހުރުވެރިކަމާއި އެކު ގޮސް އުޅެވޭނެ ތަނަކަށް ހެދުން މުހިންމެވެ.

މިއީ ރައްޔިތުން ގޮތް ހުސްވެ ނޭދެވޭ އަމަލުތަކަށް އަރައިގަތުމުގެ މަގު ބަންދު ކުރުމަށްވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. އެންމެހާ ރައްޔިތުންނަށްވެސް އެ މީހަކުގެ ކިބައިގައި ހުރި ހުނަރާއި ގާބިލުކަމާއި ގުޅުން ހުރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ފަހި ކުރުން އިންތިހާއަށް މުހިންމު ވާ ގޮތަށް، މުޖުތަމައުގެ ތެރޭގައި ވަޒީފާތައް “ފަންތި” ކޮށް “ދަށު ދަރަޖައިގެ” ވަޒީފާތަކެއްގެ ގޮތުގައި ބަލައިގަންނަ ބަލައިގަތުންވެސް ހުއްޓުމަކަށް ގެންނަން ޖެހެއެވެ. އަދި ޒުވާނުންވެސް ހިތްތިރިވެ ލިބޭ މިންވަރައިގެން ޝުކުރުކޮށް ރީތި ގޮތުގައި ގައުމައިގެން ކުރިއަށް ދިއުމަކީ މުހިންމުކަމެއް ކަމަށްވާއިރު، ގައުމުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ނެތި ޒުވާނުންނާއި އެފަދަ މާހައުލެއްގައި ޝަމިލުވާން ބޭނުންވާ ގާބިލު މީހުން ތިބެން ނުޖެހޭކަން ކަށަވަރު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންވެސް މަސައްކަތްކުރުން އެހާމެ މުހިންމެވެ. މި ދެކެވެމުންދަނީ ދިވެހި އޮޑީގެ ހުންގާނުގައި ހިފަހައްޓާނެ ދިވެހި ދަރިން ބިނާ ކުރުމުގެ ވާހަކައެވެ. މިއީ ކުޑަ ކަމެއްގެ ގޮތުގައި ބަލައިގަނެ ދޫކޮށްލެވޭނެ ވާހަކަތަކެއް ނޫނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: