ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފުކަމެއް ނުކުރަން، ރައްޔިތުންނަށް ގެއްލުން ދިނުމުގެ ނިޔަތެއް ނެތް: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ. (ފޮޓޯ/ ރައީސް އޮފީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ރައްޔިތުންނަށް ގެއްލުމެއް ކުރިމަތިވާ ގޮތަކަށް ވަޒީރެއްގެ ހައިސިއްޔުން އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް އެބައޮތްކަމަށް ބުނެ ޑިފެންސް މިނިސްޓްރީއަށާއި ސަރުކާރަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމުގެ ތުހުމަތެވެ. އަދި ރާއްޖޭގައި ހަތިޔާރު އެޅި އެ ގައުމުގެ ސިފައިން ތިބި އިރު އެ މީހުންގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރިމަތިވެދާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އަޅުވެތި ކުރުވުމަށް އިންޑިއާ މަސައްކަތް ކުރަމުން ދާކަމަށާއި އަދި ރާއްޖެއަށް ދޭ ލޯނުތަކާއި ހިލޭ އެހީތައް އަނބުރާ ދައްކަން ޖެހެނީ ބޮޑެތި އިންޓްރެސްޓް ރޭޓުގައިކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ. އެހެންވެ އެކި ފަހަރު މަތީން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ތަފްސީލު ދޭން އެދުނު ނަމަވެސް ކަމާއި ބެހޭ އިދާރާތްތަކުން ބުނީ އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެކަމަށެވެ.

މިގޮތަށް އިދިކޮޅުން ދެން ހުށަހަޅާފައި ވަނީ އަސްކަރީ ކަންކަމާއި ގުޅުން ހުރި އެއްބަސްވުންތަކުގެ ތަފްސީލު ހޯދުމަށެވެ. އުތުރުތިލަފަޅާއި، ހަނިމާދޫ އެއާޕޯޓު އަދި އައްޑޫ ޕޮލިސް އެކަޑަމީ އާއި ގުޅޭގޮތުން ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އަދި މި ތަންތަނުގައި އިންޑިއާގެ ސިފައިން ދިގު މުއްދަތަކަށް ތިބެވެނެ ހުއްދަ އެއްބަސްވުންތަކުގެ ދަށުން ދީފައިވާކަމަށް ތުހުމަތު ކުރެއެވެ.

ސިފައިންގެ ޖުމްލަ އަދަދު ހާމަކޮށްދޭން އެދި މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ހުށަހެޅި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެ އެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއްކަމަށް ބުނެ، އެކަމަށް އެމްއެންޑީއެފްއިން އިންކާރު ކުރެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހާޒިރު ކުރުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވީ މި ތުހުމަތުތަކާއި ގުޅޭގޮގޮތުންނެވެ. ނަމަވެސް މާރިޔާ ވަނީ އެއީ ގަވައިދުގެ ދަށުން ކުރެވޭނެ ސުވާލުތަކެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމް ސުވާލު ކުރެއްވީ ރާއްޖޭގައި ހަތިޔާރު އެޅި ބޭރު ގައުމެއްގެ ސިފައިން ތިބިކަމުގެ އެތައް ވާހަކަތަކެއް ދެކެވި އެ ކަންބޮޑުވުންތަކާއި އެކު އެ މީހުންނާއި ދެކޮޅަށް ހިޔާލު ފާޅު ކުރަމުން ދާ މީހުންނާއި މެދު އިހާނެތިކޮށް އަމަލު ކުރަމުން ދާ ސަބަބާއި ގުޅޭގޮތުންނެވެ. އަދި ސިފައިންގެއަށް ގިނަ އަހަރުތަކެއް ހިދުމަތް ކުރެއްވުމަށް ފަހު ޝަރަފުވެރިކަމާއި އެކު ރިޓަޔާރ ކުރައްވާފައިވާ ބޭފުޅުންނަށް އަމާޒުކޮށް ގަދަރު ކުޑަވާގޮތަށް އަދި ކުޑައިމީސްކޮށް މާރިޔާ ދެއްކެވި ވާހަކަތަކަށް މައާފަށް އެދެން ޖެހޭކަމަށް ގަބޫލު ކުރައްވަން ތޯ އެވެ.

މީގެއިތުރުން 2021، މޭއި 06 ގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނުވާކަމަށް ސިފައިން ބުނެފައިވާއިރު އެކަމުގައި މާރިޔާ މިނިސްޓަރުގެ ހައިސިއްޔަތުން ފެއިލްވިކަމަށް ގަބޫލު ކުރައްވަން ތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މާރިޔާ އެންމެ ފުރަތަމަ ވިދާޅުވެދެއްވީ، ވާޒީރުންނާއި ސުވާލު ކުރުމާއި ބެހޭ ގަވައިދާގެ ދެވަނަ މާއްދާގައި ބަޔާން ކުރާ ވަޒީރަކާއި ސުވާލު ކުރެވޭނެ ދާއިރާތަކެވެ. އެގޮތުން ވަޒީރަކު ރަސްމީ ގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާއި މެދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރާނެކަމަށް ބުނެފައިވާއިރު މާރިޔާ ވިދާޅުވީ ދިފާއީ ވަޒީރެއްގެ ގޮތުގައި ރަސްމީ ގޮތުން ކުރާ މަސައްކަތްތައް ވެސް ހުންނާނެ ކަމަށެވެ.

އެ ކަންކަމަކީ މާރިޔާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިފާއީ ވުޒާރާ ހިންގާނެ ގޮތުގެ އިރުޝާދު ދިނުމާއި، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދިފާއީ ކަންކަމުގެ ސިޔާސަތާއި އިސްތިރާޖީ ކަނޑައެޅުމެވެ. އަދި ބައެއް އިތުރު މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ.

ދިފާއީ ވުޒާރާގައި ހިނގަމުން ދާ ކަންކަމަށް ޖަވާބުދާރީވުން އޭގެ ތެރޭގައި ހިމެނިފައިވާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ މެމްބަރު ޝިޔާމްގެ ސުވާލުގައި އިޝާރާތް ކުރެއްވި އެއްވެސް ކަމަކަށް އެއްބަސް ނުވާކަމަށެވެ.

މާރިޔާ ވިދާޅުވީ ވަޒީރަކާއި ސުވާލު ކުރެވޭނީ ވަކިކަމަކީ އެއީ ގާނޫނާއި ހިލާފުކަމެއްކަމަށް ތުހުމަތުތައް ކުރެވޭނަމަ އެއީ ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުން ލިބިދާނެ އަމަލެއްކަމަށް ބެލެވޭނަމަ ކަމަށެވެ.

”އަޅުގަނޑު ގާނޫނާއި ހިލާފު އެއްވެސްކަމެއްކޮށްފައި ވެސް ނުވާނެ.. ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުން ލިބިދާނެ އެއްވެސްކަމެއް ވެސް ކޮށްފައި ނޯންނާނެ.…“ މާރިޔާ

މާރިޔާ ވިދާޅުވީ ޝިޔާމްގެ ސުވާލަކީ އެއީ ވަޒީރުންނާއި ސުވާލު ކުރުމުގެ ގަވައިދުގެ ދަށުން އޭނާއާއި ކުރެވޭނެ ސުވާލެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތަކަށް އެކި ފަހަރު މަތީން ހުށަހެޅުނު މައްސަލައެއްގެ ތެރެއިން، 2021 ވަަނަ އަހަރު އޮތް ބައްދަލުވުމެއްގައި އޭރު ކުރެވުނު ތުހުމަތުތަކާއި މެމްމަރުންގެ ބައެއް ސުވާލުތަކަށް މާރިޔާ ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ޑޯނިއޯ މަތިންދާ ބޯޓު އަދި ހެލިކޮޕްޓަރުގެ އިންތިޒާމުތައް ބަލަހައްޓަން ޖުމްލަ 75 އިންޑިއާގެ އަސްކަރިއްޔާ މީހަކު ގާއިމްވެ ތިބޭކަމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: