ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ކުރިމަގު “ޕާޓޭއިން” ގޮތުގައި ލޭބަލް ކުރުން ހުއްޓާލަން ޖެހޭ

ރަސޫލާއަށް ފުރައްސާރަކުރި މައްސަލައަކާއި ގުޅިގެން ޒުވާނުން ނުރުހުން ފާޅުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ ވާހަކަތައް ދެކެވޭއިރު، “ޕާޓޭ” ފަދަ ބަސްތައް އާންމު ހާލަތެއްގައި އިވިގެންދެއެވެ. ބައެއް ކުދިންނަކީ އެ ބުނާ އަމަލުތައް ހިންގާ ކުދިންނެވެ. އެހެންނަމަވެސް އެންމެންނަކީ އެފަދަ ބަޔެއް ނޫންކަން ކަށަވަރެވެ. މިއަދުވެސް ގައުމުގެ ހިންގުންތެރިކަމުގެ އެކި ގުނަވަންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންދަނީ އިހުލާސްތެރި މަސައްކަތްތައް ކޮށްދެއްވަމުންނެވެ. ސަރުކާރުގައި އެކަނި ނޫނެވެ. އަމިއްލަ ދާއިރާގައިވެސް ގިނަ އަދަދެއްގެ ޒުވާނުން އެތައް މަސައްކަތްތަކެއް ކުރަމުންދެއެވެ.

އެހެންނަމަވެސް އަދުގެ ފުރާ އުމުރު ނުވަތަ ހަރު އުމުރުތަކުގެ ބޭފުޅުންނާއި އަދުގެ ޒުވާނުންނާއި ދެމެދު އޮތް ފެށަންގެ ތަފާތުތަކުގެ ސަބަބުންވެސް ޒުވާނުންނާއިމެދު ތަފާތުކުރުންތައް ގެންގުޅެމުންދާކަން ފާހަގަކުރެވެއެވެ. “ބޯ ދިގު ސޮރެއް” ގެ ގޮތުގައި ނިސްބަތްކުރާ އަޑު ވަރަށް ގިނައިން އިވިގެންދެއެވެ. ވަނަވަރު ތަފާތުވުމަކީ އެމީހާ ނޭދެވޭ އަމަލެއް ހިންގާކަމަށް ދެކެންޖެހޭ ސަބަބެއް ނޫނެވެ. ޒުވާނުން އުޅެމުންދަނީ އެންމެ ރަނގަޅަށް ކަމަށް ނުބުނަމެވެ.

އެހެންނަމަވެސް ވައްކަމާއި، ރާވިއްކުން އަދި ގަންޖާބުއިމާއި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުތައް ކުރެވިފައިވާ ބަޔަކު ނަގާ ބޮޑު ގޮނޑިއަށް ލުމަށް މަސައްކަތްކުރާ އެއްވެސް މީހަކަށް ޒުވާނުންގެ އަމަލުތައް ހުރި ގޮތާއިމެދު ޝަކުވާ ކުރުމަށް ޖާގައެއް ނެތެވެ. ހިނގަމުންދަނީ އިސްވެރިން ވަޑައިގެންނެވި މަގުންނެވެ. ނަގަމުންދަނީވެސް އެ ދެއްކެވި މިސާލެވެ. މިއަދު ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، އެފަދަ އެތައް އަޑެއް އެބަ އިވިގެންދެއެވެ. ޒުވާނުންތިބީ ގާތުން ބަލަންށެވެ. ޖަލަށް ވަޑައިނުގަންނަވާ އިސްވެރިޔަކު ނެތްކަން އެންމެހާ ޒުވާނުންވެސް ދަނެއެވެ.

ދުވަސްވީ އުމުރު ފުރައިގެ ބޭފުޅުންވެސް ދަންނާނެ ވަރަށް ބޮޑު ހަގީގަތެއް ދަންނަވާނަމެވެ. އެއްވެސް މީހަކީ އަމިއްލަ ނަފްސު ނުރައްކަލުގެ އަނގަ މައްޗަށް ހުށައަޅައިގެން އުޅެން ބޭނުންވާނެ މީހެއް ނޫނެވެ. އެއްވެސް މީހަކީ ބޭކާރަށް އެއްވެސް “ރިސްކެއް” ނަގާނެ މީހެއް ނޫނެވެ. ކެރި ފޯރުންތެރިކަން ހުރި އެއްވެސް މީހަކީ އެފަދަ އަމަލެއް ހިންގުމަށް އެއްވެސް މިންވަރެއްގެ ޝައުގެ ހުންނާނެ ބައެއް ނޫނެވެ.

ޒުވާނުންތަކެއް ނުރަނގަޅު މަގަކުން ހިނގަމުންދާ ނަމަ، ހަގީގަތުގައި އެކަމުގައި އިހުމާލުވާ ބަޔަކީ ވޭތުވެދިޔަ 50 ވަރަކަށް އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ހިފަހައްޓައިގެން ތިއްބެވި ފަރާތްތަކެވެ. މިއަދު ޒުވާނުން އެފަދަ މަގަކުން ހިނގާނަމަ ހިނގަނީ، ގައުމުގެ ވެރިކަމާއި ހަވާލުވެ ތިބި ނުވަތަ އެ މީހުންނަށްވުރެ ކުރިން އައި މީހުންނަށް އެ ބައެއްގެ ޒިންމާތައް އަދާނުކުރެވުމުގެ ސަބަބުންކަން އެއީ ދެކޮޅު ހެދިޔަސް ހަގީގަތެވެ.

އަނިޔާވެރިކަމަށް ބުނާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި އަދި އޭގެ ކުރީގައިވެސް ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހުރިއިރު، އެ ދުވަސްވަރުން ފެށިގެންވެސް އެ މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ މާލިއްޔާތުން އެތައް ހަރަދެއް ކުރެވިފައިވާނެއެވެ. ފަންސާހަކަށް އަހަރު ދުވަހު އެތައް ހަރަދެއް ކޮށް މިހާ ހިސާބަށް އައި އިރު މައްސަލައަށް ހައްލެއް ފެނިފައިނުވުމަކީ އަޖައިބު ނުވާނެ ވަރުގެ ކަމެއް ތޯއެވެ؟

އެތައް އަހަރުތަކެއް ހޭދަވެގޮސްފައިވާއިރު މިއަދުވެސް ވެރިކަމުގެ މޭޒުގެ އެކި ކަންތަކުގައި ފެންނަމުންދަނީ އެއް ބަޔަކެވެ. ހައްލުތައް ނާންނަނީ އެހެންކަމުންކަމަށްވެސް ވުން އެކަށީގެންވެއެވެ. ޔަގީނުންވެސް ގިނަ އަދަދެއްގެ ޕްލޭންތައް ހަދައި އެ މައްސަަލައަށް ހައްލެއް ގެނައުމުގެ ވާހަކަތައް ހިއްސާކުރެއެވެ. އެހެންނަމަވެސް މައްސަލަ ދުވަހަކުން ދުވަހަކަށް ބޮޑުވަމުންދިއުމުން، އެ ވިސްނާ ވިސްނުންތަކަކީ އޮއްޓަރެއް ނެތް އަދި ނުރަނގަޅު ވިސްނުންތަކެއްކަމަށް ފެނިގެންދެއެވެ. ރަނގަޅު ހިޔާލެއްގެ ދަށުން ރަނގަޅު ފިޔަވަޅުތަކެއް އެޅުނުނަމަ މި މިންވަރަށް ދިޔަވާތީ އުޅޭކަށް ނުޖެހޭނެއެވެ.

ހާލަތު ގޯސްވެ މިއަދު ކިލޯއެއް ބަސްޓުވުމުގެ ބަދަލުގައި އިވެނީ އެތައް ސަތޭކަ ކިލޯއެއްގެ ވާހަކަތަކެވެ. ފަންސާހެއްހާ އަހަރު ތެރޭގައި ހައްލެއް ގެނެވިފައިނުވަނީ އެ މަސައްކަތްތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ ކިބައިގައި އެކަން ހައްލުކުރުމަށް ބޭނުންވާ ފަދަ ވިސްނުމެއް ވިސްނުމުގެ ގާބިލުކަން ނެތިގެންކަމަށްވެސް ވެދާނެއެވެ. ނުވަތަ ހައްލުކުރުމަށް ބޭނުން ނުވަނީކަމަށްވެސް ވެދާނެއެވެ. އެކަން ނިންމަންވާނީ މަސްރަހަށް ނަޒަރު ހިންގަމުންދާ ރައްޔިތުންނެވެ.

ވޭތުވެދިޔަ ފަންސާހެއްހާ އަހަރު ވެރިކަމުގެ ތާޖަށް ތަޅާފޮޅި އެއްވެސް ބަޔަކަށް ޒިންމާތައް އަދާ ނުކުރެވި އޮތްކަމުގެ ހެކިތައް އެބަ ފެނެއެވެ. މިއަދުވެސް ދައްކާ އެންމެ ބޮޑު އެއް ވާހަކައަކީ މަގު ހެދުމާއި ނަރުދަމާ އެޅުން އަދި ބަނދަރު އެޅުމާއި ދަތުރުފަތުރުގެ ނިޒާމުގެ ވާހަކައެވެ. މި ދެކެވެމުންދަނީ އަދިވެސް އަސާސީ ހިދުމަތްތައް ގާއިމު ނުކުރެވި އޮތް ވާހަކައެވެ.

އަސާސީ އެންމެ އާދައިގެ މައްސަލަތައް ހައްލު ނުކުރެވުނު ބަޔަކަށް ގައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުގައި އެކަށީގެންވާ ހައްލެއް ގެނެވިދާނެކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އެހެންކަމުން މި ބޭފުޅުންނަށް ރާއްޖޭގެ މަސްތުގެ ދޮރުތައް ބަންދުކުރެވިދާނެތޯ ވިސްނާވަޑައިގެންނެވުން ވަރަށްވެސް މުހިންމެވެ.

މިއަދުވެސް ފެނިގެންދަނީ މިފަދަ ކަންކަމެވެ. ޒުވާނުންގެ ތެރޭގައި އޮތްކަންކަމަށް އެހާ މުހިންމުކަމެއް ދޭކަމަށް ނުފެނެއެވެ. ފުޓްސަލް ދަނޑު ނާޅާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ގައުމީ ފެންވަރުގައި ކުޅިވަރުން ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ އެއްވެސް ޒުވާނަކަށް އުންމީދެއް ނެތެވެ. އެންމެ ވަރުގަދަ ކަމަށް ފެންނަ ފުޓުބޯޅައިގެ ދާއިރާގައިވެސް މުސާރަ ނުދޭ ވާހަކަތައް ދެކެވިގެންދާއިރު، އެންމެހާ ޒުވާނުންނަށް މިސާލެއްގެ ގޮތުގައި ފެނިގެންދިޔަ އަޝްފާގުފަދަ ބޭފުޅުންނަށްވެސް އެ ބޭފުޅުންގެ ދާއިރާގައި ތިއްބެވިދާނެ މަގުތައް ހަގީގަތުގައި ފަހިކުރެވިފައިނުވެއެވެ. ބާކީ ޒުވާނުންނަށް އޮތް ހާލު ވިސްނާލިއަޔަސް ސާފުވާނެއެވެ.

އެހެންކަމުން ގައުމުގެ ހިންގުންތެރިކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ބަނޑު ބެގީ ޖައްސަވައިގެން ބޫޓުކޮޅު އޮފުކުރައްވައިގެން ގައުމުގެ ހިންގުންތެރިކަމުގެ މައްޗަށް ފައި އަރުއްވައިގެން ތިއްބެވީކަން ކަށަވަރެވެ.

އެހެންކަމުން ޒުވާނުންކީ ގައުމަށް ކުރިމަތިވެފައިވާ ވަބާއެއްގެ ގޮތުގައި ދެކުން ހުއްޓާލުން ވަރަށްވެސް މުހިންމުވެއްޖެއެވެ. ހިތްހަމަ ޖެހުނަސް އަދި ނުޖެހުނަސް އާހިރުގައި ގައުުމުގެ ކުރިމަގާއި ހަވާލުވާންތިބީ ހަމަ ޒުވާނުންކަމަށްވުމުންނެވެ. މިއަދު ލަސްވެސްވެފައިވާނަމަވެސް އަދިވެސް ހިންގުންތެރިކަމުގައި ތިއްބެވި ފުރާ އުމުރުގެ ބޭފުޅުންނަށް އުޖާލާ ކުރިމަގެއް ކަށަވަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ޒުވާނުންނަކީ ނުރަނގަޅު ނުވަތަ ނޭދެވޭ އަމަލުތަކެއް ހިންގަމުންދާ ބައެއްގެ ގޮތުގައި ސިފަކޮށްގެން ތިބުމުގެ ބަދަލުގައި އެ މީހުންނަށް ސާފު ދިރިއުޅުމަކާއި ދިމާލަށް ވާސިލުވެވޭނެ ސީދާ މަގެއްކޮށަައިދެވިދާނެއެވެ. ޒުވާނުން އުޅެމުންދާކަމަށް ބުނާ ނުރައްކާތެރި ވެށިތައް ރާއްޖޭގައި ނައްތާލުމަށް މަސައްކަތްކުރެވިދާނެއެވެ. އެއްވެސް ޒުވާނަކީ ގޮތެއް ނެތިގެން އިޖްތިމާއީ އާންމު ވިސްނުމާއި ހިލާފަށް އުޅެންޖެހިދާނެ މިހާކަށް ނުވާނެކަން ކަށަވަރު ކުރުމަށް މަސައްކަތްކުރެވިދާނެއެވެ.

ޒުވާނުންނަށް އެ ވެރިންގެ މައިންބަފައިން ރީތިގޮތުގައި އުޅޭތަން ފެނެއެވެ. އެހެންނަމަވެސް ގައުމުގައި ކުރިއަރައި ދިއުމަށް އަދި ފަހި ދިރިއުޅުމަކާއި ހިސާބަށް ވާސިލުވުމަށް އޮންނަ ޖާގަ ހަނިކަމުން ގިނަ އަދަދެއްގެ މީހުން ހާލުގައި ތިބެ ނިމިގެންދާތަންވެސް ފެނިގެންދެއެވެ. އެހެންކަމުން އެ ފަދަ ހިތިކަމެއްގެ ތެރޭގައި ނިމި ނުދިއުމަށް އެ ނޫން މަގެއް ހިޔާރު ކުރުން އެކަށީގެންވުމާއިއެކު އެއީވެސް ފެނިގެން ނުދާނެ މަންޒަރެއްކަމަށް ހެދުމަށްވެސް މަސައްކަތްކުރުން ވަރަށްވެސް މުހިންމު ވެއްޖެއެވެ. ޒުވާނުން ވެރިމާއި ހިސާބަށް ވާސިލުވުން އޮތީ ދާދި ގާތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: