ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ވެރިކަން ހޯދާކަން ނޫން، ނިޒާމް ހަރުދަނާކުރުމަށް: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ވެރިކަން ހޯދުމަށް ނޫންކަމަށާއި، ދިވެހިރާއްޖެ ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށްކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަސައްކަތްކުރައްވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއިއެކު މަސައްކަތްކުރެވޭނެ މަގެއް ފަހިކުރުމަށްކަމަށް ފާހަގަކޮށް، އެމަނިކުފާނު އަމިއްލައަށް ނިކުމެ އިންތިހާބުގައި ވާދަ ނުކުރައްވަނީ ކީއްވެގެންތޯ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ސުވާލުކުރުމުން ޔާސިރު ވިދާޅުވީ ރައީސް ނަޝިދު ވެރިކަން ހޯދުމަށް މަސައްކަތް ނުކުރާކަމަށާއި، ރައީސް ނަޝީދަކީ ވެރިކަމުގެ ބޭނުމުގައި މަސައްކަތްކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދާ މަސައްކަތަކީ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ރައީސް ނަޝީދު ދައްކަވާ ވާހަކައަކީ ދިވެހިރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމްކުރެވިފައި އޮތް ނަމަވެސް، އެ ނިޒާމު ހަރުދަނާނުވާ ވާހަކަކަމަށް ޔާސިރު ވިދާޅުވިއެވެ. ހަމަ އެގޮތުން އެމްޑީޕީގައި ގާއިމްކޮށްފައިވާ އުސޫލުތައް ނެގެހެއްޓުމަށްވެސް އެންމެ ބުރަ މަސައްކަތްކުރައްވަނީ ރައީސް ނަޝީދުކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅިގެން ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މަޖިލީހަށް ގަރާރުތަކާއި މައްސަލަތައް ހުށައަޅަނީ ސަރުކާރަށް ދަތިކުރުމުގެ ގޮތުން ނޫންކަމަށާއި، އެއީ ހަމަ މެންބަރުންގެ ކަންބޮޑުވުން ހުރި މައްސަލަތައްކަމަށެވެ. ވެރިކަމަށް އަންނަނީ މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުންގެ ހައްގުގައި މަސައްކަތްތަކެއް ކޮށްދެއްވުމަށްކަމަށާއި، އެއާއި އެއްގޮތަށް މަސައްކަތްނުކުރުމުން އެ ވާހަކަދައްކާ ސަރުކާރު ޒިންމާދާރުކުރުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްކަމަށް ފާހަގަކޮށް ޔާސިރު ވިދާޅުވީ، އެފަދަ މައްސަލަތައް މަޖިލީހަށް ހުށައެޅުމުން ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހުގެ ތަޅުމުން މައްސަލަތައް ބޭރުކުރަނީ ބަހުސްކުރަން ބޭނުން ނުވާތީކަމަށެވެ. އެފަދަ ހާލަތްތަކުގައި މެޖޯރިޓީގެ ބޭނުންކުރައްވަމުން ގެންދަވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޕާޓީގެވެސް އުސޫލުތަކާއި ހިލާފަށް، އަދި ގާނޫނު އަސާސީގެވެސް ރޫހާއި ހިލާފަށް މިއަދު އެ މަސައްކަތްކުރެވެނީ ޖަޒުބާތެއްގައި ޖެހިގެން. އެހެން ނަމަވެސް މަސައްކަތްކުރުމަކީ އެމްޑީޕިގެ މަޖިލީސް މެންބަރުންގެ ޒިންމާއެއް. އެއާއި ޖެހިގެން ގައުމީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް.

ރައީސް ސާލިހާއި، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތްކުރައްވަނީ އެމްޑީޕީގެ އަސާސްތަކާއި ދިމާ އިދިކޮޅަށްކަމަށާއި، އެމްޑީޕީއިން ވިއްކަމުން އައި އިންސާފާއި ހަމަހަމަކަން މިހާރު ނެތްކަމަށެވެ. މިކަންކަމާއި ދުރަށް ބަހުސްކޮށް، ވޯޓުދިނުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ފާހަގަކޮށް ޔާސިރު ވިދާޅުވީ، ޕާލިމަންޓު ގުރޫޕު (ޕީޖީ) ގެ ރުހުމާއި ނުލާ ގަރާރުތައް މަޖިލީހަށް ހުށަނޭޅޭހެން އޮތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. ޔާސިރު ވިދާޅުވީ ވަޒީރުންނާއި ސުވާލުކުރުމަށް ޕާލިމަންޓްރީ ގުރޫޕުގެ ބަހެއް ބޭނުމެއް ނުވާނެކަމަށާއި، ގާނޫނު އަސާސީ އިން ވަރަށް ސާފުކޮށް މެންބަރުން މަސައްކަތްކުރުމުގައި ރިޔާއަތްކުރަންޖެހޭނެ ކަންކަން އެނގެން އެބަ އޮތްކަމަށެވެ.

އެގޮތުން މަޖިލީހުގެ މެންބަރުން މަސައްކަތްކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންކަމަށާއި، އަމިއްލަ މަންފާތައް ހާސިލްކުރުމަށްޓަކައި މަގާމުގެ ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ. އިންތިހާބުވެފައިވާ ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ދާއިރާއާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޔާއަތްކުރަންޖެހޭއިރު، މިހާރު އެމްޑީޕީގައި ތިބި ރައީސް ސާލިހަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތް ކުރައްވަނީ މިއާއި ސީދާ އިދިކޮޅަށްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު ވަކިކޮށްފައިވާ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީސްވެސް ބޭނުންކުރަނީ ރަބާ ސްޓޭމްޕެއް ގޮތަށްކަމަށާއި، އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރަންޖެހޭނެކަމަށް އެމްޑީޕީގެ މެންބަރުން ބުނަމުންދާކަމަށެވެ. ޝިފާޒްއަކީ ރައީސް ސާލިހު އަންގަވާ މަސައްކަތްތައް ކުރެއްވުމުގެ މަތީގައި ދެމި ހުރި ބޭފުޅެއްކަމަށާއި، ޝިފާޒް ހުންނެވީވެސް ޕާޓީގެ އަސާސްތަކުގެ މަތީގައިކަމަށް ޔާސިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
90%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: