ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުނގޫފާރު ރަށްގިރުން ހުއްޓުވަން ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިތައް އެބަ ހުރި: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ އުނގޫފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިތައް ދިމާވެފައިވާކަމަށާއި މައްސަލައަށް ހައްލެއް ލިބިފައިނުވާކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރު ބަޖެޓު ކުރެވިފައިވާ ރ އނގޫފާރު މާކުރަތު އަދި ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތާއިމެދު މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އުނގޫފާރުގެ މަސައްކަތްތައް ކުރުމަށް އޮގަސްޓު 2022 ގައި އެމްޓީސީސީ އާއި ހަވާލު ކުރެވިފައިވާކަމަށެވެ. އަދި އެ ކުންފުނިން މިވަގުތު ކުރަމުންދަނީ ރަށުގެ ނެރުގެ މަސައްކަތްތަކެއް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އުނގޫފާރުގެ “ޝޯ ޕްރޮޓެކްޝަން” މަސައްކަތްތައް އެމްޓީސީސީއިން ނެރުގެ މަސައްކަތްތައް ނިމުމާއިއެކު ކުރިއަށް ގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރުމުގެ ތެރެއިން އެމްޓީސީސީއަށް ދަތިތަކެއް ދިމާވެފައިވާކަމަށެވެ. އެގޮތުން ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށާއި އެ މައްސަލައަށް ޖުމުލަ ހައްލެއް ލިބިފައިނުވާކަމަށް އަސްލަމް އިޝާރާތްކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ދިމާވެފައިވާ ދަތިތައް މުޅިން ހައްލު ވެފައިނުވާނަމަވެސް މަސައްކަތްތައް ކުރުމަށް ބޭނުންވާ މިންގަނޑަށް ބޮޑު ހިލައިގެ ޝިޕްމަންޓުތައް “ދޭތެރެ ދޭތެރެއިން” ލިބެމުންދާކަމަށެވެ. އެ މައްސަލަ ދިމާވެފައިވަނީ ބޮޑު ހިލައަކީ ރާއްޖެއިން ލިބެން ހުރި އެއްޗަކަށް ނުވާތީކަމަށް އަސްލަމް އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މާކުރަތުގެ މަސައްކަތްތައް އެމްޓީސީސީ އާއި ހަވާލުކުރުމަށްޓަކައި އަގެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީއަށް ވާނީ އެ ކުންފުންޏަށް މަޝްރޫޢޫ އެވޯޑުކުރުމަށް އެދިފައިކަމަށެވެ. އަދި ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެ މަޝްރޫޢޫއަށް ބޭނުންވާ ޑިޒައިން މަސައްކަތްތައް ނިމިފައިނުވާކަމަށާއި އެކަން ނިމުމާއިއެކު އެ ރަށުގެ ކައުންސިލަށް ޑިޒައިން ހިއްސާކުރާނެކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ، މަސައްކަތަށް އަގު ކަނޑައަޅައި އެވޯޑު ކުރެވިގެންދާނީ އެ މަރުހަލާއަށް ފަހުކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރައްވާނެކަމަށެވެ.

އަސްލަމްވަނީ ރަށް ގިރުމާއި ބެހޭ ގޮތުން އޭނާ ދެކިވަޑައިގަންނަވާ ގޮތް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ވިދާޅުވެފައެވެ. އަސްލަމް ވިދާޅުވީ، ދިވެހިރާއްޖޭގަައި ފަހަކަށް އައިސް އެ މައްސަލަ ވަރަށް ބޮޑަށް ފާޙަގަކުރެވެމުންދާކަމަށެވެ. އަސްލަމް ވިދާޅުވީ، ފާހަގަވެގެންދާ އެއް ސަބަބަކީ މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއަށްވެސް ކުރަމުންދާ އަސަރުތަކެއް ކަމަށާއި އަނެއް ސަބަބަކީ ތަރައްގީ އާއިއެކު ކުރެވެމުންދާ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތަރައްގީ އާއިއެކު ކުރީގައި ނުކުރާ އެތައް މަސައްކަތެއް މިހާރު ރާއްޖޭގެ “ޝޯ ލައިން” ގައި ކުރާކަމަށެވެ. އޭނާ ވިދާޅުވީ، އެ ކަންކަމުގެ ތެރޭގައި ބަނދަރު ހެދުން ފަދަ ގޮނޑު ދޮށާއި ގާތުން ކުރެވޭ އެތައް ކަމެއް ވާކަމަށެވެ.

އަސްލަމް ވިދާޅުވީ، ރަށް ގިރުމުގެ ކަންކަން ފާހަގަކުރެވެނީ ރަށް ގިރަން ފެށުމުންކަމަށެވެ. އަދި އެ ހިސާބުން ހައްލެއް ހޯދުމަށް ކެއް ނުލައި އުޅޭކަމަށާއި އެހެންނަމަވެސް އިންޖިނޭރުންނަށް އެކަން ހައްލު ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ނުލިބޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ފުރިހަމަ ހައްލެއް ލިބިގެން ނުދާކަމަށް ވިދާލުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: