ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑު މައްސަލައިގައި ޒިންމާ ނަގަން ނުޖެހޭނެ، ރައީސް ދަތުރު ކުރާ ރޫޓު ކަނޑައަޅަނީ ވަޒީރެއް ނޫން: މާރިޔާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލުޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި، އެމަނިކުފާނާއި ދެކޮޅަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިހުތިޖާގެއް ކުރިޔަށް ގެންދިޔަ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑު އެ ސަރަހައްދުގެ ތެރެއަށް ވަނުމާއި ގުޅިގެން ނަގަން ޖެހޭ ޒިންމާއެއް ނެތްކަމަށާއި ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރައްވާ ރޫޓާއި މަގު ކަނޑައަޅަނީ ދިފާއީ ވަޒީރު ނޫންކަމަށް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އޮތް ރަސްމީ އިވެންޓެއް ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރު ކުރީ އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ޕާޓީ އޮފީސް ދޮރުމަކީ ކުރިޔަށް ގެންދިޔަ މުޒާހަރާ ސަރަހައްދަށެވެ. އެއްވުމުގެ ބައިވެރިންނަށް އެއީ ރައީސްގެ ކާރުކޮޅުކަން އެނގި، ކުރިޔަށް ދިއުމަށް ހުރަސް އެޅުމުގެ ސަބަބުން މޮޓޯކޭޑު އެ ސަރަހައްދުގައި 15 މިނެޓު އޮންނަން ޖެހުނެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ދަނީ މިއީ ސެކިއުރިޓީ ފެއިލިއާއެއްކަން ފާހަގަކޮށް ދައުލަތުގެ މަތީވެރިއެއްގެ ސެކިއުރިޓީ ބްރީޗް ވި މިއީ ދެވަނަ ފަހަރުކަން ފާހަގަކޮށްފަ އެވެ. ބްރިޖުން ފައިބައި ބޮޑު ތަކުރުފާނު މަގުން ކުރިޔަށް ދެވެން އޮއްވައި އިދިކޮޅު ޕާޓީ އޮފީސް ހުންނަ ސަރަހައްދަށް ރައީސްގެ މޮޓޯކޭޑު ދިޔަ ސަބަބާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މި މައްސަލައިގައި އިދިކޮޅު އެއްވުމުން ބައެއް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި އިރު، މައްސަލައިގައި ސެކިއުރިޓީ އާއި އެމްއެންޑީއެފް އަމަލު ކުރި ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މައްސަލައިގެ ބައްދަލުވުންތަކުގެ ފުރަތަމަ މަޝްވަރާ މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް ދެން ހުރި ބައްދަލުވުންތައް ސިއްރު ކުރުމަށް ވަނީ ނިންމާފަ އެވެ.

މޮޓޯކޭޑު މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި މާރިޔާ އާއި ސުވާލު ކުރެއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ރައީސްގެ މޮޓޯކޭޑަށް ދިމާވި ހާލަތަކީ ދުރާލައި ރާވައިގެން ހިނގިކަމެއްގެ ގޮތުގައި ބެލެވޭތޯ އާއި ސިލްސިލާކޮށް މުޒާހަރާތައް ކުރިޔަށް ގެންދާ ތަނެއްގެ ކައިރިން މޮޓޯކޭޑު ދިއުމަށް ނިންމާފައިވާ ނިންމުމަކީ އެއީ ގަސްތުގައި ކުރެއްވި ކަމެއްތޯ ސައީދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މާރިޔާ ވިދާޅުވީ އެ މައްސަލަ 241 ކޮމިޓިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މެމްބަރުންގެ އެކި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައި މާރިޔާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ތަޅުމުގައި ސުވާލު ކުރެވޭނީ ރަސްމީ މަސްއޫލިއްޔަތާއި މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށެވެ.

”މި މައްސަލަ 241 ކޮމިޓީން ދަނީ ބައްލަވަމުން.. ދެން އަޅުގަނޑު ދަންނަވާލާނީ ދެންމެ ވެސް އަޅުގަނޑު ދަންނަވާލިން އަޅުގަނޑުގެ ވަޒީރުކަމުގެ އެ މަސައްކަތް އަޅުގަނޑުގެ ރަސްމީ މަސައްކަތް ހިމެނޭ ކަންތައްތައް.. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ރޫޓު ކަނޑައެޅުއްވުން އެއީ ދިފާއީ ވަޒީރެއް ކުރައްވާކަމެއް ނޫން.. އެހެންވީމަ ވަޒީރުންނާއި ސުވާލު ކުރުމުގެ ތަރަހައިގެ ތެރެއިން ހިމެނޭ ގޮތަށް ނޫން ގޮތަކަށް ސުވާލު ކުރެވޭނެކަމަށް އަޅުގަނޑު ގަބޫލު ނުކުރަން…“ މާރިޔާ

އެއްވުމެއް ކުރިޔަށް ދާ ތެރެއަށް، ރައީސްގެ މޮޓޯކޭޑު ދިއުމަކީ ގާނޫނުތަކާއި ހިލާފުކަމަކަށް ވުމާއި އެކު ގިނަ ބަޔަކު ވަނީ މިއީ ސެކިއުރިޓީ ފެއިލިއާއެއްކަން ފާހަގަކޮށް މާރިޔާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަކީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ސެކިއުރިޓީ ފެއިލިއާ އަދި އިންޓެލިޖެންސް ފެއިލިއާކަން ފާހަގަކުރެވެ އެވެ. އެ މައްސަލައިގައި ވެސް، މާރިޔާއަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރުގެ ބައެއް މެމްބަރުންގެ ފަރާތުން ވެސް އަމާޒުވި އެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް މާރިޔާ ރައްދު ދެއްވާފައި ވެއެވެ. ޓުވީޓެއް ކުރައްވައި މާރިޔާ ވިދާޅުވެފައި ވަނީ ސިފައިންގެ އެތެރޭގައި ދިމާވާ މައްސަލައެއް ނުވަތަ އިހުމާލެއްގެ ޒިންމާ މިނިސްޓަރުގެ ބޮލުގައި އަޅުވަނީ އަންހެނަކަށް ވީތީ ކަމަށެވެ.

”އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށް ދިޔައިމަ ހެލްތް މިނިސްޓަރު ބޮލަކަށް ނުޖަހާ.. ފުލުހުން ގޯސްކޮށް ކަމެއް ކުރީމާ އެކަން ހޯމް މިނިސްޓަރު ބޮލަކަށް ނުޖަހާ..“ މާރިޔާ

މޮޓޯ ކޭޑަށް އިދިކޮޅުން ހުރަސްއެޅި ވަގުތު، ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ހަވާލްވެ ހުރި ކާނަލް އަބްދުﷲ އިބްރާޙިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާއިން ވަނީ އެކަހެރިކޮށްފަ އެވެ.

ދައުރު ވި އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ. އެތަނުގައި ރައީސްގެ ކާރަށް ކުރިޔަށް ނުދެވި 15 މިނެޓު އޮންނަން ޖެހުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: